ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: ލަމްހާގެ ވަކީލު ބުނީ ދައުލަތުން މަސައްކަތް ކުރަނީ ނޫސްވެރިން މެދުވެރިކޮށް ދޮގު ހެޑްލައިން ހަދަންކަމަށް!

މޭރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި، ދައުވާ އުފުލާފައި ވާ ހަލީމަލު ލަމްހާ އާއި ގުޅޭގޮތުން ދައުލަތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުންދާކަމަށާއި، ބޭނުމަކީ ނޫސްވެރިން މެދުވެރިކޮށް ދޮގު ހެޑްލައިން ގެނައުންކަމަށް އޭނާގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އަދި ހަލީމަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. މިދިޔަ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިން ކަމަށެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުވާތަކަށް އިންކާރުކޮށް ލަމްހާ ބުނީ ދައުލަތުން މަސައްކަތް ކުރަނީ އޭނާއާއި ގުޅޭގޮތުން މީޑިއާތަކުގައި ހެޑްލައިންތައް ހެދުމަށްކަމަށެވެ. އަދި މި މައްސަލައިގައި އެންމެ މުހިންމު ހެއްކަކީ މާވިން އާއި މޭރީގެ ދަރިފުޅަށް ވާއިރު އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމުގެ މަސައްކަތާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭކަމަށް ބުންޏެވެ. ލަމްހާގެ ގާނޫނީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ކުއްޖާގެ އެސެސެމްންޓެއް ހެދުމަށް ފިލިޕީންސްގެ ކަމާއި ބެހޭ އިދާރާތްތަކުގެ އެހީ ހޯދާކަމަށް ދައުލަތުން ބުނި ނަމަވެސް އެކަމުގައި ވެސް ފަރުވާކުޑަ ކުރަމުންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ މުޅި މައްސަލަ ބިނާ ވާނީ ކުއްޖާގެ ވާހަކަތަށްކަމަށާއި، އަދިވެސް އެ ރިޕޯޓު ލިބޭނެ ވަގުތެއް ބުނަން ދައުލަތަށް ނޭނގޭ ކަމަށެވެ. އަދި މައްސަލައަށް ޖަވާބުދާރީ ވެވޭނީ އެ ރިޕޯޓު ލިބިގެންކަމަށް ވަކީލު ތަކުރާރުކޮށް ވިދާޅުވި އެވެ.

ދައުވާ ސާފު ނުވާކަމަށް ބުނެ، ލަމްހާ ވާހަކަ ދެއްކި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ވިދާޅުވީ އެކަށިގެންވާ ވަގުތު ދެވިފައިވާތީ ޖަވާބުދާރީވާން އަންގާ ކަމަށެވެ. އެހެންފެ ފުރުސަތަކަށް އެދިވަޑައިގެން ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ މައްސަލަ ގާތުން ނޫސްވެރިން ކަވަރު ކުރަމުންދާތީ، ދައުލަތުން ގަސްތުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދައްކާ ކަމަށެވެ. އަދި ދައުލަތުގެ ބޭނުމަކީ ނޫސްވެރިންނަށް އަޑުއިއްވަން ދައްކާ އެ ވާހަކަތައް މީޑިއާތަކުން ގެނައުންކަމަށް އޭނާ ވިދާޅުވި އެވެ.

މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތު ކުރުމަށް ދައުލަތުން ބައެއް ނުކުތާތަށް ހުށަހެޅި އެވެ. ދައުލަތުން ބުނީ އެންމެ ފުރަތަމަ މައްސަލަ ގޯސްވީ ލަމްހާ އާއި މާވިން ދެމެދު އޮތް ލޯބީގެ ގުޅުމުގެ މައުލޫމާތުތައް މޭރީއަށް އެނގުނު ހިސާބުން ކަމަށެވެ. އަދި ލަމްހާގެ ވަކީލު ދެއްކެވި ވާހަކައިގެ ރައްދުގައި ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ނޫސްވެރިން ޝަރީއަތަށް ވަދެ ތިބުމުން ދައްކާ ވާހަކައެއް ނޫންކަމަށާއި، މެރީއަށް އިންޖެކްޝަން ދޭން ޖެހޭ ގޮތުގެ ވާހަކައިގެ ތަފްސީލުތައް ވެސް އެބަހުރި ކަމަށެވެ.

ދައުލަތުގެ ވަކީލު ނައުފަލް ވިދާޅުވީ ލަމްހާ މާވިންއަށް ފޮނުވުމަށް ފަހު ޑިލިޓު ކުރި ބައެއް މެސެޖުތައް ރިކަވާކޮށްފައިވާއިރު، އެ މެސެޖުގައި މީހެއްގެ ގަޔަށް އިންޖެކްޝަން ޖަހަން ވީ ގޮތުގެ އިރުޝާދު އޭނާ ދޭކަމަށެވެ. އަދި އެ މެސެޖުތަކަށް ބާރު ލިބެނީ ލަމްހާގެ ގެއިން ފެނުނު ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ ނުރައްކާތެރި އިންޖެކްޝަނެއް ކަމަށެވެ. މިއީ އިންސާނެއްގެ ފުރާނައަށް ނުރައްކާ ކުރުމަށް ބޭނުން ކުރެވިދާނެ އިންޖެކްޝަންތެއްކަން ދައުލަތުން ފާހަގަ ކުރިއެވެ.

ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކުގައި ހުރި ސަކްސިނައިލްކޮލިންގެ އަސަރު މޭރީގެ ހަށިގަނޑުން ފެނުނު ކަމަށް ބުނެ އެކަމުގެ ތަފްސީލު ވެސް ދައުލަތުން ދިނެވެ.

ލަމްހާ ގެއަށް ވަންނަތަން ސީސީޓީވީން ފެނޭ، ގެއިން ނިކުންނަމުން ފިންގާ ޕްރިންޓު ފޮހެން މަސައްކަތް ކުރި

މޭރީ މަރާލުމުގައި ލަމްހާގެ އެ ނިޔަތް އޮތްކަން ފާހަގަކޮށް ދައުލަތުން ބުނީ ހާދިސާ ހިނގި ދުވަހުގެ އެ ވަގުތުގައި އޭނާ ގޮސް މޭރީ އާއި މާވިން ދިރިއުޅޭ ގޭގެ ސިޑިން އަރާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށެެ. އަދި އޭގެ ފަހުން ލަމްހާ ނިކުމެގެން ދަމުން، ފިންގާޕްރިންޓު ނާރާނެހެން ޓީޝާޓު ބޭނުންކުރި ކަމަށް ދައުލަތުން ބުންޏެވެ. ވަކީލު ވަނީ ލަމްހާގެ ބައިވެރިވުމެއް މޭރީގެ މަރުގައި ނެތް ނަމަ އެފަދައިން އަމަލު ކުރަން ޖެހޭ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ދައުލަތުން ވަނީ މޭރީ ދަން ޖެހުނުކަމަށް ބުނެ އައިޖީއެމްއެޗްގެ އެމްބިއުލާނބްސް ސެކްޝަނަށް ގުޅީ ލަމްހާ ގެއިން ނިކުތްތާ މިނެޓެއް ތެރޭގައި ކަމަށެވެ.

ދައުލަތުން ތުހުމަތު ކުރި ގޮތުން ލަމްހާ ގެއިން ނިކުތީ މޭރީ ދަން ޖެހުނުކަމަށް ދައްކަން އެ ހުރިހާ ކަމެއް ނިންމާފައެވެ. މިވާހަކަ އިއުތިރާޒުކޮށް ދައުލަތާއި ސުވާލު އަމާޒުކޮށް ލަމްހާގެ ވަކީލު ވަނީ އިމާރާތަށް ވަންނަތަން ފެނުނަސް ގެއަށް ވަންނަކަން އެނގޭ ގޮތަކާއި މެދު ސުވާލުކޮށްފަ އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ އިމާރާތުގެ އެހެން ފްލޯތަކުގައި މީހުން އުޅޭއިރު އެ ގެތަކުން އެއްވެސް މީހަކާއި ލަމްހާ އާއި ގުޅުމެއް ނެތްކަމަށާއި، އިމާރާތުގައި ދިރިއުޅޭ މީހުންނާއި ސުވާލު ކުރުމުން ލަމްހާ އެ ގެއަށް ވަދެފައި ނުވާކަމަށް ބުނި ކަމަށެވެ.

ދައުލަތުން ދެން ލަމްހާ އާއި ދެކޮޅަށް ފާހަގަ ކުރީ މީގެ އަހަރުތަކެއް ކުރިން ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގެ ސުޕްރީމް ކޯޓުގެ ނިންމުމެވެ. ކޯޓުގެ ނިންމުމުގައި ރިއާޔަތް ކުރީ ވަށައިގެންވާ ކަންކަމަށް ޥާއިރު މި މައްސަލައިގައި މޭރީ މަރުވީ ލަމްހާއަށް ނޭނގި އޭނާގެ ބައިވެރިވުމެއް ނެތިކަމަށް ބެލެވެން ނެތްކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ރައްދުގައި ލަމްހާގެ ވަކީލު ވިދާޅުވީ މި މައްސަލަ އާއި ޝީރީންގެ މަރުގެ މައްސަލަ އާއި އަޅައި ނުކިޔޭނެކަމަށާއި ޝީރީންގެ މަރުގައި ނަޖާހާއި ދެކޮޅަށް އެތައް ހެއްކެއް ހުރި ކަމަށެވެ.

މީގެ އިތުރުން މާވިން އަކީ ވެސް ނަރުހަކަށް ވާއިރު އިންޖެކްޝަން ޖަހަން ވީ ގޮތާއި، ސަމާލުވަން ވީ ކަންކަން ލަމްހާ ކިޔައިދިން ކަމަށް ދައުލަތުން ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށް ލަމްހާގެ ވަކީލު ވިދާޅުވި އެވެ. ވަކީލު ޝާރިއު ވިދާޅުވީ ލަމްހާ އަކީ ތަނުގެ ޖޫނިއާއެއްކަމަށާއި، މާވިން އަކީ އޭނާގެ ސީނިއާއަކަށް ވާއިރު ޖޫނިއާ ނަރުހެއް ސާނިއާ ނަރުހަކަށް އިންޖެކްޝަން ޖަހަން ކިޔައިދިން ކަމަށް ބުނުމަކީ ޖޯކެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ ހަމަ ހަގީގަތުގައި ވެސް ނޫސްވެރިން ތިބީތީ ހެޑްލައިން ހަދަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ރައްދުކޮށް ފިލިޕީންސްގައި ވަރި ކުރުމުގައި އޮންނަ އުސޫލަށް ވެސް ބަހުސް ކުރި އެވެ. ދައުލަތުން ބުނި ގޮތުގައި ލަމްހާ އާއި މާވިން ކައިވެނި ކުރެވޭތޯ ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފިލިޕީންސްގެ ގާނޫނުގެ ދަށުން ވަރި ކުރުން ފަސޭހަ ނޫންކަމަށް ބުންޏެވެ. ލަމްހާގެ ވަކީލު ޔާމީން ނުރުހުންވެ ދައުވާ ސާފު ނުވާކަމަށް އަނެއްކާވެސް ބުނުމުން ދައުލަތުން ބުނީ ޖެއްސުން ކުރާ ގޮތަށް ވަށްބަހުން ވާހަކަ ދައްކާނަމަ ދައުވާ ސާފުކޮށްދޭން އުނދަގޫ ވާނެކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ދެން ވާހަކަ ދެކެވެނުނީ، ލަމްހާގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުންނެވެ. އެގޮތުން ލަމްހާ މާފުށީ ޖަލުގެ ފާހަނާއަށް މިދިޔަ ހަފްތާގައި ވެއްޓި ހޮސްޕިޓަލަށް ދެއްލުމުން ބެޑް ރެސްޓު ކުރުމަށް އެނގިކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންވެ ދެން އޭނާ ހުށަހެޅި ޝަކުވާއަކީ ފާހަނާއިން ވެސް ބަލީދީއަކަށް ފެން އަޅައި އުުފުލަން ޖެހުމެވެ. އެ ވާހަކައާއި އެކު ފުރަތަމަ ފަހަރަށް ޝަރީއަތުގައި ވާހަކަ ދައްކައި ލަމްހާ ބުނީ އޭނާ އަކީ މައިބަދައިގެ ޑިސްކު މައްސަލަ ހުންނަ މީހަކަށް ވާތީ ގަވައިދުން ކަސްތަތުކޮށް ކެއުމުގައި ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެހެންވެ ގާޒީ ނިންމެވީ ލަމްހާގެ ބަންދު ރިވިއު ކުރުމަށް އަންނަ އަންގާރަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށެވެ.

މިއަދު މާވިންގެ ޝަރީއަތް ތާވަލު ކުރި ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ނުކުރެވުމުން ޝަރީއަތް ކުރިޔަށް ނުގެންދެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: