ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަމުގެ ބާރު އަބަދުވެސް އޮންނަންވާނީ ދިވެހި ސިފައިންގެ އަތް މަތީގައިކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމާއި، ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ގައުމު ދިފާއު ކުރުމުގެ ”ކޮމާންޑް އެންޑް ކޮންޓްރޯލް“ އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަން އަސްކަރިއްޔާއަށް ނިސްބަތްވާ އެންމެހާ ބޭފުޅުންވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ގައުމުގެ މިނިވަންކަން ކަމަށެވެ. އަދި އެ މިނިވަންކަން ދިފާއުކުރާ އައްޑަނައަކީ، ދިވެހި ސިފައިންކަމަށް ސިފަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަ މިހާރު ރާއްޖެއާއި ހިސާބަށްވެސް ފޯރާފައިވާކަމަށެވެ. އަދި ޒަމާން ބަދަލުވެ ވަސީލަތްތައް ކުރިއަރާފައިވުމާއިއެކު، އެފަދަ ކަންކަމަށް އިތުރަށް ސަމާލުވާންޖެހިފައިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ދިވެހި ސިފައިން އަބަދުވެސް ތިބެނީ، ގައުމާއި ރައްޔިތުންގެ ސަލާމަތައްޓަކައި ތައްޔާރަށް ކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެހެންކަމުން ސަރުކާރުން އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ. އަދި އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއް ނެތި، އެމީހެއްގެ ގާބިލުކަން ހުރިވަރަކުން އަސްކަރިއްޔާގެ ތެރެއިން ކުރިއަށް ދެވޭނެ މަގުފަހިވެފައިވާކަމަށްވެސް ރައީސް ސާލިހުވަނީ ވިދާޅުވެފައެވެ.

