ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްގެ މައްސަލައިގައި ނަޝީދު: ”ވާނުވާ ނޭނގި ވާހަކަ ދެއްކުމަކީ އިސްލާމީ ޝަރީއާގައި އޮތް ގޮތެއް ނޫން“!

ރައީސް ނަޝީދާއި، ނާޒިމް ސައްތާރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮއްކޯފުޅަށް ވީތީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ދިފާއުކޮށް، އޭނާއަށް އަދަބު ދިނުމަށް ހުރަސް ނާޅުއްވާކަމަށާއި ނަމަވެސް ކަމެއްގެ ދެކޮޅު ނުބަލައި ވާހަކަ ދެއްކުން ރަނގަޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެއް ޖިންސުން ގުޅުން ހިންގައި، ހަޑިމުޑުދާރު އަމަލު ހިންގާ ނާޒިމްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ، ނާޒިމަކީ ސޯޝަލް މީޑިއާގައި ސިޔާސީ އެކި ފަރާތްތަކަށާއި ގާނޫނީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބަވާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޒާތީ ގޮތުން ދިމާ ކުރައްވައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ޓްވީޓު ކުރައްވާ ބޭފުޅެކެވެ.

ވީޑިއޯ އާއްމުވުމުން ނާޒިމް ވަނީ، އޭނާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި މޭއި ހައެއްގެ ހަމަލާގެ ހަގީގަތް ހާމަ ކުރާތީކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލި މީހުންނަށް ވެސް ރައްދު ދިނެވެ. ހަފްތާއެއް ފާއިތުވީ އިރު ވެސް ނާޒިމް ހައްޔަރުކޮށްފައި ނުވާއިރު، ސޯޝަލް މީޑިއާގައި ނާޒިމްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދަނީ ގޮވާލަމުންނެވެ.

މައްސަލައިގައި ފުލުހުން މީޑިއާތަކަށް ބުނީ ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށާއި، ވީޑިއޯ އާއްމު ކުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއިން ބައެއް މީހުން ފާހަގަ ކުރެވިފައިވާކަމަށެވެ. ނާޒިމަށް އެއްވެސް ފިޔަވަޅެއް ނާޅަނީ، އެއީ ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅަށް ވާތީކަމަށް ބުނެ ފާޑުކިއުން އަމާޒުވާއިރު މައްސަލަ ބަލަންޖެހޭކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ތާވަލުކޮށް ކުރިޔަށް ގެންދިއުމަށް ރައީސް ނަޝީދު ފުރުސަތު ދެއްވާފައި ނުވެ އެވެ.

ސަރުކާރުން ނުވަތަ އެމްޑީޕީން އެއްޖިންސުން ގުޅުން ހިންގުމާއި، ހުޅަނގުގެ ގައުމުތަކުގެ ގަބޫލު ކުރުންތައް ދިފާއު ކުރާކަމަށް ވާހަކަތައް ދެކެވޭއިރު، ނާޒިމްގެ މައްސަލަ އެމްޑީޕީގެ މެމްބަރުން މިހާތަނަށް ކުށްވެރިކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި މީޙުންގެ އަގު ވައްޓާ ނުލުމަށާއި، ޒާތީ ނުވުމަށް އެމްޑީޕީގެ މެމްބަރުން ދަނީ ގޮވާލަމުންނެވެ.

މިގޮތަށް ދިމާވަނީ ނާޒިމަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅަކަށް ވީމަތޯ ސުވާލު ކުރުމުން، އާސްކް ސްޕީކާ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ ތަހުގީގަށް އެއްވެސް ހުރަހެއް ނާޅުއްވާކަމަށެވެ. އަދި ނާޒިމަށް ލިބެން ޖެހޭ އަދަބެއް ހުއްޓުވައި، ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާކަމަށް ވެސް ވިދާޅުވި އެވެ.

އެއް ގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެން ޖެހޭ ހައްގު އަދަބެއް ނުދޭން އަޅުގަނޑު ނުދަންނަވާނަން… އަދި އެއްވެސް މީހަކަށް ލިބެން ޖެހޭ ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް ނުދަންނަވާނަން، ރައީސް ނަޝީދު

ތުހުމަތުތައް ދިފާއު ކުރައްވާ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ، ކަމުގެ ދެކޮޅު ނުބަލައި ބަސް ބުނެ އަދަބު ދޭން އުޅުން ރަނގަޅެއް ނޫން ކަމަށެވެ. އަދި އެއީ އިސްލާމީ ޝަރީއާ އަދި ގާނޫނުތައް ދަންނަ އުސޫލެއް ނޫންކަމަށް ވިދާޅުވި އެވެ. އެހެންވެ ގާނޫނުތަކާއި އެއްގޮތަށް އަމަލުކޮށް، މައްސަލަތައް ބެލުމަށް ރައީސް ނަޝީދު ގޮވާލި އެވެ.

ކަމެއް ހިނގާ އިރަށް އަޅުގަނޑުމެން އޭގެ ދެކޮޅު ނުބަލައި، ވާނުވާ ނޭނގި، އެ އަމަލު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި އޮތް ގޮތެއް ނޫން.. ގާނޫނުގައިވާ ގޮތުގެ މަތިން ކަންކަން ކުރަމުން އަޅުގަނޑުމެން ގެންދިޔައިމަ ރަނގަޅުވާނެ، ރައީސް ނަޝީދު

މީގެ އިތުރުން ހަމަ މި މައްސަލައާއި ގުޅުވައި އެހެން މީހެއްގެ ސުވާލަކަށް ރައީސް ނަޝީދު ވިދާޅުވީ، ތަހުގީގު ހިނގަމުންދާކަމަކަށް ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް މައްސަލަ ފުލުހުން ބަލަމުންދާކަމުގެ މައުލޫމާތު ލިބޭކަމަށް ވިދާޅުވި އެވެ. ރައީސް ނަޝިދު ވިދާޅުވީ 43 މީހެއްގެ މިފަދަ ފޮޓޯ އާއި ވީޑިއޯތަށް ނަގައި، އިތުރު ފޮޓޯތައް އެޑިޓުކޮށް އުފެއްދުމާއި ކަންކަން ހިގަމުންދާކަމަށެވެ. އަދި އެމަނިކުފާނަށް އެނގޭ މައުލޫމާތެއް ނަމަ ފުލުހަށް ހިއްސާ ކުރައްވާފައިވާނެކަމަށް ވިދާޅުވި އެވެ.

ދާދިފަހުން މަޖިލީހުގައި ރައީސް ނަޝީދު ވަނީ ވީޑިއޯތަކުގެ މައްސަލައިގައި ފުލުހުންގެ އަތެއް ވާކަމަށް ތުހުމަތުކޮށްފަ އެވެ.

ލިވާތު ކުރުން ފަދަ ހަޑިމުޑުދާރު އަމަލު ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން އާއްމުން ދަނީ ގޮވާލަމުންނެވެ. އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، ފުލުހުންނާއި އަދި މަޝްހޫރު ބައެއް މީހުން ހިމެނެ އެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 53%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: