ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް މިލިއަން ޑޮލަރު ވިއްކާނެ މީހެއް ހޯދަން ޔާމީން ގުޅުއްވި، އެކަމަށް ޔޫސުފް ނައީމް ހަމަޖެއްސިން: މުހައްމަދު އިސްމާއީލް

ރައީސް ޔާމީނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ބޭނުންވާތީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގުޅުއްވުމުން އެކަން ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް މެދުވެރިކޮށް ހަމަޖައްސައިދީފައި ވާނެކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިޔަށް ގެންދާއިރު އެއީ ދިފާއުން ހުށަހަޅާފައިވާ ހެކި ބަސް ނެގުމުގެ ބައެވެ. ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.

މައްސަލައިގައި ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝާއި އެނާއާއި އެކު ދޫވެހިން ޔޫސުފް ނައީމްގެ ގެއަށް ފައިސާ ގެންދިޔަ އަބްދުﷲ ރަޝީދުގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެއް މިލިއަން ޑޮލަރުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދެން އެ މުއާމަލާތުގައި ބައިވެރިވި މުހައްމަދު އިސްމާއީލްގެ ހެކި ބަހުގައި މިއަދު ވިދާޅުވީ ވިޔަފާރިތަކާއި، އެހެން ފައިސާ އާއި ގުޅުން ހުރި ކަންކަމުގައި ރައީސް ޔާމީން އޭނާއަަށް ގުޅުއްވާ ކަމަށެވެ. އަދި އެގޮތުގެ މަތީން 2015 ގެ ތެރޭގައި ވެސް އެއް މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށް ގުޅުމުން، އެ މުއާމަލާތް ކުރިޔަށް ގެންދިއުމަށް ބައެއް ވިޔަފާރިވެރިންނަށް ގުޅައި އެކަން ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރިކަަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ފައިސާ ހަމަޖެއްސުމަށް ގުޅި މީހުންގެ ތެރޭގައި ޔޫސުފް ނައީމް ވެސް ހިމެނޭ ކަަމަށެވެ. އެއީ އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ވިޔަފާރިވެރިން ދަންނަ މީހަކަށް ވާތީކަމަށް ވިދާޅވި އެވެ. އޭގެ ފަހުން ދުވަސްތަކަށް ފަހު، ޔޫސުފް ނައީމް ގުޅައި އެއް މިލިއަން ޑޮލަރުގެ އިންތިޒާމުތައް ހަމަޖެހޭނެކަމަށާއި، މުއާމަލާތުގައި ހިމެނެނީ ރައީސް ޔާމީންކަމަށް ވުމާއި އެކު ރަނގަޅު ރޭޓެއްގައި ކުރިޔަށް ދާން ހުށަހެޅިކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އެއީ 15.42 ރުފިޔާގެ ރޭޓުންނެވެ.

ފައިސާގެ މުއާމަލާތް ނިންމުމަށް ފަހު، އެކަން ޔޫސުފް ނައީމް އެނާއަށް ގުޅައި ބުނިކަމަށާއި އަދި ފައިސާ ލިބުނީ ގަނޑުކޮށްކަމަށް ބުނިކަމަށް ވެސް މުހައްމަދު އިސްމާއީލް ފާހަގަކުރެއްވި އެވެ. ފައިސާ ހަމަޖެއްސުމުގެ މެދުވެރިއަކަށް ވީ ނަމަވެސް، އެކަމުގައި ފަހުން އެއްވެސް ވަރަކަށް އުޅެފައި ނުވާނެކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެ މުއަަލާތް ހިނގައިދިޔަ ގޮތް ވެސް ބަލާފައި ނުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރު ހަމަޖައްސައިދޭން އެދި ރައީސް ޔާމީން ގުޅުއްވި އިރު، އެވަގުތު އިތުރު އެއްވެސް މީހަކު ހުރިތޯ ސުވާލު ކުރުމުން މުހައްމަދު އިސްމާއީލް ވިދާޅުވީ އޭރު އޭނާ އަރިހުގައި އައްޑޫ ހުޅޫދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އިންނެވި ކަމަށެވެ. ނަމަވެސް ސީދާ ފޯނު ކޯލުގައި ދެއްކި ވާހަކަތައް ޝާހިދަށް ނޭނގޭނެކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފޯނު ބޭއްވުމަށް ފަހު، ރައީސް ޔާމީން ގުޅުއްވިކަމާއި އެއީ ކޮން ބޭނުމަކުކަން ޝާހިދާއި ހިއްސާ ކުރިކަމަށް މުހައްމަދު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ސުވާލުތަކަށް މުހައްމަދު އިސްމާއީލް ވިދާޅުވީ ރައީސް ޔާމީން އޭނާއަށް ގުޅުއްވި ވަގުތު ހުރިތަނެއް ހަނދާނުގައި ނެތް ކަމަށެވެ. އަދި ރައީސް ޔާމީން ގުޅުއްވައީ އެޕްލިކޭޝަނަކުން ތޯ، ނުވަތަ އަމިއްލަ ޕާސަނަލް ނަމްބަރުކަން ހަނދާނުގައި ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން، ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނެގުމަށް ފަހު މިހާރު ކުރިޔަށް ދާ ދިފާއީ ހެކި ބަސް ނެގުމުގެ މަރުހަލާގައި މިއަދު ދެން ހެކި ބަސް ނަގާފައި ވަނީ އަބްދުﷲ ރަޝީދުގެ އިތުރުން ޝާހިދުގެ އެވެ.

މައްސަލައިގައި މިދިޔަ ބުދަ ދުވަހު ހެކި ބަސް ނެގި، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝަކީ އެ ފައިސާތައް އަބްދުﷲ ރަޝީދާއި އެކު ޔޫސުފް ނައީމްގެ ގެއަަށް ގެންދިޔަ މީހުންނެވެ. ނަރީޝްގެ ހެކި ބަހުގައި ވިދާޅުވީ ގޮތުގައި އެ ފައިސާތައް ހަވާލު ކުރުމަށް ފަހު ލިޔެކިއުމެއްގައި ސޮއިކޮށްފައިވާނެ އެވެ. އަދި އެ ފައިސާތައް ގުނީ އަތުންކަމަށް ވިދާޅުވި އެވެ. އަބްދުﷲ ވެސް ވިދާޅުވީ އެ ފައިސާތައް ގުނާފައިވާނީ އަތުން ކަމަށެވެ. އަދި ކަޅު ދެ ދަބަހެއްގައި ފައިސާތަކެއް ހުރިއިރު އެއީ 50،000 ރުފިޔާގެ ބަންޑެލިތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ނިންމާލާފައި ވަނީ ތިން ހެކިންގެ ހެކި ބަސް ނެގުމަށް ފަހު އެވެ.

ވަރަށް ގަދަ
61%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދައުކަތުން ކޮންމެ ރައީސަކު އަދި ކޮންމެމިހަކު ވަވައްކަން ކުރިއަސް އަދި ކިތައްމެ ކުޑަމިންވަރެއްގެ ޚިޔާނާތެއްވިޔަސް އެ މިންވަރު ދައުލަތައް ނެގުމާއުއި އެކު ޙައްޤުވާ އަދަބު ލޖބެންޖެހޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: