ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުންދުގެ ރައްދު: ޕްރައިމެރީއެއް ބާއްވައި، ރައީސް ޔާމީނާއި ވާދަކުރަން ބޭނުން މީހެއް އިދިކޮޅުގައި ނެތް!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ޓިކެޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަ ކުރައްވާ ގޮތަށް ސެނެޓުން ނިންމި އިރު ޕާޓީގެ ލީޑާޝިޕްގައި އެމަނިކުފާނާއި ޕްރައިމެރީއެއްގެ ތެރެއިން ވާދަ ކުރުމަށް ބޭނުންވާ ބޭފުޅެއް ނެތްކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޓިކެޓު ގަބޫލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުމާއި އެކު އޭރު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމި އެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް  ޔާމީން ހާމައެއް ނުކުރައްވަ އެވެ.

އަސާސީ ގަވައިދުގެ ދަށުން ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ނިކުންނަވާނެ ބޭއްފުޅެއް ކަނޑައެޅުމުގެ ބާރު ސެނެޓަށް ލިބިގެން ވެއެވެ.

އިންތިހާބުގެ ތައްޔާރީތަކާއި، ރައީސް ޔާމީނަށް ޓިކެޓު ހަވާލު ކުރުމާއި ގުޅޭގޮތުން “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މުންދު ވިދާޅުވީ މިވީ ދުވަސްތަކަކީ ރާއްޖޭގެ ދުސްތޫރުގައި ކަޅު ސަފުހާތަކެއްކަމަށާއި، ރައީސް ޔާމީންގެ ވެރިކަން ނިމުމަށް ފަހު ރައްޔިތުން އެ ދެކެން ބޭނުންވީ ހެޔޮވެރިކަމެއް ލިބިފައި ނުވާކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން 2018 ގައި ބަދަލުވެގެން އައީ ދިވެހީންގެ އެ ތާއީދު ނެތިގެން ނޫންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، ނުލިބުނީ މިނިވަން އިންސާފުވެރި އިންތިހާބެއްކަމަށެވެ.

“އެހެންވީމަ އަޅުގަނޑުމެން ނިންމީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު އެހާ ފުރިހަމަކޮށް ފެނިގެން ގޮސްފަ.. މިއަދުވެސް ރައްޔިތުން ގަބޫލޫ ކުރާނޭ ލޮލަށް ފެންނަ އަތުން ހިފޭ ތަރައްގީ ގެނައި ބޭފުޅަކީ އެމަނިކުފާނުކަމަށް… ވޭތުވެދިޔަ ތިން އަހަރު ނުވަތަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އެކަށީގެންވާ ތަރައްގީއެއް ގެނެވިފައި ނެތްކަން… ދިޔައީ ފަހަތަށްކަން… އެހެންކަމަށް ވަންޏާ އަޅުގަނޑުމެންގެ މި ގައުމު މިއޮތް ހާލަތަށް ވެސް ބަލާފައި.. ހާއްސަ ހާލަތެއްކަމަށް ވެސް ބަލާފައި ރާއްޖެއަށް އޮތް ގޮންޖެހުންތަކަށް ބަލައި ދިވެހިންނަށް ހަމަޖެހޭ ދިރިއުޅުމެއް ގެނެވޭނީ އެކަމަށް ގާބިލުކަން ހުރި، އެ އޮއްޓަރު ހުރި ވެރިއެއް ގެނެސްގެންކަން” މުންދު

2018 ރިޔާސީ އިންތިހާބަށް ނުފޫޒުތަކެއް ފޯރުވާފައިވާކަމަށް ބުނެ އިދިކޮޅުން ކުރަމުން ގެންދާ ތުހުމަތުތައް ތަކުރާރު ކުރައްވައި މުންދު ވަނީ، ރައްޔިތުން މިހާރު ބޭނުން ވަނީ ރައީސް ޔާމީންގެ އެ ވެރިކަން އަލުން އިޔާދަ ކުރުމަށްކަމަށް ވިދާޅުވެފަ އެވެ.

ގައުމަށް މިއަދު ޖެހިފައި އޮތް އެންމެ ބޮޑު ބޭނުމަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެކަމުގެ ފުރިހަމަ ވިސްނުމާއި ރަނގަޅު ދިރިއުޅުމެއް ގެނެސްދެވޭނީ ރައީސް ޔާމީނަށްކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އުފުލި ގއ. ވޮޑަމުލާގެ މައްސަލައިގެ ދައުވާ ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމާއި އެކު އޭރު އޮތް ޖޮއިންޓ ސެނެޓު ބައްދަލުވުމެއްގައި ވެސް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ އެމަނިކުފާނުކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމި އެވެ. އޭގެ ދެ އަހަރު ފަހުން އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ނުކުރި ނަމަވެސް ހިޔާނާތުގެ މައްސަލައިގައި ދެ ދައުވާއެއް އުފުލައި ރައީސް ޔާމީންގެ ޝަރީއަތްތައް ދަނީ ކުރިޔަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވިދާނެ ފުރުސަތުތަކެއް އޮވެދާނެކަމަށް ބައެއް މީހުން ބުނަމުންދާއިރު، އިދިކޮޅުގައި އެފަދަ ހާލަތެއްގައި އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ބައެއް ބޭފުޅުން ތިބެދާނެކަން ފާހަގަ ކުރެވެ އެވެ. އަދި ޕާޓީގައި ބާއްވާ ޕްރައިމެރީއެއްގައި ވާދަކުރުމުގެ ޝައުގުވެރިކަން ބައެއް ބޭފުޅުން ހިއްސާ ކުރައްވާފައި ވީ ނަމަވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމުމުން ބައެއް އެހެން ޕާޓީތަކުން ފާޑުކިއުން އަމާޒު ކުރި އެވެ.

މިއީ ޑިމޮކްރަސީގެ ސިފައެއް ނޫންކަމަށް ޕްރޮގްރާމުގައި ނޫސްވެރިޔާ ފާހަގަ ކުރުމުން މުންދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން އެ ނިންމުން ނިންމޭނެ ކަމަށެވެ. އަދި ރައީސް ޔާމީނާއި ވާދަ ކުރުމަށް ބޭނުންވާ އިތުރު އެއްވެސް ބޭފުޅެއް ޕާޓީގައި ނެތްކަމަށް ވިދާޅުވި އެވެ.

“އެއްވެސް ހާލެއްގައި ޑިމޮކްރަސީ އާއި ބީރައްޓެހިކަމެއް ނޫން، އަޅުގަނޑުމެންގެ އަސާސީ ގަވައިދާއި ކުރިން ވެސް އޮންނަ ވިންދާއި ޝުއޫރާއި، ވެސް ހަމައެކައްޗެއް..” މުންދު

ވެރިކަމުގެ ދައުރު ނިމެން ބާކީ 14 މަހެއް ހާ ދުވަސް އޮތް ނަމަވެސް، އިދިކޮޅުން ނޫނީ އަދި ރިޔާސީ ކެނޑިޑޭޓެއް ނުދައްކަ އެވެ. އަދި އިދިކޮޅުން މިހާ އަވަހަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުތައް ފެށީ، ރައީސް ޔާމީނަށް ހުކުމެއް އަންނާނެކަން އެނގި އިންޓަނޭޝަނަލް ޕްރެޝަރު ބޭނުން ކުރުމުގެ ބޭނުމުގައިކަމަށް ދެކެވޭ ވާހަކަތަކައް ވެސް މުންދު ރައްދު ދެއްވި އެވެ.

މުންދު ވިދާޅުވީ މިއީ އަލަށް ދެއްކި ވާހަކައެއް ނޫންކަމަށާއި، ވެރިކަން ނިމުނު ދުވަހުން ފެށިގެން ބުނަމުން އައީ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމުގަ އެވެ. ނަމަވެސް ފަހުން ކެމްޕެއިނުތައް ފެށި ނަމަ އުނދަގޫތަކެއް ކުރިމަތި ކުރުވީސްކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އިންތިހާބުގެ ތައްޔާރީތައް ފަށަން މާ އަވަސް ވަގުތެއްކަމަށް ގަބޫލު ނުކުރާކަމަށް މުންދު ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރެއްވުމަށް ޓިކެޓު ހަވާލު ކުރުމަށް ބާއްވާ ޖަލްސާ މި މަހުގެ 19 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: