ގައުމެއްގެ މަގުތަކުގައި ހިނގާ ފަރާތްތަކަށް ހައްގެއް ނެތްނަމަ، އެ ގައުމެއްގައި އެހެނިހެން ހައްގުތައްވެސް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.
މާލެގެ މަގުތަކުގައި ޕާރކިންގް ސްލޮޓްސްތައް ވިއްކާފައި ހުރުމުގެ ސަބަބުން ފައި މަގުގައި ދަތުރު ފަތުރު ކުރާ ފަރާތްތަކަށް އަދި އެހެނިހެން މަސައްކަތްތައް ކުރުމުގައި ދަތިތައް ކުރިމަތިވާކަން ފާހަގަކޮށް ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ކޮވިޑް 19ގެ ބިރުވެރިކަމުގެ ތެރޭގައި ވޯޓެއް ނެގުމުގެ ސަބަބުން މަދު ބަޔަކު ނުކުމެ ނަމަވެސް ވޯޓުލާ، މާލެސިޓީ ކައުންސިލުގެ މެޖޯރިޓީ ލިބިފައިވަނީ ޕީޕީއެމްއަށްކަމަށެވެ. އެހެންކަމުން މާލޭގެ މަގުތައް ޕީޕީއެމުން ބަލަހައްޓައިދޭން ޖެހޭނެކަމަށް އިޝާރާތްކުރަށްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، މާލޭގެ މަގުތަކުގައި ހިނގާ އުޅުން މިވަގުތު ނުރައްކާތެރިކަމަށް ބަދަލުވެފައިވާކަމަށެވެ. އަދި މަތިން ކުނި ފެނާއި، ލަކުޑި ބުރި ފަދަ ތަކެތި ފައިބާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ހިނގާފައިވެސް ދާންޖެހެނީ ނަޖިސް ފެނުތަކެއްގެ ތެރެއިން ކަމަށާއި، މަގުތަކުގައި ފައި މަގުގައި އުޅޭ ފަރާތްތަކަށް 2 ފޫޓުގެވެސް ޖާގަ މިހާރު ނޯންނަކަމަށެވެ.
މާލޭގެ މަގުތަކުގައި ހިނގާ އުޅުމުގެ ދަތިތައް ތަހައްމަލު ކުރަން ޖެހިފައިވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު އިޝާރާތް ކުރެއްވީ ޕްރައިވެޓް ފަރާތްތަކަށް ވެހިކަލް ޕާރކުކުރުމަށް ދޫކޮށްފައިވާ ޖާގަތަކަށެވެ. އެހެންކަމުން އެނާ ވިދާޅުވީ، މިހާރު މާލޭގެ މަގުތަކަކީ ގަރާޖުތަކެއް ކަމަށެވެ. އަދި އެހެން ކޮންގައުމެއްގައި ތޯ މިފަދައިން މަގުތައް ގަރާޖުތަކަކާއި ވޯކްޝޮޕްތަކަށް ހަދައިގެން އުޅެނީ ސުވާލުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، އެނާ ގެއިންވެސް ނުކުންނަން އެތައް ދަތިތަކެއް ތަހައްމަލު ކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން އެ މަގުން ހިންގާފައިގޮސް ކާރަކަށްވެސް އެރެނީ ދަތިތަކަކަށް ފަހު، ދުރުހިސާބަކުންކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.
މަގުތަކުގައި ޕާކިންގް ސްލޮޓްސް ދޫކޮށްފައިވުމުން ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރަން ޖެހިފައިވާކަމަށް އިޝާރާތްކުރައްވާ އިތުރަށް ވާހަކަދައްކަވަމުން އިބްރާހިމް ރަޝިދު ވިދާޅުވީ، ޕީޕީއެމްއާއި މާލެސިޓީ ކައުންސިލު ހަވާލުކުރުމުން މުޅި މާލެ ގަރާޖުތަކެއްގެ ގޮތުގައި ވިއްކާފައިވާކަމަށެވެ. އަދި އެފަދައިން ނުވިއްކޭނެކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މާލޭގެ މަގުތަކަކީ އެންމެހާ ރައްޔިތުންގެ އެއްޗެއްކަމަށެވެ. އަދި މަގުތަކަކީ ޕަބްލިކް ސްޕޭސް ގޮތަށް ކަނޑައެޅިފައިވާ ތަނެއްކަމަށް ވީނަމަވެސް އެތަނުގައި އޮންނަނީ ޕްރައިވެޓް ކާރުތަކެއް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
އިބްރާހިމް ރަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ޕާކިންގް ސްލޮޓްސްތައް ދޫކުރުމުގެ ތެރޭގައި އެތަކެއް މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވެއެވެ، އެގޮތުން ކޮރަޕްޝަނަށް މަގުފަހިވާކަހަލަ ކަންކަން ހުރިކަމަށްވެސް ބައެއް ފަރާތްތަކުން އިޝާރާތްކޮށްފައިވާކަމަށްވެސް ފާހަގަކުރެވެއެވެ.

