ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އައިސް އެމްޑީޕީއަށް ޑިމޮކްރަސީގެ އެއްވެސް ނަމޫނާއެއް ނުދެއްކުނު!

އެމްޑީޕީން ބޭއްވި ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގު ތިރީސް އަހަރުގެ ވެރިކަމެއް ނިމުކަށް ގެނައުމަށް ސިޔާސީ ގޮތުން ބަޔަކު ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ، ވެރީންނާއި މެދު ރައްޔިތުންނަށް ބަސް ބުނަން ކެރޭ ވަރުގެ ހިތްވަރެއް ނެރުމެވެ. މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އުފަންވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަކީ ހަމަހަމަކަމުގެ އުސޫލުތަކާއި، ވެރިކަމެއްގެ ރިވެތި ސިފަ އަދި އިންސާފަށް ވަކާލާތު ކުރަމުން އައިސް ރައްޔިތުންގެ ބޮޑު ތާއީދެއް ހޯދި ޕާޓީ އެވެ.

މުހައްމަދު ނަޝީދަކީ ކާކުކަމާއި، ސިޔާސީ ގޮތުން ކިހާ ބުރަދަނެއް ހުރި ބޭފުޅެއްކަން ނޭނގި ތިބެ އޭރު ދިވެހި ރައްޔިތުން ބެލީ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ގޮތެއް ހޯދުމަށެވެ. ”30 އިޔާސް އިސް މޯ ދެން އިނަފް“ އަކީ އެންމެ މަޝްހޫރު ވި ސްލޯގަން އެވެ. އޭގެ ދަށުން ހުރިހާ ހައްގަކާއި، ހޯދައިދޭނެ އުފާވެރިކަމާއި ބެހޭ ހުރިހާ ވާހަކަތަކެއް ހިމެނޭ ލަވަ މިހާރު ވެސް ކަންފަތުގައި ގުގުމާ ކަހަލަ އެވެ.

ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމާއި ހަމައިން ފެށިގެން، ޑްރަގަށް ހުޅުވި ދޮރުތައް ބަންދު ކުރުމަށް އެމްޑީޕީން ގޮވާލީ ހެޔޮ ވިސްނުން އިސް ކުރުމަށެވެ. އާއްމު އުސޫލުން ދިވެހިންނަށް އެ ވާހަކަތައް ކަމުދިޔައީ އެވެ. އަނިޔާވެރިކަމާއި ބޭ އިންސާފާއި ޖަލުގެ އަނިޔާއާއި ދެކޮޅަށް ބަސް ބުނި ބަޔަކަށް ވޯޓު ދިނުމަކީ އެއީ މަޖުބޫރީ ހާލަތެއްގެ ގޮތުގައި ބައެއް ރައްޔިތުން ދެކުނެވެ. އެމްޑީޕީ ތަފާތު ދެއްކި ހިސާބަކީ ވެސް އެއީ އެވެ. ބަޔަކަށް ދައްކަން ނުކެރި ތިބި ވާހަކަތަކެއް، ރައީސް މައުމޫނާއި ދެކޮޅަށް ދެއްކީ ހުރަގޭގެ އަނިޔާތަކަށް ބެލުމެއް ނެތި އެވެ.

އޭރު ރައްޔިތުންގެ ތާއީދު ހޯދުމަށް، މުހައްމަދު ނަޝީދު ވަޑައިގަތުމުން ގަޔަށް ކިސަޑު ވެސް ޖެހި އެވެ. އެހާވަރުން ވެސް ރައްޔިތުންގެ އަރިހަށް ވަޑައިގެން ތާއީދު ހޯދި އެވެ. ސިޔާސީ މީހުންގެ ހުރި އަބުއި ގޮތްގަނޑުގެ އެއްވެސް މިންވަރެއް ނެތް ބޭފުޅަކު އެއް ގޭގެ ބަދިގެއިން އަނެއް ގޭގެ ފްރިޖުން ޖޫސް ތައްޓެއް އަޅައިގެން އަނެއް ގޭގެ ބަދިގެއަށް ވަދެ ކާއްޓާއި މަސް އަމިއްޅަށް ނަގައިގެން ކެއުމުން ދިވެހިންނަށް ވީ ވަރަށް ސަޅި މަންޒަރަކަށެވެ.

ވަރަށް ކުރުކޮށް ފޮނިކޮށް މިއީ އެމްޑީޕީ އެ ބުނާ ޑިމޮކްރަސީއަށް ކުރި ދަތުރެވެ. އެހެން ނަމަވެސް އެބުނާ ޑިމޮކްރަސީގެ މަގުގައި ހިނގަމުން ދިޔަ ވަގުތު ކިތަށް މީހުން ފައިގައި އަޅުވައި ވައްޓާލިކަން މިއަދު ވިސްނަން މުހިންމެވެ. ސިޔާސީ ޕާާޓީއެއްގެ ގޮތުގައި 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑީޕީ ރެޖިސްޓްރީކޮށް، ރައްޔިތުންނަށް ވީ ވައުދަކީ އިންސާފާއި ހަމަހަމަކަން ގާއިމު ކުރާނެ ކަމަށެވެ. މި ޕާޓީ ހިނގާނީ ތިރިން މައްޗަށް ކަމަށެވެ.

މި ހުރިހާ ވާހަކައެއް ދައްކަން މި ޖެހެނީ، ޑިމޮކްރަސީގެ ނަމުގައި ބައެއް ފަހަރު އެމްޑީޕީން ފެންނަ މަންޒަރުތަކުގެ ސަބަބުންނެވެ. އަމިއްލަ ހަރުގޭގައި ކުރަން ޖެހޭ މަޝްވަރާ ބަހުސްތައް ސޯޝަލް މީޑިއާ އާއި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގެނައުމަކީ ހަގީގަތުގައި ހަޑި މަންޒަރެކެވެ. މީގެ ކުރިން ވެސް މިފަދަ އެތައް ކަމެއް ތަޅުމުގެ ތެރެއިން، އެކި ބިލުތަކުގެ މައްސަލައިގައި ފެނިގެން ދިޔަ އެވެ.

މީގެ ދުވަސްތަކެއް ކުރިން ވަޒީފާއަކުން އެމްޑީޕީގެ މެމްބަރެއް ވަކި ކުރި މައްސަލައިގައި، މުޅި މަޖިލީސް އެފުށް މި ފުށަށް ޖެހިއިރު އުފެދޭ ސުވާލަކީ މިއީ މީހަކު ވަޒީފާއިން ވަކި ކުރި ފުރަތަމަ ފަހަރު ތޯ އެވެ. މި ފަހަރު މައްސަލައަށް ވެގެން އުޅޭ ސަބަބަކީ ކޮބައިތޯ އެވެ. ސިޔާސީ ވާހަކައެއް ދައްކައިގެން، ސިޔާސީ ޓްވީޓެއްކޮށް ގެން ”ސަރުކާރަށް ގެއްލުން ވާކަމަށް ބުނެ މިދިޔަ ތިން އަހަރެއްގެ ތެރޭގައި އެކި ޒުވާނުން ވަޒީފާއިން ވަކިކުރި މައްސަލަ ސޯޝަލް މީޑިއާ އާއި މީޑިއާތަކުގައި ފެންމަތިވި އެވެ. އޭގެއިން އެއްވެސް ޒުވާނެއްގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން ތެދުވުނު މަންޒަރެއް ނުދެކެމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަފާތު މައްސަލަތަކުގައި އެކި މީހުން ވަޒީފާއިން ވަކި ކުރި އެވެ. ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅާއި ގުޅިގެން މަސައްކަތް ކުރުމުން ނުވަތަ ޓްވީޓެއް ކުރުމުގެ ސަބަބުން ވަޒީފާއިން ވަކި ކުރި މީހުންނާއި އެކީ ފޮޓޯތައް ލައި އެމްޑީޕީން ބުނީ ވަޒީފާތައް ދިނުމުގައި ވަކި ކުލައަކަށް ވަކި ފިކުރަކަށް ނުބަލާނެ ކަމަށެވެ. އެމްޑީޕީން ޓްވީޓެއްކޮށްގެން ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ.

ރައްޔިތުންނާއި ހަމައަށް ގެނައީ ”ވަޒީފާގެ ބިރު ނައްތާލަން“ އެމްޑީޕީއަށް ވޯޓު ދިނުމަށް ގޮވާލާ ސްލޯގަންއެކެވެ.

ރާއްޖޭގެ ރަށެއްގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި ދެން އުފެދޭ ޕްރޮގްރެސިވް ކޯލިޝަނުގެ ވެރިކަމެއްގައި ވަޒީފާތައް ދޭނީ އިދިކޮޅު ކުދިންނަށްކަމަށް ބުނެ މަޒާގީ ސިފައެއްގައި ރައީސް ޔާމީން ދެއްކި ވާހަކަ މުޅި މީޑިއާގައި ދައުރުވި އެވެ. އެމްޑީޕީ އެކަމާއި ވަރަށް ނުރުހުން ވެސް ވި އެވެ. ޕާޓީއަކަށް ނިސްބަތްވީތީ ވަޒީފާތައް ނުދެވޭނެކަމަށް ބުންޏެވެ. އެކަމަކު އެމްޑީޕީ ވަކި މި ކުރަނީ ކީއްތޯ ސުވާލު އުފެދެ އެވެ. ހަމަ އެއް ހަމައެކެވެ. އޭރު ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ދީއުޅުނީ ކޯޑިނޭޓަރުންގެ ނަމުގަ އެވެ. ކޮންމެ މިނިސްޓްރީއަކަށް އެތައް ބައެއް އައްޔަނު ކުރުމުން ދައުލަތުގެ ބަޖެޓުން ވަކި ބަޔަކަށް ފައިދާ ކުރުވަނީކަމަށް ބުނެ އެމްޑީޕީ ނުރުހުން ވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އުފެއްދީ ސީނިއާ ޑިރެކްޓަރުންނާއި، އެގްޒެކެޓިވް ޑިރެކްޓަރުންނާއި، ޑިރެކްޓަރުންނެވެ. ނުވިތާކަށް އެ އިދާރާއެއްގައި ނެތް ވަޒީފާތަކެއް އުފައްދައި، ޕަބްލިކް ރިލޭޝަން ވަޒީފާތަކަށް ވެސް މީހުން ނެގި އެވެ. ރައީސް ޔާމީނަކާއި ވަކި ތަފާތެއް ކޮބާހެއްޔެވެ؟ އެބައެއްގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރާ ބަޔަކު ސްޓޭޓު މިނިސްޓަރުކަމަށާއި، ޑެޕިއުޓީ މިނިސްޓަރުކަމަށް ވެސް އައްޔަނުކޮށްފައިވާއިރު މީޑިއާތަކަށް ވެސް ހަމައަށް ރަނގަޅަށް އެނގެނީ މަދު ބައެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ދުވާފަރުގެ ހެލްތް ސެންޓަރުގައި ސިޔާސީ މަގާމެއްގައި ހުރި އާމިރުއެއް ވަޒީފާއިން ވަކިކޮށްގެން އެމްޑީޕީން ރައްޔިތުންނަށް އެދެއްކި މަންޒަރަކީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. ކޮންމެ ބޭފުޅެއްގެ ވާހަކަ ވަކިވަކީން ރަނގަޅަށް ކަނުލައި އަޑުއަހައިފި ނަމަ މިއީ އިހުލާސްތެރިކަމުގެ ކަންފުޅެއް ވެސް ނެތް ބައެއްކަން ވަރަށް ރަނގަޅަށް ސާފުވާނެ އެވެ. ވަކި ބައެއް ނޫނެވެ، އެންމެންގެ ވާހަކަ ވަކިވަކީން އަޑުއަހާށެވެ.

މެމްބަރުންގެ ވާހަކައިން ދޭހަވީ ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ އެމްޑީޕީގެ މެމްބަރުން ރުއްސައި ވަޒީފާ ދީގެން ބޭތިއްބުން ކަމަށެވެ. އެ މީހުން ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށެވެ. ސަރުކާރުން އެމްޑީޕީގެ މެމްބަރުން ބުނާހާ ގޮތަކަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވީ އެވެ. އެމްޑީޕީން މީގެ ކުރިން ދައްކަމުން އައީ ރައީސް މައުމޫނަކީ އާއިލާ އާއި، އާއިލާގެ އާއިލާއަށް ވެސް ވަޒީފާ ދެމުން އައި ވެރިއެއް ކަމަށެވެ. އަދި ދެން ބާކީ ވަޒީފާއެއް އޮތް ނަމަ އާއިލާގެ އެކުވެރިއަކަށާއި، ދެން ހުރި އެކުވެރިއަކަށް ވަޒީފާ ދޭކަމަށެވެ. އަވަށްޓެރި އިންޑިއާގައި ނެޕޮޓިޒަމްއަށް ކަރަން ޖޯހަރެއް ނަންވާ އުސޫލުން، ރައީސް މައުމޫނަކީ ނެޕޮޓިޒިމް ނުވަތަ މައުމޫނިޒަމަށް ނޫނީ އެމްޑީޕީއަށް ނުވެ އެވެ.

މީގެ ކުރިން ބުނަމުން އައި ވަޒީފާގެ ބިރާއި، ހަމަހަކަން ފެނި އެމްޑީޕީގެ އަސާސްތައް މުގުރައިލީ ހުރިހާ މެމްބަރުން ވެސް ހިމެނޭހެންނެވެ. ސަރުކާރުން އެމްޑީޕީގެ މެމްބަރުން މަސްލަހަތު ހިމާޔަތް ކުރަން ޖެހޭނެކަމަށް ބަެއް މެމްބަރުން ދެކެ އެވެ.

ހަނދާނަށް އަންނަނީ އެތެރޭގެ އިންތިހާބަށް އުފެދުނު ކޯޅުމުގެ ތެރެއިން މަޖިލީހުގެ ޖަލްސާއެއްގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަ އެކެވެ. ގާނުނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގުތަކުގެ ވާހަކައާއި އެކު، އީވާ ދެއްކެވީ އަނެކާގެ ހައްގު ގެއްލޭ ވާހަކަތަކެކެވެ. އިންތިހާބާއި ދިމާކޮށް، ކުންފުނިތަކުގެ ވެރިކަން ކިހިލިދަށުގައި ވަޒީފާތައް ޖަހައިގެން ހިނގާ ވާހަކައިގެ ފަހަތުން އީވާ ވިދާޅުވީ ސަަރުކާރުން މީހުން ވަޒީފާއިން ވަކި ކުރުމުގެ ބަދަލުގައި ޕްރޮމޯޝަނެއް ނުވަތަ ކުރިއެރުމެއް ދެނީނަމަ އެ ވަހަކަ ދައްކަން ކޮންމެވެސް ވަރަކަށް ޖެހިލުން ވެސް ވީސް ކަމަށެވެ. މިވީ ކިހިނެއްތޯ އެވެ؟ އެ ވިދާޅުވި ހަމަހަމަކަމާއި، ހައްގުތައް ދިޔައީ ކޮން ތަނަކަށް ތޯ އެވެ. މިއީ އީވާ ވެސް ހިމެނޭހެން އެމްޑީޕީން ހޯދައިދޭން ބުނި އިންސާފު ނަމަ، ވަރަށް ވެސް ލަދުވެއްޗެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފުރާޅުން ޓިނު ނަގައިގެންނާއި، އެ ނޫންވެސް ގޮތްގޮތުން ޖުޑިޝަރީގެ ތެރެއަށް އަތް ބޭނިކަމަށް އެމްޑީޕީން ތުހުމަތު ކުރި އެވެ. މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދޭނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލުކޮށް އިންސާފުވެރި ނިންމުންތައް ނިންމާނެ އިދާރާއަކަށް ހެދުމަށްކަމަށް އެމްޑީޕީން ބުނި ބުނުމަށް އަމަލީ ސިފައެއް ނުފެނި ވެރިކަން ނިމެނީ އެވެ. ތިމާމެންނަށް ވެރިކަން ނުލިބޭނެހެން ހީވުމުން، ދައުރު ނިމެން ކައިރިވުމުން ބިލު ހުށަހަޅައި އެ ފާސް ކުރުމަކީ އިހުލާސްތެރިކަމެއް ނޫނެވެ.

ވަކި މައްސަލައެއް ބެލެން ނެތްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ނިންމާ ހިސާބުން އެމްޑީޕީގެ މެމްބަރުންގެ ލޮލަށް ނިދިވެސް ނައިސް ދެން ހުއްޓުމެއް ނެތި ގޮވަމުން ދާނީ އެ މަގާމުގައި ހުންނެވީ ހުސެއިން ޝަމީމް ވަކި ކުރުމަށެވެ. ޕީޖީން ވަކި މައްސަލައެއް ބަލަން ނިންމާ ހިސާބުން ވެސް، އޭގެ ތެރެއަށް ވަންނަ ފަހަރުތައް އާދެ އެވެ. އެމްޑީޕީގެ މެމްބަރުން ޕީޖީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު އަޑަށް ބާރުލައި ވަކި މައްސަލައެއް ބަލަން ޖެހޭނެކަމަށް އެންގި އިރު، ހިތްރުހޭ އަރިސް ބޭފުޅެއްގެ މައްސަލަ ޕީޖީއަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވުމާއި އެކު އެ މައްސަލަ ބަލައިގެން ނުވާނެކަމަށް ބުނެ ގޮވައި ހެދިކަމީ ފެންނާން އޮތް ހަގީގަތެކެވެ.ބަޔަކު އުސޫލާއި ބޭރުން، ލިބިގެން ނުވާ ބާރެއްގެ ބޭނުން ހިފަމުން ދިޔައިރު ނަމުން ޑިމޮކްރަޓިކް ޕާޓީ އޮތީ ހަނު އެވެ.

އެމްޑީޕީގެ މެމްބަރުން އަނެއް މެމްބަރަށް ފުރައްސާރަކޮށް، ގަނާ ކުރާކަމުގެ ޝަކުވާތައް ކުރިއިރު އެބޭފުޅުން މިއަދާއި ހަމައަށް ވެސް އެންމެ ފޯރިއާއި އެކު ކުރާކަމަކީ އެއީ އެވެ. މީހާ ހުންނަ ސިފައަށް ވާހަކަ ދެއްކުމާއި، މީހާ ވާހަކަ ދައްކާ ގޮތަކަށް ވާހަކަ ދެއްކުން އެއީ އެމްޑީޕީގެ އާއްމު އާދަ އެކެވެ. ހެރޭސްމެންޓު ނޫނީ ބުލީ ކުރިކަމަށް ވަނީ ހަމައެކަނި އަންހެނަކަށް އަމާޒުކޮށް ކިޔާ ބަސްތަކަށް ނޫނެވެ. ވަކި މީހަކީ އެއީ ވަގެއްކަމަށް، ވަކި މީހަކަށް ކާޅަށް ގޮވައި، ވަކި މީހަކު ކައިވެނި ބައްލަވައިގެން ހުންނެވީ ބިދޭސީއަކަށް ވީމައި އެކަމަށް ޖޯކު ޖެހި މީހުން ތިބީ ހަމަ އެމްޑީޕީގަ އެވެ. އެފަދަ އަމަލުތަކާއި އެކު ފުރައްސާރަ ކުރުން ގޯހެއް ނުވޭތޯ އެވެ؟

ނޫސްވެރިންނާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް އިތުރަށް ރޯޝަންކޮށްދޭނެކަމަށް ވިދާޅުވި ބޭފުޅުން މިއަދު އެއް ނޫސްވެރިއެއްގެ ފަހަތުން ދުވުން ނޫން ކަމެއް ނުކުރެ އެވެ. ހެއްކާއި ބެހޭ ގާނޫނުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ބިލު ތަސްގީގު ކުރެއްވި އިރު ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވައުދުތައް މަތީން ހަނދާނެއް ނެތެވެ. ނޫސްވެރިންގެ ކަރުގައި އެލިގަނެ، އުފެއްދި ވެރިކަމެއްގައި ނޫސްވެރިންގެ ކަރަށް ބާރުކޮށްލުމުން އެ ނޫސްވެރިން އެކަމާއި ދެކޮޅަށް ނިކުންނާނެ އެވެ. ނަމަވެސް ހިތާމައަކީ އެ ދުވަހު ނޫސްވެރިޔާގެ ގަލަން ނުހުއްޓުވޭނެކަމަށް ބުނުމަށް ފަހު، މިއަދު އެ ގަލަމުގެ ދެލި ހިންގަން ޖެހޭނީ ވަކި މިންވަރަކަށްކަމަށް އެންގީމަ އެވެ.

އެ ބިލުގެ މާއްދާގެ ދިފާއުގައި، ނޫސްވެރިންގެ ހައްގުގައި އެންމެ ބޮޑަށް އަޑުއުފުލި ސިޔާސީ މީހުން ޓުވީޓު ކުރާތީ އެވެ. މާދަމާ ވެސް ވެރިކަން ބަދަލުވެދާނެ އެވެ. އޭރުން މަސްދަރަކާއި ހަމައިން، އެމްޑީޕީގެ މެމްބަރުން އުޅުއްވާނެ ގޮތް މިހާރު ވެސް ސިފަވާ ކަހަލަ އެވެ.

ކުރުކޮށް ބުނާނަމަ ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުންނާއި، ސޯޝަލް މީޑިއާއިން ފެންނަނީ އެމްޑީޕީގެ އަސްލު ސިފައެވެ. އިންސާފު ގާއިމު ކޮށްދޭން ވައުދުވެ ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތަކާއި ނިކުތް ނަތީޖާ އެއޮތީ ފެންނާށެވެ..

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: