ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަހުލާ ކޮމިޓީއަށް ހާޒިރުވުން ލަސްވެ، މަޖިލީހުން ”އަމުރެއް“ ނެރެ ބައްދަލުވުން ބާއްވާ ހިސާބަށް!

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކޮމިޓީ ބައްދަލުވުމެއްގައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓްރީ އާއި، ތަނުގެ ދަށުން ހިންގާ އޮތޯރިޓީތަކުގެ އަހަރީ ރިޕޯޓާއި ބެހޭ މަޝްވަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ނުވާކަމަށް ނިންމައި ”އަމުރެއް ނެރެގެން ވިޔަސް“ މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައި ބައްދަލުވުން ނިންމާލައިފި އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، ޓްރާންސްޕޯޓު މިނިސްޓްރީ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އަހަރީ ރިޕޯޓު އިއްވުމެވެ. 11:00 ގައި ފެށުމަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުމުގެ ގަޑި ހަމަވީ އިރު ވެސް މިނިސްޓަރު ވަޑައިގެންފައި ނުވެ އެވެ. އެހެންވެ މެމްބަރުން ހުށަހެޅީ، މިނިސްޓަރު ހާޒިރު ނުވާކަމަށް، ރިޕޯޓު ކުރުމަށް ފަހު ބައްދަލުވުން ކެންސަލް ކުރުމަށެވެ.

ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ބައްދަލުވުން ދެން ތާވަލު ކުރުމަށް ހާޒިރު ކުރާ ދުވަހަކަށް ”އަމުރު“ ނެރެގެން ވިޔަސް މިނިސްޓަރު ހާޒިރު ކުރުމަށް މެމްބަރުން އެދޭ ކަމަށެވެ.

”ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނަށް އަހަރީ ރިޕޯޓު ހުށަހެޅުމަށް ދަންނަވާފައި ވަނީ،.. އެހެންވީމަ ކޮމިޓީގެ އިއްޒަތްތެރި މެމްބަރުން ވިދާޅުވަނީ…  މިއަދުގެ ކޮމިޓީއަށް ހާޒިރު ނުވީކަމަށް ބަލާފައި ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވިޔަސް ހާޒިރުކުރުމަށް،“ އަހުމަދު އަބްދުﷲ

ދިމާވި ކުޑަކަމެއްގެ ސަބަބުން ކޮމިޓީއަށް ހާޒިރުވުން ވަގުތުކޮޅެއް ލަސްވެދާނެކަމަށް މިނިސްޓްރީ އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވާތީ އެކަން ސާފު ކުރުމަށް އަހުމަދު އަބްދުﷲ އަށް ގުޅާލުމުން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކޮމިޓީއާއި ހަމައަށް އައިސްފައި ނުވާ ކަމަށެވެ. އެހެންވެ، ކޮމިޓީ އެހެން ދުވަހަކަށް ތާވަލު ކުރުމަށް ނިންމައި، ބައްދަލުވުން ނިންމަވާލެއްވީކަމަށް ވިދާޅުވި އެވެ.

މިކަމާއި ބެހޭ ބަހެއް ހޯދާލުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ގުޅުމުން، ފޯނަށް ޖަވާބެއް ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކޮމިޓީ ބައްދަލުވުންތައް ތާވަލު ކުރުމުން، ހާޒިރުވާން ޖެހޭ އިދާރާތްތައް ހާޒިރު ނުވެގެން މީގެ ކުރިން ވެސް ބައްދަލުވުންތައް ކެންސަލްކޮށްފައި އެބަހުއްޓެވެ. އަދި ބައެއް ހާލަތްތަކުގައި އެބޭފުޅުން ހާޒިރުވާން އަންގައި އަމުރު ނެރުނުކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ކޮމިޓީގެ ބައްދަލުވުމަށް އޭރު ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިއަކަށް ހުންނެވި އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނެވި ނިޝާމާ މުހައްމަދު ކޮމިޓީއަށް ހާޒިރުވާން އަންގައި އަމުރެއް ނެރުނެވެ.

މީގެއިތުރުން މަޖިލީހުގެ ބައެއް ޖަލްސާތަކުގައި، ވަޒީރުންނާއި ކުރާ ސުވާލުތަކާއި ގުޅުވައި ރައީސް މުހައްމަދު ނަޝީދު ވެސް ބައެއް އެންގެވުންތައް އަންގަވާފައި ވެއެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާއި ބެހޭ ބައްދަލުވުންތަކަށް ލިޔުން ފޮނުވުން ހާޒިރު ވާން ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިއަދުގެ ކޮމިޓީއަށް ނަހުލާ ހާޒިރުވެފައި ނުވާތީ، ކޮމިޓީގެ ބައްދަލުވުން ދެން އޮންނާނެކަމަށް ބެލެވެނީ އަންނަ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު އެވެ. އަދި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވަށް އަންގާ ލިއުމުގައި ސޮއި ކުރައްވާނެކަމަށް ބެލެވެނީ ރައީސް ނަޝީދެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: