ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބުރޭ، އިންތި ޓީމަށް: ރަށް ފަޅުވެދާނެ އޭ ބުނަން ޖެހޭ ސަބަބެއް ނެތް، ތިއީ ތާއީދު ނެތީމަ ދައްކާ ވާހަކަ!

ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބުރޭ ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމްޕެއިން ދަތުރުތަކުގައި ރަށްތަކަށް ގޮސް ވޯޓު ނުދީފި ނަމަ އެ ރަށެއް ފަޅުވެދާނެކަމަށް ބުނެ ފައްޔާޒް އިސްމާއިލްގެ ޓީމުން ވާހަކަ ދައްކާކަމަށް ބުނާ ވާހަކައަކީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށް ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ ޕާޓީގެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވާ އިންތިހާބުގެ ފޯރިގަދަވެ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑެތި ބައިބައިވުންތަކުން ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް ވަނީ އުފެދިފަ އެވެ.

ވާހަކަ ދެކެވޭ ގޮތުގައި ފައްޔާޒް އިންތިހާބަށް ނިކުންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އެވެ. އެހެންވެ ކެމްޕެއިންތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް، ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިންތިގެ ކެމްޕެއިން ޓީމުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ފައްޔާޒަށް ތާއީދު ކުރާ މެމްބަރުން ރަށްތަކަށް ވަޑައިގެން އޭނާއަށް ވޯޓު ނުދީފިނަމަ ރަށް ފަޅުވެދާނެކަމަށް ބުނާ ބުނުމެވެ.

އެހެންވެ އެ މައްސަލަތައް ޕާޓީގެ އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ ނުފޫޒުގެ ޝަކުވާތައް ސައްހަ ކަމަށެވެ. މައްސަލަ ނިންމައި ދިން ޖަވާބުގައި ވަނީ އިންތިހާބުގައި އެ މެމްބަރަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓު ހޯދަން މަސައްކަތް ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

މި ނިންމުންތަކާއި ތުހުމަތުތަކަށް ސަންގުޓީވީގެ “ނިއުސްރޫމަށް” ދެއްވި އެކްސްކްލޫސިވްއެއްގައި އިބްރާހިމް ވިދާޅުވީ އިންތިހަބާއި ގުޅޭގޮތުން ކޮމިޓީތަކަށް ހުށަހަޅައިގެން ބެލީ އިންތިހާބީ ޝަކުވާއެއްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އިންތިހަބަށް ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތްތައް ކުރާކަމަށް ބުނެ ފައްޔާޒަށް ތުހުމަތުތަކެއް އަމާޒު ކުރަމުންދާއިރު ހަގީގަތަކީ މި އިންތިހާބަށް ނުފޫޒު ފޯރުވަމުން ދަނީ ވާދަވެރި ޓީމުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނުފޫޒުތަކެއްގެ ވާހަކަ ދައްކައި މައްސަލަ ހުށަހެޅި ކޮމިޓީއަކީ ވެސް އެބޭފުޅުންގެ މަސްލަހަތު އޮންނަ ގޮތަށް އިންތިހާބާއި ބެހޭ ގަވައިދާއި ހިލާފަށް ނަގާފައި އޮތް ކޮމިޓީއެއް ކަމަށެވެ.

މައްސަލަތައް ބަލަން ޖެހޭނެ ގޮތާއި އެ ބަލައިގަންނަން ޖެހޭނެ ގޮތްތައް ގަވައިދުގައި ބަޔާންކޮށްފައިވާއިރު އެކަން ވެސް ކުރިޔަށް ގެންދިޔައީ އުސޫލުތަކާއި ހިލާފަށްކަމަށް އިބްރާހިމް ވިދާޅުވި އެވެ.

“އެބޭފުޅުން ބޭނުންވާހާ ގޮތަށް މިކަން ކުރަމުން ދާތަން މި ފެންނަނީ” އިބްރާހިމް

ޕާޓީގެ މެމްބަރުންނަށް ނުފޫޒެއް ފޯރުވޭނެ ހިސާބެއްގައި ހުރީ އިންތިކަން ފާހަގަކޮށް އިބްރާހިމް ވިދާޅުވީ އެއީ މިހާރު ވެސް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ތާރީހުގެ ތެރޭގައި މިހާތަނަށް ޕާޓީގެ އެހެން މަގާމެއްގައި ހުރެ އިތުރު އެއްވެސް މަގާމަކަށް ބޭފުޅަކު ވާދަކޮށްފައި ނެތް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީއަކީ ވަކިވަކި މީހުންގެ މައްސަލަ ބެލޭނެ ބާރު ލިބިފައިވާ ކޮމިޓީއެއްކަމަށާއި، ދޮގު ތުހުމަތުތައް އެޅުވުމުގެ ބަދަލުގައި ރިވެތި ކެމްޕެއިނެއް ކުރުމަށް ގޮވާލާ ކަމަށެވެ.

އިންތިގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ނިންމި ނިންމުންތަކަށް ކަންބޮޑުވުންފާޅުކޮށް އިބްރާހިމް ވިދާޅުވީ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅައިގެން ކުރިޔަށް ދިއުމަށް ބުނެފައިވާ ވާހަކައަކީ އެބޭފުޅުންނާއި މި މައްސަލައާއި ގުޅުމެއް ނެތަސް މަގާމަށް ގެންނަން ބޭނުންވާ ކެނޑިޑޭޓު ބޭނުންވާ ގޮތަށް ބަޔާން ނެރެދޭނެކަމުގެ ވާހަކަ ކަމަށެވެ.

“ދެން އަޅުގަނޑަށް މުޅި އެތި ކިޔާލީމާ ސިފަވީ ގޮތަކީ ގާނޫނީ ގޮތުން ބަލަންޏާ ތިމަންނާ މެންނާއި ބެހޭ މައްސަލައެއް ނޫނޭ.. ތާއީދު ކުރާ ކެނޑިޑޭޓަށް ފަހިވާ ގޮތަށް ބަޔާނެއް ނެރެދޭނަމޭ… ނިންމުންތަކަށް ބަލާއިރު ވެސް އިނގޭ އެބޭފުޅުންނާއި ނުވެސް ބެހޭ މައްސަލައެއް އަމިއްލައިން ނިންމައިގެން އުޅެނީކަން” އިބްރާހިމް

ފައްޔާޒްގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އިންތިހާބުގައި އެހެން ކެނޑިޑޭޓަކަށް ވޯޓު ނުދީފިނަމަ ރަށް ފަޅުވެދާނެކަމަށް ނުވަތަ މަޝްރޫއުތައް ހުއްޓިދާނެކަމަށް ބުނަމުންދާ ވާހަކައިގެ ރައްދުގައި އިބްރާހިމް ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި ޕާޓީކަމަށާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބާރުގަދަ ވެރިކަމެއް ވެސް ނިމުމަކަށް ގެނައީ ހަމަ އެމްޑީޕީކަމަށެވެ. އެހެން ކަމުން އެމްޑީޕީގެ މެމްބަރުންތަކެއް އެފަދަ ބޯދާ ކުރީގެ ވިސްނުމަކަށް ހެއްލިދާނެކަމަށް ބުނުމަކީ ވެސް މޮޔަ ވިސްނުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރި އެވެ.

“ދެން މީހަކު ރަށަށް އަރައި އެހެން އެއްޗެއް ބުނެލިޔަސް އެމްޑީޕީގެ މެމްބަރުންނެއް އެއަށް ބޯ ނުލަނބާނެ… އެމްޑީޕީގެ މެމްބަރުންނަކީ އެމްޑީޕީގެ އުސޫލުތައް ހިފަހައްޓާނެ ބައެއް… މީހުން އައިސް ވޯޓު ނުދީފިއްޔާ ރަށް ފަޅުވެދާނެ އޭ… އެމްޑީޕީގެ މެމްބަރުން ގަބޫލެއް ވެސް ނުކުރާނެ އެ ވާހަކައެއް” އިބްރާހިމް

އިބްރާހިމް ވިދާޅުވީ އޭނާ ދެކޭ ގޮތުގައި މި ވާހަކަތައް ދެކެވޭ ސަބަބަކީ ރަށްތަކުގެ ކެމްޕެއިން ދަތުރުން އިންތިހާބު ގެއްލޭނެކަން ޔަގީންވުމެވެ. އެހެން ކަމުން އެބޭފުޅުން ތާއީދު ހޯދަން ދައްކާ ވާހަކަތަކަށް އާއްމުންގެ ސަމާލުކަން ނުލިބުމުން އެހެން ގޮތަކަށް ސަމާލުކަން ހޯދަން މިފަދަ ވާހަކަތަކެއް ދައްކަނީކަމަށް އޭނާ ސިފަ ކުރި އެވެ.

އިންތިހާބަށް ބާކީ ދެ ހަފްތާ އޮތްއިރު ކެނޑިޑޭޓުންގެ ޓީމުތަކުގެ ދެމެދުގައި ބަދަލު ކުރާ ބަހުގެ ހަމަލާތައް މިހާރު ވަނީ ސީރިއަސް ބޮޑެތި ތުހުމަތުތަކަށް ބަދަލުވެފަ އެވެ. ދާދިފަހުން އާއްމުވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގެ ސްކްރީންޝޮޓުތަކެއްގައި މެމްބަރުން ވަނީ ރާބުއިމާއި، ޒިނޭގެ ތުހުމަތުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: