116 މިލިއަން ޑޮލަރަށް މާލެ- ހުޅުމާލެ ބުރިޖު އެޅީ ރައީސް ސޯލިހު ނޫންކަމުން އެކަމާއި އެ މަނިކުފާނު ހިތާމަކުރައްވާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ރައީސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ 5 އަހަރުގެ ދަރަނިތައް މި 4 އަހަރަށްވުރެ ބޮޑުކަމަށް ސިފަކުރައްވާފައިވާ ދަނޑިވަޅެއްގައި، ޓްވީޓެއް ކުރައްވާ ރައީސް ޔާމިން ވިދާޅުވީ، އަނެއްކާވެސް ވޯޓު ހޯދުމުގެ ބޭނުމުގައި އެތަކެއް ދުވަސްތަކެއް ހަނދާން ނެތިފައި ހުންނެވުމަށްފަހު ރައީސް ސޯލިހު ނުކުމެވަޑައިގެން އެން އުކައިފިކަމަށެވެ. އަދި ހަގީގަތް އޮޅުވާލުމަށް ރައީސް ސޯލިހު ކުރައްވަމުންދާ އޮއްޓަރެއް ނެތް މަސައްކަތްތަކުން، ހަނދާން ނެތޭ ބަލީގެ އިތުރު އަލާމާތްތައްވެސް ފެނިގެންދާކަމަށް ފާހަގަކުރައްވާ ރައީސް ޔާމިން ވިދާޅުވީ، 116 މިލިއަން ޑޮލަރަށް މާލެ- ހުޅުމާލެ ގުޅުވައިދިން ބުރިޖު އެޅުއްވީ ރައީސް ސޯލިހު ނޫންކަމުން އެ މަނިކުފާނު އެކަމާއި ހިތުގެ ފުންމިނުން ހިތާމަ ކުރައްވާ ކަމަށެވެ.
”ގިނަ ދުވަސްތަކެއް ވަންދެން ހަނދާން ނެތިފައި ހުރުމަށް ފަހު، ވޯޓު ހޯދުމުގެ ބޭނުމުގައި ރައީސް ސޯލިހު އަނެއްކާވެސް އެން އުކައިފި، ހަގީގަތް އޮޅުވާލުމަށް ކުރާ އޮއްޓަރެއް ނެތް މަސައްކަތުން، ހަނދާން ނެތޭ ބަލީގެ އިތުރު އަލާމާތްތަކެއް ފެނިގެންދޭ، ހުޅުމާލެ ބުރިޖު 116 މިލިއަންޑޮލަރަށް އެޅީ އަމިއްލައަށް ނޫންކަމުން އެކަމާ ހިތުގެ ފުންމިނުން ހިތާމަކުރޭ، އަދި 3 އަހަރު ދުވަހު ރައީސް ނަޝީދު ހުރީ އެފަދަ މަސައްކަތަކާއިމެދު ހިތައް އަރާވެސް އާޝޯހުވެފައި“ ރައީސް ޔާމިން
ރައީސް ސޯލިހު ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތްކުރައްވާކަމަށް އިޝާރާކޮށް ރައީސް ޔާމިން ކުރެއްވި ޓްވީޓްގައި އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަދި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައިއެވެ. އެހެންކަމުން ރައީސް ޔާމިން ވިދާޅުވީ، ތިން އަހަރުގެ ދައުރެއްގައި ރައީސް ނަޝީދު އެފަދަ މަޝްރޫޢެއް ހިތައް އަރުވައި އާޝޯހުވެފައި ހުންނެވީކަމަށެވެ.
ރައީސް ޔާމިން މިފަދައިން ވިދާޅުވެފައިވާއިރު، ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާއި ބައްދަލުކޮށް، ހީނަރުވެފައިވާ ދިވެހި ރާއްޖޭގެ މާލީ ހާލަތާއިމެދު ވާހަަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިހާރު އިންތިހާއަށް ބޮޑުވެފައިވާ ދިވެހި ރާއްޖޭގެ ދަރަނީގެ އަދަދަކީ އެއްދުހުގެ ނަތީޖާ ނޫންކަމަށެވެ. އަދި އެކި ދައުރުތަކުގައި ދަރަނިތައް ބޮޑުވަމުން ގޮސްފައިވާކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމިންގެ ދައުރުގައި ނަގާފައިވާ ދަރަނީގެ އަދަދަށްވުރެ މިދައުރުގައިވަނީ އެ އަދަދު ކުޑަ ކުރެވިފައިކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހުވަނީ މި ބައްދަލުވުމުގައި އެ މަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާއިއެކު ނުކުންނާނެކަމަށް އިއުލާނުވެސް ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.

