ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތުގެ ބޭނުމަކީ، މީހުންނަށް އުނދަގޫ ކުރުން: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިނުގެ ބޭނުމަކީ ރައްޔިތުންނަށް އުނދަގުލާއި ޖެއްސުން ކުރުންކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވަމުންދާކަމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ އަމަލުތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތްތަކަށް އަންގައި ގަރާރެއް ނެރުއްވާފަ އެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް އިންޑިއާއިން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް، އިދިކޮޅުން ވަނީ ރާއްޖެ އާއި އެ ގައުމާއި ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެ އެއްބަސްވުންތަކުގެ ދަށުން ހަތިޔާރާއި އެކު އުޅުމުގެ ފުރުސަތު އިންޑިއާގެ އަސްކަރިއްޔާއަށް ދީފައިވާކަމަށް ވެސް ދަނީ ބުނަމުންނެވެ.

މިއީ އެއްވެސް އަމާޒެއް ނެތި، ސިޔާސީ މަންފާއަށް ކުރިޔަށް ގެންދާ ހަރަކާތެއްކަމަށް ސިފަ ކުރައްވައި ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި އަލީ ސޯލިހު ވިދާޅުވީ މިއަދު ސިޔާސީ ގޮތުން ދިވެހި ރައްޔިތުންނަށް މިނިވަންކަން ލިބިފައިވާކަމުގެ ހެއްކަކީ، މިދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ހާލަތާއި އެއްގޮތަށް ޕާޓީތަކުގެ ލީޑަރުން ހިފާ ހައްޔަރުކޮށް ޖަލު ގޮޅީގައި ބަންދު ނުކުރުން ކަމަށެވެ. އަލީ ސޯލިހު ވިދާޅުވީ މި ސަރުކާރު އުފެދި މިހާތަނަށް އައިއިރު ސިޔާސީ ގޮތުން މީހަކު އެއް ފަރާތް ކުރުމަށް، ކުރި އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.

ސިޔާސީ މިނިވަންކަމާއި ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ހުރަސްތަކާއި ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތައް ހުށަހެޅި ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ދޮރު ބަންދުވެފައި ނުވާކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ. ހާއްސަކޮށް ސަރުކާރުގެ އިދާރާތްތަކުގެ އެތެރެއިން އެ ބޭނުންވާ އެހީތެރިކަމާއި، ހުށަހަޅަން ބޭނުންވާ ކަންބޮޑުވުންތަކަށް އެ ޖާގަ އޮންނަކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ތަފާތު އެކި ވާހަކަތަކެއް ދައްކައި، ސޯޝަލް މީޑިއާގައި ކެމްޕެއިނުތައް ހިންގާއިރު ސަރުކާރުގެ ދިފާއުގައި ނިކުންނާނެ ބައެއް ނުވާހެން ހީވުމަކީ ކުށްހީއެއްގެ ގޮތުގައި ފާހަގަކޮށް އަލީ ސޯލިހު ވިދާޅުވީ ރައީސްގެ ދިފާއަށް ހިންގާ ކެމްޕެއިންތައް މާވަރުގަދަވާނެ ކަމަށެވެ.

އަލީ ސޯލިހު އެ އިޝާރާތް ކުރެއްވީ ދާދިފަހުން ސަރުކާރާއި ދެކޮޅު ފަރާތްތަކުން “ވަގުއިބޫ” ގެ ނަމުގައި ކުރި ކެމްޕެއިނަށެވެ. އަދި އެއާއި ވާދައަށް އެމްޑީޕީއާއި، ސަރުކާރު ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކުން ރައީސް ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި ކެމްޕެއިނެއް ފެއްޓެވި އެވެ.

“އެބޭފުޅުން ނިކުންނަވައި، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ކިޔާނެހާ އެއްޗެއް ކިޔާތަން އެބަފެނޭ.. ދެން ދާދިފަހަކާއި ޖެހެންދެން، ބަޔަކަށް ހީވީ ރައީސްގެ ދިފާއުގައި ޓުވީޓެއްކޮށްލާނެ މީހެއް ވެސް ނުވާނެހެން… އެއީ ކުށްހީއެއް… އެބޭފުޅުން ޓްރެންޑު ކުރިއެއްޗަކަށް ވުރެ އަޅުގަނޑުމެން ހިންގި ކެމްޕެއިން މާބޮޑަށް ޓްރެންޑުވި” އަލީ ސޯލިހު

ގައުމުގެ މިނިވަންކަން ގެއްލިފައިވާކަމަށް ނުވަތަ އަވައްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވަދެފައިވާކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަށް އިޝާރާތް ކުރައްވައި އަލީ ސޯލިހު ވިދާޅުވީ، މިއީ ސިޔާސީ ބޭނުމެއްގައި ބަޔަކަށް އުނދަގޫ ކުރުމުގެ ބޭނުމުގައި ކުރާ ކެމްޕެއިނެއް ކަމަށެވެ.

އިދިކޮޅުގެ “އިންޑިއާ އައުޓް” ހަރަކާތް ކުރިޔަށް ގެންދަނީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އާއި، ރާއްޖޭގައި އެގައުމުގެ ސިފައިން ވަޒަންވެރި ވަމުންދާކަމުގެ ތުހުމަތުކޮށެވެ. އިންޑިއާގެ އެންގުންތަކަށް އަމަލުކުރުމަށް ސަރުކާރަށް މަޖުބޫރުވެފައިވާކަމަށާއި، ދައުލަތް ހިންގަނީ އިންޑިއާގެ އެމްބަސީންކަމަށް ބުނެ ރައީސް ޔާމީން ވެސް ކެމްޕެއިން ކުރެއްވި އެވެ. މިވަގުތު ހަރަކާތްތައް މަޑުޖެހިފައި ވީނަމަވެސް އިދިކޮޅުން ވަނީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ވެރިކަމުގައި ތިއްބެވި ދުވަސްވަރު، އިންޑިއާއި އެކު ގާތް ގުޅުމެއް ބޭއްވުމާއި އެކު އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް ގެންދެވީ ހެލިކަޕްޓަރާއި، ޑޯނިއާ ކައިރީ ފޮޓޯ ނަންގަވަމުންކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

“އޭރު އެބޭފުޅުންނަށް މި އެއްޗެހި ގެނައުމަކީ އެއީ ގޯހަކަށް ނުވި… މިއަދު އެބޭފުޅުން ވެރިކަމުގައި ނެތް ދުވަސްވަރެއްގައި.. މިދެންނެވީ ޑޯނިއާއެއް ވިޔަސް، ހެލިކަޕްޓަރެއް ވިޔަސް… އެ އެއްޗެހި މިތަނުގައި ހުރީމާ އެބަ ކަންބޮޑުވުން ފާޅު ކުރޭ.. ބައިނަލްއަގުވާމީ ގައުމުތަކާއި އެކު ރާއްޖެ އޮންނައިރު ޖިއޯ ޕޮލިޓިކްސް އެއީ ވަރަށް މުހިންމު އެއްޗެއްކަން އެބޭފުޅުންނަށް މާރަނގަޅަށް އެނގޭނެ…” އަލީ ސޯލިހު

އަލީ ސޯލިހު ވިދާޅުވީ ބަޔަކު ހަރަކާތެއް ހިންގުމުން އިދިކޮޅުން އޭގެ ތެރެއަށް ވަދެގަނެ އެކަމެއް ވެސް ސިޔާސީ ކުރާކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ އެ އިޝާރާތް ކުރެއްވީ ގޮޓަބަޔާ ރާޖަޕަކްސާ ރާއްޖެ އައުމާއި ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މާލޭގައި އިހުތިޖާޖު ކުރުމުން އެކަމުގައި ބައިވެރިވުމުންނެވެ.

އިދިކޮޅުން މިވަގުތު ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި، “މިނިވަންކުރޭ” ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާ ފާހަގަ ކުރެވެ އެވެ. މިއީ ޔޯގާގެ ހަރާކާތްތައް ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި، ތަނުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތަށް ހައްޔަރު ކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލައި ކުރާ އިހުތިޖާޖެކެވެ. މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅުގެ ހަރަކާތުގެ ކޮމިޓީގެ ޗެއާރ، އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސިޔާސީ މައިދާނަށް ކުރަފިއެރީމަ ސިޔާސީ ދާއިރާގެ އަގެއްނެތިދިޔައީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: