ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އެތައް ވަޢުދެއްވެ ގިނަ ހުވަފެންތަކެއް ދެއްކެވުމަށް ފަހުގައެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ބޮޑު އަހުދުނާމާއެއް ހިއްޕަވައިގެންނެވެ. އެ އަހުދުނާމާގެ އެންމެ ކުރީގައި އޮތީ އިސްލާމްދީނުގެ ވާހަކައެވެ. އިސްލާމީ ދައުލަތެއްގެ ވަލީއުލްއަމްރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނަވާ ބޭފުޅެއްގެ ފުރަތަމަ ވަޢުދު ގުޅިފައި އޮންނަން ޖެހޭނީ ވެސް އިސްލާމްދީނާއެވެ. ނަމަވެސް މިއަދު ރާއްޖެއިން ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކަށް ބަލާއިރު ރައީސް ސާލިޙް ވެޢުދުވެ ވަޑައިގެންނެވި ގޮތަށް އިސްލާމްދީނުގެ ކަންކަން ތަންފީޒް ކުރެވޭ ތަނެއް ނުފެނެއެވެ.
ދައުލަތުގެ އެންމެހާކަންކަން ހިނގަމުން ދަނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައިކަން ކަށަވަރުކުރާނެ ކަމަށް ރައީސް ސާލިޙްގެ އަހުދުނާމާގައި ބުނެފައިވީނަމަވެސް އެކަން އެ މަގުން ނުދާކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އޭގެ ހެއްކަކީ ﷲ އަށާއި އިސްލާމްދީނަށާއި މާތް ރަސޫލާއަށް ހަޖޫ ޖަހާ ފުރައްސާކުރި މީހުންނާއި ފުރައްސާރަ ކުރަމުންދާ މީހުންނަށް އަދަބު ނުދީ ފިޔަވަޅު ނާލައި މިނިވަން ކަމާއިއެކު އެފަދަ މީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ތިބުމެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ހުކުމްތަކަށް ޖޯކް ޖަހާ ބޮޑެތި ރިޕޯޓްތައް ނެރުނު މޯޅްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާއި ހޯޕްވޯ ވިމެން ފަދަ ޖަމްއިއްޔާތަކާއި އެ ޖަމްއިއްޔާތަކުގެ އިސްވެރިންނާއި މެދު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ފިޔަވަޅެއް އަޅަން މަސައްކަތް ކުރާ ތަނެއް ވެސް ނުފެނެއެވެ. އޭގެ ބަދަލުގައި ރައީސް ސާލިޙްފެ ސަރުކާރުން ކުރަމުންދާ ކަމަކީ އިސްލާމްދީންނަށް ހަޖޫ ޖަހާ މީހުންނަށް ހިމާޔަތް ދީ އެ މީހުންނަށް ފިލަން އެހޭތެރިކަން ފޯރުކޮށް ދިނުމެވެ. ދެން ކުރަމުންދާ ކަމަކީ އިސްލާމްދީނާއި ހިލާފް ކަންކަން ހުއްޓުވުމަށް އަޑުއުގާ މީޙުން ހިފާ ހައްޔަރުކޮށް ޖަލުގެ ކުޑަ ގޮޅިއަށް ލުމުގެ މަސައްކަތެވެ.
އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ފާޙިޝް ނުބައި އަމަލުތައް މުޅި މުޖުތަމައުގެ ތެރޭގައި އާންމުވެފައިވާއިރު އެފަދަ އަމަލުތައް ހިންގާ އަދި ހިންގުމަށް ހިތްވަރު ލިބެޭ ގޮތަށް ވާހަކަ ދައްކާ މީހުންނާއި އެކަން ކަމަށް މަގުފަހި ކޮށްދޭ މީޙުންގެ މައްސަލަތައް ތަހުގީގު ކުރެވޭތަނެއް ނުފެނެއެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުން ފިނި ކޮޓަރީގައެވެ. އިސްލާމްދީނުގެ އަސްލުތަކާއި ހިލާފަށް ރިޕޯޓް ލިޔާ މީހުން އަވަދިނެތި އެކަމުގައެވެ. މިކަންކަން ހުއްޓުވުމުގެ ބަދަލުގައި ރައީސް ސާލިޙް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށެވެ.
ރައީސް ސާލިޙު ވަނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ވަރުގަދަކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރުންވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ. ހަމައެހެމްމެ އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ނުހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ރިޢާޔަތްކުެއްވުމަކީ ވެސް ރައީސް ސާލިހުގެ ވަޢުދެކެވެ.
މީގެއިތުރުން ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށްދިނުމަށް އަޅަންހުރި ފިޔަވަޅުތައް އެޅުމާއި، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ދަމަހައްޓައި ކުރިއެރުވަން ވެސް ރައީސް ސާލިޙް ވަޢުދުވިއެވެ. އޭގެ އިތުރަށް ދީނީ ޚިޔާލުތަފާތުވުންތައް މަދުކޮށް ހައްދުފަހަނައަޅާފައިވާ ހަރުކަށިކަން ފޮހެލުމަށް ހެޔޮލަފާ ދީނީ މައުލޫމާތު ހުރިހާ ދިވެހީންނަށް އޮޅުންފިލުވޭނޭ ގޮތްތައް ފަހިކުރުމަށްޓަކައި ދީން އުނގެނުމާއި، އިސްލާމިކް ރިސާރޗް ތަޢާރަފްކުރުމަށް ޖަޒީރާ އިސްލާމިކް ސެންޓަރުތަކެއް މިސްކިތްތަކުގައި ޤާއިމްކުރުން ވެސް ރައީސް ސާލިހުގެ ވަޢުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން ރައްޔިތުންނަށް އެނގެންޖެހޭ ދީނުގެ މުހިއްމު ޙުކުމްތަކުގައި ފަތުވާދިނުމާއި، ޚިޔާލުތަފާތުވުން ހުރި ދީނީ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށާއި، މިނިވަން މުއައްސަސާތަކަށާއި ޝަރުޢީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުން ހަދާ އެންމެހައި ޤާނޫނުތަކަށް ދީނީ ލަފާދީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން ހިންގާ ކަންކަމުގައި ހުރި ދީނާ ފުށުއަރާ ކަންތައްތައް ބަލައި އިޞްލާޙުކުރަން އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު ފިޤްޙު އެކެޑަމީ އާއި ޙަވާލު ކުރުމަކީ ވެސް ރައީސް ސާލިޙްގެ ވަޢުދެކެވެ.
ރައީސް ސާލިޙް ދިނީ އަހުދުނާމާ ވަރަށް ވެސް ދިގެވެ. ލިޔެ ހުސްނުވާނެއެވެ. ނަމަވެސް ހަގީގަތަކީ މިއިން އެއްވެސް ކަމެއް ފުއްދެމުން ނުދާ ކަމެވެ. ފުއްދަވަން މަސައްކަތެއް ވެސް ނުކުރައްވައެވެ. އެހެން ގޮޔަކަށް ދަންނަވަނީނަމަ ރައީސް ސާލިޙްގެ އަހުދުނާމާގައި އިސްލާމްދީނާއި ގުޅޭ ގޮތުން ލިޔުނު ވާހަކަތައް ހަނދާން ނެތިއްޖެއެވެ. ވަޢުދާއި ހިލާފް ވެއްޖެއެވެ.

