ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓުން ވެހިކަލް ރެޖިސްޓްރީ ބާތިލު ކުރުން ހުއްޓުމަށް އަމުރުކުރީ ރަނގަޅަށް މައްސަލަ ނުބަލާ: ހަމަދު

ޓްރާންސްޕޯޓު އެންސް ސިވިލް ވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ: ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާ ހިލާފަށް ހުރި ވެހިކްލް ރަޖިސްޓްރީތައް ބާތިލު ކުރުން ހުއްޓުމަށް ސިވިލް ކޯޓުން އަމުރު ނެރިފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީއިން ހުށައަޅާފައިވާ މައްސަލައަށް ފުރިހަމައަށް ރިއާޔަތް ނުކޮށްކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ގަނީ ވިދާޅުވެއްޖެއެވެ.

ގަވާއިދާއި ހިލާފަށް ރެޖިސްޓަރ ކުރެވިފައިވާކަމަށް ފާހަގަކުރެވިފައިވާ 202 ވެހިކަލެއްގެ ރެޖިސްޓްރީ ބާތިލު ކުރާކަމަށް އިއުލާނު ކުރުމާއި ގުޅިގެން އުފެދިފައިވާ މައްސަލައާއިމެދު ސަންގުޓީވީއިން ކުރި ސުވާލުތަކަކަށް ޖަވާބުދެއްވަމުން ހަމަދު ވިދާޅުވީ، އެ މިނިސްޓްރީއިން ގާއިމުކޮށްފައިވާ ރެޖިސްޓްރޭޝަން ނިޒާމުން ބޭރުން ރެޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަކީ، ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްތަކެއް ކަމަށް ބަލައިނުގަންނަކަމަށެވެ.

ހަމަދް ވިދާޅުވީ، އެ ވެހިކަލްތަކުގެ ރެޖިސްޓްރީތައް އެ މިނިސްޓްރީއިން ބަލައިގަންނަނީ ސައްހަ ނޫން ލިޔެކިޔުންތަކެއްގެ ގޮތުގައިކަމަށެވެ. އަދި އެ ލިޔެކިޔުންތަކަށް ރަޖިސްޓްރީގެ ދަރަޖައެއް ދޭން ބޭނުން ނުވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ޓްރާންސްޕޯޓުން ރަޖިސްޓްރީއެއް އިޝޫ ކުރާނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކުރާ ގަވައިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، މިނިސްޓްރީއަށް ނުވަތަ ކަމާއި ބެހޭ ކައުންސިލަކަށް ހުށައެޅުމުންކަމަށެވެ. އަދި އެނޫން ގޮތެއްގެ މަތިން ދޫނުކުރާނެކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރެޖިސްޓްރީތަކެއް ކަމަށް ބުނާ ލިޔެކިޔުންތަކުގައި ޖަހާފައި ހުރި މިނިސްޓްރީގެ ތަތްގަނޑުތަކަކީވެސް ނަކަލު ކުރެވިފައިވާ ތަތްގަނޑުތަކެއް ކަމަށެވެ. އަދި ކުރެވިފައިވާ ސޮއިތަކަކީވެސް އަސްލުކަމަށް ބެލެވޭ ސޮއިތަކެއް ނަމަވެސް އެތަކެތިވެސްވަނީ ނަކަލު ކުރެވިފައިކަމަށާއި އެހެންކަމުން އެ ލިޔެކިޔުންތައް ބަލައި ނުގަންނަކަމަށް އެނާ ތަކުރާރު ކުރެއްވިއެވެ.

ހަމަދު ވިދާޅުވީ، ވެހިކަލްތަކުގެ ވެރި ފަރާތްތައް ގެންގުޅެމުންދާ ލިޔެކިޔުންތަކަކީ މިނިސްޓްރީއިން ހަވާލުކޮށްފައިވާ ލިޔެކިޔުންތަކެއް ނޫންކަމަށެވެ. އަދި އެކަން ކުރެވިފައިވަނީ ބޭރު ތެރެއިންކަމަށާއި މި ކަމަކީ ރާވައިގެން ހިންގާ ކުށެއްކަމަށް ސިފަކުރައްވާ އެނާ ވަނީ މި ކަމުގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ކުރެވެންޖެހޭކަމަށް ވިދާޅުވެފައެވެ.

“މިނިސްޓްރީގެ ސްޓޭންޑަކީ، ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތީ، އަޅުގަނޑުމެންގެ މައްސަލައަށް ފުރިހަމައަށް ރިއާޔަތްކޮށްފައެއް ނޫނޭ، އަޅުގަނޑުމެން ހުށައެޅި ލިޔެކިޔުންތަކަށް ރިއާޔަތްކޮށްފައެއް ނޫނޭ، ނިޒާމުގެ ބޭރުން ރެޖިސްޓްރީ ކުރެވިފައި ހުރި ވެހިކަލްތަކެކޭ ކިޔާފަ އަޅުގަނޑުމެން ބަލައެއް ނުގަންނަމޭ އެއީ ރެޖިސްޓްރީ ކުރެވިފައި ހުރި ވެހިކަލްތަކެއް ކަމަކަށް އަޅުގަނޑުމެން ބަލަނީ އެއީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށޭ” ހަމަދު

ހަމަދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި ގުޅިގެން މިނިސްޓްރީއިން މި މައްސަލަ ބަލަމުންދާކަމަށެވެ. އަދި އެހެނިހެން ކަމާއި ބެހޭ އިދާރާތައްވެސް ވަނީ ސަމާލުކަމަށް ގެނެވިފައިކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އޮޑިޓުގެ ތެރެއިން މައްސަލަތައް ފާހަގަކުރެވުނީ، އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި ހިލާފަށް ވެހިކަލްތަކެއް ހުރުމުންކަމަށެވެ.

އުފައްދާފައިވާ ތާރީހުން ފެށިގެން 5 އަހަރަށް ވުރެ އިތުރުވެފައިވާ ކާރު ރަޖިސްޓްރީ ނުކުރެވޭކަމަށް ގަވައިދުގައިވާކަން ފާހަގަކުރައްވާ ހަމަދު ވިދާޅުވީ، އެފަދަ ޝަރުތުތަކާއި ހިލާފަށް ހުރި ވެހިކަލްތަކެއްގެ މައުލޫމާތު ސިސްޓަމުގައި ހުރެފައި، އެ ދުވަހު ދޫކުރެވިފައިވާ ރެޖިސްޓްރީތަކުގެ ތެރޭގައި އެ ވެހިކަލްގެ ރެޖިސްޓްރީ ނެތުމުން، މިނިސްޓްރީގެ “ސިސްޓަމް އިންފިލްޓްރޭޓް” ކޮށްގެން މައުލޫމާތު ހިމަނާފައިވާކަން ސާފުވާކަމަށެވެ.

ހަމަދު ވިދާޅުވީ، ވެހިކަލްގެ ވެރި ފަރާތްތަކަށް މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކެނީ ޓްރާންސްޕޯޓުގެ ސިސްޓަމާއި މީރާގެ ސިސްޓަމް ގުޅިފައި ހުރުމުގެ ސަބަބުންކަމަށެވެ. އެނާ ވިދާޅުވީ، ޒޯން ބަދަލު ކުރުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އަތޮޅު ތެރެއަށް ރަނގަޅަށް ރެޖިސްޓްރީ ކުރުމަށް ފަހު 5 އަހަރަށް ވުރެ ގިނަ ދުވަސްވެފައިނުވާ ވެހިކަލްތަކެއް ގަރާޖު ސިޓީ އަކާއި ނުލައި ޒޯން ބަދަލުކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަން ހަމަދު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ހަމަދު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ އޮޑިޓުން މި މައްސަލަތައް ހުރިކަން ސާފުކަމަށެވެ. އެނާ ވިދާޅުވީ، ނިޒާމުން ބޭރުން ރެޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަކަށް ނިޒާމުގެ ތެރެއިން ހިދުމަތްތަކެއް ދިނުމަކީ މުޅި ނިޒާމަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: