ގާނޫނީ ވަކީލެއްގެ މަޤާމުގައި ހުރެ، މަސައްކަތުގެ ބޭރުން ވަކީލަކު ކުރާ ކުށަކާ ގުޅިގެން ބާ ކައުންސިލަށް މައްސަލަ ބެލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފި އެވެ.
މި ބިލް މިއަދުގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ.
މިހާރު ޤާނޫނުގައި އޮތީ ކީކޭ؟
މިހާރުގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި އޮންނަ ގޮތުން ގާނޫނީ ވަކީލަކު އެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާ ގުޅިގެން ސުލޫކީ ފިޔަވަޅު ނޭޅެ އެވެ. އަދި ގާނޫނީ ވަކީލަކާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅެނީ ވެސް އެ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ވަކީލަކު އަމަލު ކުރާ ގޮތެއްގެ ސަބަބުން ސުލޫކާ ހިލާފުވެއްޖެ ނަމަ އެވެ.
މިހާރު ޤާނޫނު އޮތްގޮތުންނަމަ، ވަކީލަކު ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުނަސް އަދި އެފަދަ މައްސަލައެއްގައި ދައުވާ ކުރިއަސް އަދި އެފަދަ މައްސަލައެއްގައި ކޯޓަކުން ހުކުމް ކުރިއަސް ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ.
ދާދި ފަހަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް ބާ ކައުންސިލުން ވަނީ ނިންމާފައެވެ.
އިޞްލާޙުކުރުމަށް ހުށަހެޅި ބިލުގައި ހުރި ކަންކަމަކީ ކޮބާ؟
އިޞްލާހުކުރުމަށް މެންބަރު ޔޫނުސް ހުށަހަޅާފައިވާ މި ބިލުގައިވަނީ، ވަކީލު މަސައްކަތުގެ ތެރެއިން ކުރާ އަމަލެއްގެ އިތުރަށް ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ޓަކައި ގެންގުޅެން ވާނެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކުރިއަސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.އަދި ބާ ކައުންސިލަށް ވަކީލެއްގެ ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. އަދި ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމުގެ މަތިން ވެސް މައްސަލައެއް ބަލަން ފެށޭނެ ކަމަށެވެ.

