ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާ، ނަޝީދަށް: ލިވާތުކޮށްގެން ކޮއްކޮ ހައްޔަރު ކުރީމަ އެހެން މީހުންނަށް ކޮން ވަރެއްތަ ތި ބާލަނީ…؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޮ ހައްޔަރު ކުރުމުން އެކަމާއި ޖަޒުބާތުގައި ޖެހި އެހެން މީހުންނަށް އޭގެ ރުޅި ބޭލުވުމުގެ ބަދަލުގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާއްމު ކުރުމަށް ރައީސް މުހައްމަދު ނަޝީދަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެތައް ބަޔަކު ހިމާޔަތް ކުރުމަށް ފަހު ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ހައްޔަރު ކުރި ސަބަބު މެދު ރައީސް އަރިހުން ސުވާލު ކުރަން ބޭނުންވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއި އެކު އެއްޖިންސުން ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައިގައި 25 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގިރި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ނާޒިމް އާއި، މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ލީކުވުމުންނެވެ.

އެ މައްސަލައިގައި އަލަމްގިރިއާއި، ނާޒިމް، ކާނަލް ނަޝީދު އަދި ފުލުސް އޮފިސަރު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފަ އެވެ.

ކޮއްކޮގެ ދިފާއުގައި އިއްޔެ ޓުވީޓެއް ކުރެއްވުމަށް ފަހު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ އަލްމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތޭރޭގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހިމެނޭކަމަށާއި، އެ ވީޑިއޯ އޭނާގެ އަނބިކަބަލުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޑިލިޓު ކުރުވި ވާހަކައަކީ ތެދެއްތޯ ސުވާލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޔޫކޭއަށް ލޭންޑު ކުރި ވަގުތު ރައީސް ސޯލިހު އަންހެން ކުއްޖަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ހަތަރު ފޮޓޯއެއް ލިބިފައިވާކަމަށާއި އެ ފުލުހަށް ހުށަހަޅާނެކަމަށެވެ. އެފަދަ އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ގޮވާލުމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ތެދު ވާހަކަތަކެއްކަމަށާއި އެބޭފުޅުން ބޭނުންވާނަމަ ގުރޫޕަށް ފޮޓޯތައް ލާނެ ކަމަށެވެ.

ގުރޫޕުގައި ދެކެވުނު ވާހަކަތައް މާގިނަ ވަގުތުތަކެއް ނުވެ ސްކްރީންޝޮޓުތައް މީޑިއާތަކަށް ލީކުވި އެވެ.

މި މައްސަލައިގައި ރޮޒެއިނާ ވެސް ވަނީ ރައީސް ނަޝީދުގެ އަތުގައި ފޮޓޯތައް ހުރިނަމަ ފޮޓޯތައް ލާންވީކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދާއި އެގޮތަށް ވާހަކަ ނުދެއްކޭނެކަމަށް ބުނެ ބައެއް މީހުން ކުރި ކޮމެންޓުތަކުގެ ރައްދުގައި ރޮޒެއިނާ ވިދާޅުވީ ފޮޓޯތައް ގުރޫޕަށް ލާން ބުނުމުން، އެ ލާން ނުކުރިގެން އުޅެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދު ހައްދަވާ ދޮގު މި ރާއްޖޭގެ އެންމެނަށް ވެސް އެނގޭނެކަމަށް ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމުން ކޮއްކޮ ހައްޔަރު ކުރުމުން އެހެންމީހުންނަށް އޭގެ ރުޅި އަމާޒު ކުރަން ނުޖެހޭ ކަމަށެވެ.

“ބަލަ ފޮޓޯ ލާށޭ ބުނީމަ ކީއްވެތަ ނަޝީދަށް ފޮޓޯ ލާން ނުކެރިގެން އުޅެނީ.. އެއީ ނެތީމަ… ތި އިންސާނާ ހަދާ ދޮގު ނޭނގޭ އިންސާނެއް މި ރާއްޖޭގައި ނެތް… ލިވާތުކޮށްގެން ކޮއްކޮ ހައްޔަރު ކުރީމަ އެހެން މީހުންނަށް ކޮން ވަރެއްތަ ތި ބާލަނީ…؟ ހުރިއްޔާ ހުރި ވީޑިއޯ އާއި ފޮޓޯއެއް ލާބަލަ” ރޮޒެއިނާ

ރައީސް ނަޝީދުގެ ތުހުމަތުތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވިދާޅުވީ، ދިމާވި ހާލަތާއި މެދު ހަމްދަރުދީވާކަމަށާއި އަދި އަމިއްލަ ކޮއްކޯފުޅު މިފަދަ މައްސަލައެއްގައި ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހިވަޑައިގެން ހުންނަވާނެކަން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީގެ ރަސްމީ މުއާމަލާތްތައް ކުރެވޭ ގުރޫޕެއްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު ކުރެއްވީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށާއި، ވަރަށް އަދަބުވެރިކަމާއި އެކު އެކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.

ފައްޔާޒް ވަނީ ރައީސް ނަޝީދުގެ އަތުގައި ހެކި ނުވަތަ އެއްވެސް ފޮޓޯއެއް ހުރިނަމަ ވީހާވެސް އަވަހަށް އެ މައްސަލައެއް ފުލުހަށް ނުވަތަ ކަމާއި ބެހޭ އިދާރާތްތަކަށް ހުށަހަޅަން އެދޭ ކަމަށެވެ. ނަމަވެސް ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ ފަޔާގެ ފެންވަރުން ކަންކަމާއި ވާހަކަ ދެއްކުމަށް އެދޭ ކަމަށެވެ. އަދި ފައްޔާޒަކީ އެމަނިކުފާނަށް ނަސޭހަތް ދެވޭ ފެންވަރުގެ ބޭފުޅެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މެސެޖުތަކަށް ނުވަތަ އެ ވާހަކަތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ޕާޓީގެ ރައީސް ވިޔަސް، ނުވަތަ އިސް ލީޑަރަށް ވެސް އެފަދަ ވާހަކަތަކެއް އަމާޒުކޮށް ވަހަކަ ދެއްކުމުގެ ފުރުސަތެއް ނުދެއްވާނެކަމަށެވެ.

ސަރުކާރުން ވަނީ ރައީސް ނަޝީދުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: