ދިވެހިރާއްޖޭގެ މާލިއްޔާތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އޮތް މަގަކީ، ނިކަމެތި ރައްޔިތުންގެ ޖީބަށް އަތް ބޭނުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިހުގެ ސަރުކާރުގެ ހާރިޖީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެތައް ގައުމެއްގައި ބޮޑު އަދަދުތަކުން މުސާރަ ދީފައިތިބި ގިނަ އަދަދެއްގެ މީހުންތިބި ކަމަށް އިޝާރާތް ކުރައްވާ، ނުރުހުން ފާޅުކުރައްވާ ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގެ ޑިޕްލޮމެޓުންނަށް ދެމުންދާ މުސާރާއާއި އިނާޔަތްތައް ފަދައިން، އެ މަނިކުފާނު ގެންދަވަނީ އެތަކެއް ބޭކާރު ހަރަދުތަކެއް ހުއްޓުމެއްނެތި ކުރައްވަމުންކަމަށެވެ.
ރައީސް ސާލިހު އެތަކެއް ބޭކާރު ހަރަދުތަކެއް ކުރެއްވަމުންދާކަމަށާއި، ހަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް، ހަރަދު ކުރައްވަމުންދަނީ ހުއްޓުމެއް ނެތިކަމަށް ފާހަގަކުރައްވާ، ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން ޑިޕްލޮމެޓުން ތިބި ގައުމުތަކުގެ ގިނަ ދިވެހި އެމްބަސީތަކަކީ، އެއްވެސް މަސައްކަތެއް ނެތް އެމްބަސީތަކެއް ކަމަށެވެ.
މިފަދަ ބޭކާރު އެތަކެއް ޚަރަދު ހުއްޓުމެއް ނެތި ކުރިޔަށް. ދެން ސަރުކާރުގެ އޮތް ޙައްލަކީ ނިކަމެތި ރައްޔިތުންގެ ޖީބަށް އަތްބޭނުން. ގިނަ އެމްބަސީތަކަކީ މަސައްކަތެއް ނެތި، ވަކި ބަޔަކަށް ވަޒީފާތަކެއް ދޭން އުފެއްދި ތަންތަން. މިއީ ރޭވިގެން ހިންގާ ޖަރީމާއެއް. https://t.co/boVrZT467L
— Mohamed Jameel Ahmed (@MJameelAhmed) August 10, 2022
ބޭރު ގައުމުތަކުގެ ތިބި ގިނަ ދިވެހި އެމްބަސީތަކުގައި އެއްވެސް ޒާތެއްގެއް މަސައްކަތްތަކެއް ކުރިއަށް ނުގެންދާކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، އެ އެމްބަސީތައް ގާއިމު ކުރެވިފައިވަނީ، ވަކި ފަރާތްތަކަކަށް ވަޒީފާތަކެއް ދިނުމުގެ މަގުސަދުގައިކަމަށެވެ. އަދި ރައީސް ސާލިހު އެކަން ކުރައްވަމުންދަނީ، ރާއްވަވައިގެންކަމަށް ފާހަހަގަކުރައްވާ އެނާ ވިދާޅުވީ، އެކަމަކީ، ރައީސް ސާލިހުގެ ސަރުކާރުން ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ.
ރައީސް ސާލިހު ހުއްޓުމެއް ނެތި ދިވެހި މާލިއްޔާތުން ހަރަދު ކުރައްވަމުންދާކަމަށް ފާހަގަކުރައްވާ، ދިވެހި މާލިއްޔާތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އިޝާރާތްކުރައްވާ ޖަމީލު ވިދާޅުވީ، މާލިއްޔާތައް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސް ސާލިހަށް އޮތް މަގަކީ ނިކަމެތި ރައްޔިތުންގެ ޖީބަށް އަތް ބޭނުންކަމަށެވެ.

