ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

824 ދަރިވަރުންގެ ޖާގައާއިއެކު 24 ކުލާސްރޫމްގެ ސުކޫލެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވައިފި

ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ފުރަތަމަ ސްކޫލު ހުޅުވާ، އެ ސްކޫލްގައި ކިޔަވައިދޭން ފަށައިފިއެވެ.

މި ސްކޫލް ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެ ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި “ކާމިލް ދީދީ ޕްރައިމަރީ ސްކޫލް“ ނިސްބަތްވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.

މި ސްކޫލްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ އެލްކޭޖީން ފެށިގެން ގްރޭޑް 6 އާ ހަމަޔަށެވެ.  ސްކޫލުގައި ފައުންޑޭޝަން ކްލާސްތައް 4 ދަންފަޅިއަކަށް އަދި ގްރޭޑް 1 ން 6 އަކަށް 2 ދަންފަޅިއަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

824 ދަރިވަރުންގެ ޖާގައިގެ މި ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 47 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އަދި 8 އިދާރީ މުވައްޒަފުންނާއި، 10 މަސައްކަތު މީހުންނާއެކު ޖުމްލަ 65 މުވައްޒިފުން މި ސްކޫލްގައި މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވަނީ މި ސްކޫލާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރު ތެރޭ “ކާމިލް ދީދީ ޕްރައިމަރީ“ ސްކޫލާއި، އިންވެގެން ހުރި ޕްރީ ސްކޫލްވެސް ހުޅުވިގެންދާނެކަމަށެވެ.

މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަ ޞަލާހުއްދީން ސްކޫލުގައިވެސް ކިޔަވައިދޭން ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ސްކޫލުގައި އެލްކޭޖީން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭނެއެވެ. އަދި ހުޅުވުމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ބެލެނިވެރިންނަށް އިތުރު ލުޔެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރައްވިއެވެ.

”ޅަފުރައިގައި ކަންކަން ހޯދާ ދެނެގަންނަން ކުދިން ވަރަށް ޝައުޤުވެރިވޭ. އަދި އެކުދިން ކަންކަން ދަސްކުރާލެންވެސް ވަރަށް އަވަސް. އެހެންކަމުން ދަރިވަރުންގެ ފަށާތަޢުލީމު މަރުހަލާއަކީ ފައްސި ތަޖްރިބާތަކެއް ދަރިވަރުންނަށް ލިއްބައިދޭ މަރުހަލާއަކަށް ހެދުން މުހިއްމު. މި ސްކޫލާގުޅޭ ދަރިވަރުންގެ ބެލެނިވެރިންނަށް އަޅުގަނޑުމެން ޔަޤީންކަން އަރުވަން ބޭނުމީ މިއަދު މިތާ މިތިބި ކުދިން ފަށާ ދަތުރުގައި، 2ވަނަ މަންމައިންގެ ގޮތުގައި އަދި ބައްޕައިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭނެކަން. މި ތުއްތު ކުދިންނަށް އުޅުންތަކާއި ގުޅުންތައް ތަރުތީބުކުރުމަށް ދަސްކޮށްދޭނެކަން. އަދި މި ދަރިވަރުން ސާނަވީ މަރުހަލާއަށް ފުރިހަމައަށް ތައްޔާރުކޮށްދޭނެކަން.”

“ކާމިލްދީދީ ޕްރައިމަރީ ސްކޫލް“ ތަރައްޤީކޮށްފައިވަނީ ހިޔާ ޓަވަރު 3އާއި 4ގެ ކުރިމަތީއޮތް ހުސް ބިމުގައެވެ. މި ސްކޫލްގެ އެންމެބޮޑު ބޭނުމަކީވެސް ހިޔާ ފްލެޓަށް ބަދަލުވި، ޢާއިލާތަކުގެ ކުދިންނަށް ފަސޭހައިން ކިޔެވަން ދެވޭނެ މަގު ފަހިކޮށްދިނުންކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް، މިއަހަރުގެ ދިރާސީ އާ އަހަރާއެކު ކުދިން ނަގާފައިވީ، ނަމަވެސް އޭރު ސްކޫލްގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކުދިން، މި ފާއިތު އެއް މަސް ދުވަހު ކިޔަވަން ގޮސްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކަށެވެ.

ހުޅުމާލޭގެ ސްކޫލުތަކަށް ވަނުމަށް ދަރިވަރުން އެދެމުންދާތީ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި އިތުރު ސްކޫލުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި އަޅާ 800 ކުދިންގެ ޖާގައިގެ ޕްރީސްކޫލް، ޖަމީލް ދީދީ ޕްރީ ސްކޫލު އަންނަ މަހު ހުޅުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގައިގެ ސަލާހުއްދީން ސްކޫލާއި، 1400 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: