ދިވެހިރާއްޖޭގައި ހިނގާ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް، ބޭނުންވާ މައިގަނޑު ޝަރުތައް އިސްލާހު ގެނައުމަށް، ދިވެހިރާއްޖޭގެ، މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މިއަދުގެ މަޖިލީހަށް ހުށައަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
އެގޮތުން، ރާއްޖޭގައި ހިންގާ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ބޭނުންވާ މައިގަނޑު ޝަރުތީ އެތަންތަން ވަކި މުއްދަތަަކަށް ހިންގުން ކަމަށް އޮތް އުސޫލު ބަދަލުކޮށް، އެކަށީގެންވާ ފެންވަރުގައި ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކޮލެޖުތަކަށް ބާރުއެޅުމުގެ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްތްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތަކީ ކޮލެޖުތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރަށް ރިޢާޔަތްކޮށް ކަނޑައެޅޭ ޝަރުތުތަކެއް ކަމުގައިހެދުމަށް މި އިސްލާހުގައި ވެއެވެ.
މީގެ އިތުރުން، ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާނަމަ، ނުވަތަ ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ޤައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ، ހިންގަމުން އަންނަތާ 10 އަހަރު ފުރިހަމަ ވާންޖެހޭކަމަށް ވެއެވެ.
އިތުރަށް މި އިސްލާހުގައިވަނީ އާޓްސް އެންޑް ހިއުމަނިޓީސް، އިންޖިއަނިރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް، އަދި ޗޯޝަލް ސައިންސް ގެ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަދި ލެވެލް ނުވައެއް ގެ ޕްރޮގުރާމްތައް އެ ކޮލެޖަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ޔުނިވާސިޓީއަކުން އެކޮލެޖުގައި ހިންގަމުންދާ ކޮލެޖަކަށް ވާންޖެހޭނެކަމަށެވެ.

