ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެނާ ނެގި ފުލުހުންނަށް ރައީސް ޔާމީންގެ ބަހުގެ ހަމަލާއެއް: “ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ”!

ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ ނެގުން
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ޖެހި ބެނާތައް ނެގި ފުލުހުން ތިބީ އިންޑިއާ އާއި ދިވެހި ސަރުކާރުގެ ދަށުވެފައިކަމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ އަމަލުތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތްތަކަށް އަންގައި ގަރާރެއް ނެރުއްވާފަ އެވެ. މިއީ ނަފްރަތު އުފެއްދުމުގެ އަމަލެއްގެ ގޮތުގައި ބުނެ ނެރުނު ގަރާރަކީ، އިންޑިއާ އައުޓް ޖެހި ބެނާއެއް ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި އާއި، އިދިކޮޅު ޕާޓީ އޮފީސް ހުންނަ ހ. ހުރަފާ ހިމެނޭހެން މާލޭގެ ބައެއް ގެތަކުގައި އިންޑިއާ އައުޓް ޖެހި ބެނާތަކެއް ހަރު ކުރިތާ 24 ގަޑިއިރުގެ ތެރޭގައި އައި އެންގުމެކެވެ.

ރޭ ފަތިހު ފަތިސް ނަމާދުގެ ވަގުތުގައި ނެރުނު ކޯޓު އަމުރަކާއި އެކު ފުލުހުން ރައީސް ޔާމީންގެ ގެކޮޅުގައި ހުރި ބެނާ ނެގުމުގެ މަސައްކަތް ފެށުމުން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަދި ބައެއް އާއްމުން އެ ސަރަހަދަށް އެއްވި އެވެ. އިމާރާތުގެ ތިން ފްލޯ ހެދުމަށް ފަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރިޔަށް ދާ ރައީސް ޔާމީން ދިރިއުޅުއްވާ އެޕާޓްމެންޓުގައި ޖަހާފައިވާ ބޮޑު ބެނާ ނެގުމަށް ފުލުހުން ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަ ކުރި އެވެ.

ބެނާ ނެގުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް، ފިޒިއޮތެރަޕީއަށް ދާން ނިކުމެ ވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަމުން ފުލުހުންނަށް ބަހުގެ ހަމަލާއެއް އަމާޒުކޮށް ރައީސް ޔާމީން ވަނީ މިއީ ބައެއްގެ ދަށުވެ ތިބުމުން ހިނގާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ، ފުލުހުން ތިބީ ވަރަށް ބޮޑަށް ސަރުކާރުގެ ދަށުވެފައި ކަމަށެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވީއިރު ކާރާއި ޖެހިގެން ނޫސްވެރިންނާއި، ބައެއް ސަޕޯޓަރުން ތިއްބެވެ.

“ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ” ކާރަށް އަރައިވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް އިންޑިއާއިން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް، އިދިކޮޅުން ވަނީ ރާއްޖެ އާއި އެ ގައުމާއި ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެ އެއްބަސްވުންތަކުގެ ދަށުން ހަތިޔާރާއި އެކު އުޅުމުގެ ފުރުސަތު އިންޑިއާގެ އަސްކަރިއްޔާއަށް ދީފައިވާކަމަށް ވެސް ދަނީ ބުނަމުންނެވެ.

ސަރުކާރުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައި އެންމެ ފަހުން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު އޮތީ އިންޑިއާގެ ދަށުވެފައިކަމަށާއި ބޭރުގެ ގައުމުތަކުގެ އެހީތައް ބަލައިގަނެވެނީ ވެސް އިންޑިއާގެ ހުުއްދައާއި އެކު ކަމަށެވެ. އަދި ސަރުކާރުން ބަޔާންތައް ނެރެނީ އިންޑިއާގެ ސަފީރު އަންގާ ގޮތެއްގެ މަތީންކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: