ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ތަހުގީގު ލަސްވެފައި ވާތީ، ރައީސް ނަޝީދުގެ އާއްމު ދިރިއުޅުމަށް ވެސް އުނދަގޫ ވޭ: މަޖިލިސް

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފައިވާނާއި، ފޯނު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދިފައި ނުވާތީ، މަސައްކަތުގެ ރަސްމީ މަސްއޫލިއްޔަތު އަދާކޮށް މިނިވަންކަމާއި އެކު ދިރިއުޅުމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް އަންނަ ހަފްތާގައި އަހަރެއްވާއިރު ވެސް މިހާތަނަށް މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑުގައި ކުރިޔަށް ނުދެ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ. މައްސަލައިގައި 09 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފުލުހުން ބުނީ މީގެ ތެރެއިން 04 މީހުންނަކީ ބޮން ތައްޔާރުކޮށް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުން ކަމަށެވެ.

މައްސަލައިގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާތީ، މަޖިލީހުގެ އިދާރާއިން އާއްމު ކުރި ބަޔާނެއްގައި ބުނީ މިއީ މުޅި ދައުލަތާއި، ދިވެހި މުޖްތަމައުއާއި ދެކޮލަށް ބަޔަކު ދިން ހަމަލާއެއް ކަމަށެވެ. އަދި ގާނޫނީ ބާރާއި ދިމަކްތާރީ މުވައްސަސާތަކަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަ ކުރި އެވެ. ހާއްސަކޮށް ދިވެހި މުޖްތަމައު އާއި މެދު ދުނިޔޭގެ ކަންކޮޅުތަކުން ދެކެމުން އައި ނަޒަރިއްޔާތު އެއްކޮށް ބަދަލުވެގެން ދިޔަކަމަށް ބަޔާނުގައި ވެއެވެ.

“ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަންއޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދި ބިރުވެރިކަން ވަނީ އުފެދިފައެވެ.” މަޖިލީހުގެ އިދާރާ

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކުރީ، ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް ލަސްވުމެވެ. 09 މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު ބާކީ ތިބި މީހުންގެ ޝަރީއަތްތައް އެކި ސަބަބުތަކާއި ހުރެ ހިފެހެއްޓިފައިވާކަމަށް ބާޔާނުގައި ވެއެވެ.

ހަމަލާގެ ސަބަބުން ރައީސް ނަޝީދު އެއްތަނުން އަނެއް ތަނަށް ވަޑައިގަތުމުގައި އުނދަގޫތަކެއް ދިމާވެ މިނިވަންކަމާއި އެކު ދިރިއުޅެން އުނދަގޫވާކަމަށް މަޖިލީހުން ބުންޏެވެ.

“ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަޙްޤީޤުކުރުމުގެ މުހިންމުކަން މި ހިނދުގައި ފާހަގަކުރަމެވެ.” މަޖިލީހުގެ އިދާރާ

ޓެރަރިޒަމްގެ އަމަލުތައް ގިނަވެފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއަކީ ފަހުގެ ތާރީހެއްގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގެ ގޮތުގައި ބަޔާނުގައި ވެއެވެ. ހަރުކަށި ފިކުރާއި ގުޅުން ހުރި މިފަދަ ހަމަލާތައް ތަހުގީގުކޮށް ޝަރީއަތް ހިންގައި ކަމުގައި ޝާމިލުވާ ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ ތަހުގީގީ އިދާރާތްތަކަށް ގޮވާލާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެކޮޅު މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: