ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕީޖީ މެމްބަރުން ބޭނުން ވަނީ ވީހާވެސް އަވަހަށް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރަން!

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކޮއްކޮ، ނާޒިމް ސައްތާރުގެ ދިފާއުގައި ވާހަކަ ދެއްކުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕް މެމްބަރުން ފަށައިފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީ މެމްބަރުން ހުށަހަޅަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންހެން ކުއްޖަކާއި އެކު ޖިންސީ ގުޅުން ހިންގައި، ޒިނޭ ކުރާ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ ދޮގު ވާހަކަތައް ފަތުރާތީ އެކަމާއި މެދު ހިތްހަމަނުޖެހިގެންނެވެ. ނާޒިމް ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރުމުގެ މަސައްކަތް ފެށިކަން ރައީސް ނަޝީދަށް އެނގިވަޑައިގެންނެވި ހިސާބުން އެމްޑީޕީގެ އެކި ގުރޫޕުތަކުގައި އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރައީސް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެއްވި އެެވެ.

މީގެއިތުރުން 2020 ވަނަ އަހަރުގެ ކޮވިޑުގެ ތެރޭގައި، މީޑިއާތަކުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނު ސަފާރީ ރޭޕް ކޭސްގައި ތުހުމަތުތަކެއް ކުރެވުނު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިމީހާ ޝާންގެ މައްސަލަ ފުލުހުން އޮއްބާލީ ސީދާ ރައީސް އަންގަވައިގެންކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ވަނީ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އީވާ ވިދާޅުވީ ރައީސް ހައްޔަރު ކުރާނީ ޒިނޭކޮށް، ބަނގުރާ ބޯ ފޮޓޯތަކެއް ނުވަތަ ވީޑިއޯއެއް ލީކުވުމުން ތޯ ސުވާލު ކުރަން ބޭނުންވާ ކަމަށެވެ. ނާޒިމްގެ ދިފާއުގައި އީވާ އާއި، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ގުރޫޕުގެ ތެރޭގައި ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

މި މައްސަލައިގައި މެމްބަރުންގެ މެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް މީޑިއާތަކުގައި ލީކުވެފައިވުމުން ގިނަ ބައެއްގެ ފާޑުކިއުމާއި ނުރުހުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފަ އެވެ. އަދި އެއްޖިންސުން ގުޅުން ހިންގި އަމިއްލަ ކޮއްކޯފުޅު ދިފާއު ކުރުމަށް ބޭނުންފުޅު ނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެކަން ކުރުމަށް ގޮވާލި އެވެ. އަދި އެކަމުގެ ޖަޒުބާތުގައި ޖެހި ރައީސުލްޖުމްހޫރިއްޔާއަށް ތަފާތު އެކި ތުހުމަތުތައް ނުކުރުމަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފަ އެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ކޮންޓްރޯލުން ނެއްޓިފައިކަމަށް އެމްޑީޕީގެ މެމްބަރުން ސިފަ ކުރެ އެވެ. އަދި އެމަނިކުފާނާއި އެކު އީވާ ވެސް މަގާމުން ވަކި ކުރުމަށް މަސައްކަތް ފެށިއިރު މަޖިލީހުގެ ގިނަ މެމްބަރުން މިވަގުތު ތިއްބެވީ މާލޭގައި ނޫނެވެ. އެހެންވެ، އެކަމަށް ސީދާ ރަސްމީ ބައްދަލުވުންތައް ބޭއްވިފައި ނުވެ އެވެ.

“ސަންގު” ގެ ސުވާލަކަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދު މަގާމުން ދުރު ކުރަން ޖެހޭކަމަށް ބައެއް މެމްބަރުން ފާހަގަ ކުރަމުން ގެންދާކަމަށެވެ. އަދި އޭގެ ސަބަބަކީ ރައީސާއި ގުޅުވައި ދޮގު ވާހަކަތަކެއް ދެއްކެވުންކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާކަމަށް ބުނެ އެކި މެމްބަރުން ގުޅުވައި، ކަންބޮޑުވުން ހުށަހަޅަމުން ގެންދާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިފަފަ އެއްވެސް މަސައްކަތެއް ރަސްމީކޮށް އަދި ފަށާފައި ނުވާކަމަށެވެ. އަދި މެމްބަރުންގެ ޝަކުވާތަކަށް ވެސް އޭނާ ވިދާޅުވީ، ރަސްމީކޮށް ހުށަހަޅައިގެން ނޫން ގޮތަކަށް މަސައްކަތްތައް ކުރިޔަށް ނުގެންދެވޭނެކަންކަމަށް އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕާއި، އަދި ބައެއް ގޮފިތަކުގެ ގުރޫޕުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ ދެކެވިގެން ވާނެ ވާހަކަތަކެއް ނޫންކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބޭނުންވާނީ 43 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުން ނިސްބަތް ވަނީ އެމްޑީޕީއަށް ނަމަވެސް، ޕާޓީ ދެބައިވެ އޮތީ ރައީސް ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެވެ. އިންތިހާ ބޮޑު ކޯޅުމެއް މެމްބަރުންގެ މެދުގައި އޮތް އިރު، ރައީސް ނަޝީދު އަރިހުގައި ތިއްބެވީ މަދު މެމްބަރުންތަކެކެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާ ގަރާރަކުންނެވެ. ގަރާރު ހުށަހަޅާއިރު ރައީސް މަގާމުން ވަކި ކުރަން ބޭނުންވާ ސަބަބު، ނުވަތަ އިތުބާރު ގެއްލުނު ސަބަބު ބަޔާން ކުރަން ޖެހޭނެ އެވެ.

އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދާއި، އީވާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށިއިރު، ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވެސް ދަނީ ދައުރުވަމުންނެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: