ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ދުވަސް ފާހަގަކުރުން: އައިޖީއެމްއެޗް ހުރިހާ ސްޕެޝަލިސްޓް ޑޮކްޓަރުން ޗުއްޓީގަ!

އައިޖީއެމް ހޮސްޕިޓަލް ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ހިދުމަތްތަކުގެ ބޭނުމަކީ ހުއްޓުމެއް ނެތި ރައްޔިތުން އެ ހިދުމަތްތަކަށް ބޭނުންޖެހޭ ކަންކަމެވެ.

ކުދި އަދި ބޮޑެތި މީހުންނަށްވެސް ސިއްހީ އެމަރޖެންސީއެއް ލައިގަންނަނީ ބުނެފައެ ނޫނެވެ. މި ކަންކަމަކީ ވަކި ތާރީހެއް ވަކި ވަގުތެއްވެސް އޮންނަ ކަންކަމެއް ނޫނެވެ.

ރަބިއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ކުލަ ގަދަކޮށް ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހިންނަށް ތާރީހީ އަދި އިންތިހާއަށް ހާއްސަ ދުވަހަކަށްވާއިރު، މިއަދު އެންމެ ބޮޑު އެއް ކަމަކަށް ފާހަގަކުރެވުނީ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ މައި އެއް ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގައި ތިބޭ ހާއްސަ ހިދުމަތްތައް ދެމުންދާ ޑޮކްޓަރުނަށްވަނީ ޗުއްޓީއެއް ދީފައިކަމެވެ.

އައިޖީއެމްއެޗް ނޫން އެހެނިހެން ހޮސްޕިޓަލްތައްވެސް ހަމަ މި ފަދައެވެ.

ހާއްސަ ސިއްހީ ހިދުމަތެއް ހޯދުމަށް ހޮސްޕިޓަލަށް ގުޅުމުން މިއަދު ލިބިގެންދިޔަ ޖަވާބަކީ، ހާއްސަ ޑޮކްޓަރުން ތިބީ ޗުއްޓީގައިކަމަށެވެ. މާދަމާއާއި ޖެހެންދެންވެސް ހުރިހާ ޑިޕާރޓްމެންޓެއް ބަންދު ކަމަށެވެ. ޑޮކްޓަރަކަށް ދެއްކުމަށް ބޭނުންވާ ނަމަ އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރަކަށް ދެއްކި ދާނެކަމަށެވެ.

އެހެންނަމަވެސް ހިތުގެ މައްސަލައެއް ހުރި މީހަކު އުނދަގޫތަކެއް ދިމާވުމުން އާންމު ޑޮކްޓަރަކަށް ދެއްކުމުން ލިބޭނީ ކޮން ޖަވާބެއްކަން އެންމެންވެސް ދަންނާނެއެވެ. ލިބިގެންދާނެ ޖަވާބަކީ ދައްކަން ޖެހޭނީ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ކަމަށެވެ. އެއްޗެކޭ ވިދާޅުވާން އިނގޭނީ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރަކަށް ކަމަށެވެ.

މި އުސޫލުން ގައުމީ ދުވަސް ފާހަގަކުރުމުން ރައްޔިތުންނަށް ކުރިމަތިވެގެންދަނީ އިންތިހާއަށް ބޮޑު ތަކުލީފެކެވެ. ދުވަސް ހާއްސަވެފައިވަނީ ދިވެހިންނަށް ކަމަށްވާއިރު، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ ވަކި ކަންކަމަށް ހާއްސަ ޑޮކްޓަރުންނަކީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އަދި ގިނަ އާންމު ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަކީ ދިވެހިންކަންވެސް ފާހަގަކުރެވެއެވެ.

ހުރިހާ ހާއްސަ ފަރުވާތަކެއް މެދު ކަނޑާލުމުގެ ވިސްނުން އަންނަނީ ކޮން ގޮތަކުންތޯ ސުވާލު އުފެދެއެވެ.

ހާއްސަ ނުވަތަ ސްޕެޝަލިސްޓު ޑޮކްޓަރުންނަކީ އާންމު މައްސަލަތައް ބެލުމަށްވެސް އެތައް އަހަރެއް ހޭދަކުރުމަށްފަހު، ވަކި ކަމަކަށް ހާއްސަ ވާ ބައެއް ކަމަށްވުމުން، އެ މީހުންނަކީ އާންމު ކަންކަމަށްވެސް ފަރުވާ ދެވޭނެ މީހުންނެވެ. އެހެން ކަމުން ހަމަ ޗުއްޓީއެއް ދިނުމުގެ ނަމުގައި ދޭނަމަ އޯޕީޑީ ޑޮކްޓަރުންނަށް އެ ޗުއްޓީ ދިނުންވެސް ރަނގަޅެއް ނޫންތޯއެވެ. ޔަގީނުންވެސް ހިދުމަތްތައް ފުރިހަމައަށް ކުރިއަށްދާނެއެވެ.

ގައުމީ ދުވަސްކަމަށްވުމުން ހާއްސަ ހުރިހާ ޑޮކްޓަރުންނަށް ޗުއްޓީ ދެވިފައިވާއިރު، ކުއްލި ސިއްހީ ކަމެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދާ މީހާއަށް ވެގެންދާނި ކިހިނަކުންތޯ ސުވާލު އުފެދޭނެއެވެ. ހަމަ އެހެނިހެން ދުވަސްތަކެކޭވެސް އެއް ގޮތަށް އެ މީހަކު ގެންދާނީ ކުއްލި ފަރުވާ ނުވަތަ އެމަރޖެންސީއަށް ކަމަށް ހޮސްޕިޓަލްތަކުން ބުނެއެވެ.

އެހެން ނަމަވެސް ހާއްސަ ޑޮކްޓަރެއް ނެތް ހޮސްޕިޓަލަކުން ދެނީ ކޮން ހާއްސަ ފަރުވާއެއްތޯއެވެ. ހާލު ބޮޑުވެގެން ގެންދާ މީހާގެ ވާހަކަ ހާއްސަ ޑޮކްޓަރަށް ހިއްސާ ކުރާނީ ފޯނުގެ ޒަރިއްޔާއިންނެވެ. އަދި ހާއްސަ މީހެއް އަންނާނީ އިތުރު ގޮތެއް ނެތިގެންނެވެ. އެހެން ނަމަވެސް ހަމަ ލޮލުން ދެކި، ތަނުގައި ހުރެ އިހުސާސް ކުރެވުމާއި، ފޯނެއްގެ ޒަރިޔާއިން ހާލަތު ކިޔައި ދިނުމާއި ހާސްބައި ތަފާތުވާނެއެވެ. ކިޔައިދީ ނިމޭއިރު، ބަލި މީހާ އޮންނާނީ ވާނެ އެއްޗެއްވެ ނިމިފައެވެ. ޒަމާނަކީ ޑިޖިޓަލް އޭޖް ކަމަށްވީނަމަވެސް ދިވެހިރާއްޖެ އޮތީ އަދި އެހާވެސް ކުރިއަކު ނޫނެވެ.

ޑޮކްޓަރަށް އައުމަށް ލަސްތަކެއް ވެއްޖެނަމަ މީހާ އޮންނާނީ ވާނެ އެއްޗެއްވެ ނިމިފައެވެ. މިއީ ހަމަ ހައިރާންވާ އުސޫލެކެވެ. ގައުމީ ދުވަހުގެ ނަމުގައި ހޮސްޕިޓަލްތަކުގެ އެންމެ މުހިންމު ޑޮކްޓަރުން އެކީ އެކައްޗަކަށް ޗުއްޓީގައެވެ. ޗުއްޓީ ދިނުން ގޯސް ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ސިއްހީ ހިދުމަތްތައް ފުރިހަމައަށް ދިނުމަށް ދަތިވާގޮތަށް އެންމެނަށް އެއްފަހަރާ ޗުއްޓީއެއް ދިނުމަކީ ޒިންމާދާރުކަން ކުޑަ އުސޫލެއްކަމަށް އެންމެން އިއްތިފާގުވާނެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: