ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބަފައިންނަކީ ނަމާދު ގާއިމުކޮށް، ރޯދަ ހިފައި ޒަކާތް ދިނުމާއި ހަރާމަށް ބިރުވެތިވި ބައެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމް ދީންކަމަށާއި، ދިވެހި ކާބަފައިންނަކީ ނަމާދު ގާއިމުކޮށް، ރޯދަ ހިފައި ޒަކާތް ދިނުމާއި، ހަރާމަށް ބިރުވެތިވެ ހަލާލަށް ރައްކާތެރިވި ދިވެހިން ރައްޔިތުންތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބޭނުންވާ ކޮންމެ ހިދުމަތަކާއި، އަގުބޮޑެތި ތަކެތި ބޭރުގެ ގައުމުތަކުން އިމްޕޯޓު ކުރެވުނު ނަމަވެސް ގައުމިއްޔަތާއި ހަމައިން އެކަން އޮންނަން ޖެހެނީ ދިވެހިންގެ ތެރޭގައި ކަމަށެވެ. ރާއްޖެއަކީ އެންމެން އެއް ބަހަކުން ވާހަކަ ދައްކާ، އިސްލާމް ދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އެކަކު އަނެކެއްގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ވަގުތަކެއްގައި އެ އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށެވެ.

މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ދިވެހިންނަކީ އެއް ގޭގެ ބަދިގޭގެ ތެލި ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެ ނަމަ ކާތަކެތި ގެނެސް ދޭ ބައެއް ކަމަށެވެ. މިއީ ގައުމިއްޔަތަށް އިތުރު ކުރިއެރުންތަކެއް ގެނެސްދީ ޒީނަތް ކުރުވާ، އަމަލުތަކަށް ވާއިރު މި އަގުބޮޑު ދިރުއުޅުމެއްގެ ބައެއް ދުނިޔޭގެ އެހެން ގައުމެއްގައި މަދުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުގެ މުޅި ހަޔާތްޕުޅުން ފެނިގެން ދިޔައީ ގައުމީ ލޯބި ކަމަށެވެ. ތިވެރި އުޅުމާއި، ސުލޫކު އަދި އަހުލާގާއި ގައުމު ދެކެވާ ލޯބި މިއަދާއި ހަމައަށް އައިއިރު ވެސް ދިވެހިންގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ދުނިޔެ ހެކިވާނެކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، އަހަރަށް ވާއިރު ހިތްހެޔޮކަމާއި މެހުމާންދާރީ އަދި އޯގާތެރިކަން އިސް ނުކުރެވުނު ނަމަ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ނުވީސްކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަހުލާގާއި، ރިވެތި އުޅުމާއި ސުލޫކުކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ގައުމިއްޔަތުކަމަށާއި، މިއީ ގައުމުދެކެ ވާ ލޯބިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަށައިގެންވާ މާޙައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނުކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް ބޮޑުތަކުރުފާނުގެ މުޅި ހަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ގައުމިއްޔަތަށް އޮތް ލޯބިކަމަށް ރައީސް ވިދާޅުވި އެވެ.

“އެ ޒަމާން، އެ ޒަމާނުގެ ގޮތުގައި ފާއިތުވެ، މި ޒަމާން އައިއިރުވެސް ދިވެހިންގެ ދިވެހިއްޔަތަށް ދުނިޔެ އެބަ ހެކިވޭ. ފަތުރުވެރިކަން ރާއްޖެއަށް ފެތުރުނުތާ 50 އަހަރު މި އަހަރު މި ފުރެނީ. މެހްމާންދާރީއާއި އޯގާތެރިކަމާއި ހިތްހެޔޮކަން ނުވިނަމަ، ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލް ކަމުގައި ރާއްޖެއަކަށް ނުވެވުނީސް. ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހްމާނުންނަށް ކަމޭހިތާ، އިޙްތިރާމްކޮށް އޯގާތެރިވުން. ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި، އެ ތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ޤައުމިއްޔަތުގެ ބައެއް. މި ދެންނެވި ޤައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް.”

ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމް ދީންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހަލާލު މަސައްކަތްކޮށް ކަނޑުފަޅު ފީނައި، ފަރުހިލައި، ވަލުފުރާގުން ދަރިން ބޮޑުކުރީ ދިވެހި ކާބަފައިން ކަމަށެވެ. އަދި ވިދާޅުވީ ކާބަފައިންނަކީ އުމުރަށް ނަމާދު ގާއިމުކޮށް، ރޯދަ ހިފައި ޒަކާތް ދިނުމާއި، ހަރާމަށް ބިރުވެތިވެ ހަލާލަށް ރައްކާތެރިވި ދިވެހިންކަމަށެވެ.

“މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރިކަމާއި، އެ ދީނުގެ ޞައްޙަ ޢަޤީދާއަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ޙަލާލު މަސައްކަތްކޮށް، ކަނޑުފަޅު ފީނައި، ފަރުހިލައި، ވަލުފުރާގުން ދަރިން ބޮޑެތިކުރީ ދިވެހި ކާބަފައިން. އެއީ އުމުރަށް ނަމާދު ޤާއިމުކޮށް، ރޯދަ ހިފައި، ޒަކާތްދީ، ޙަރާމަށް ބިރުވެތިވެ، ޙަލާލަށް ރައްކާތެރިވި ދިވެހިން. ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާއެކު މުޢާމަލާތު ކުރެވި، ޞުލްޙަމަސަލަސްކަމާއެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭގޮތް.”

މީގެއިތުރުން ރައީސް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒަކާއި އެކު ކުދި ރަށްތަކުގައި ހަމަޖެހޭ ދިރުއުޅެވޭނެ މަގެއް ހޯދައިދިނުން ކަމަށެވެ. އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފީނޭ ފާހަގަކުރަައްވައި ރައީސް ވިދާޅުވީ ސިޔާސަތުތަކުގެ ދަށުން އަލުން އަނބުރާ އިޔާދަ ކުރުމަށް މަސަައްކަތް ކުރާ ދިވެހި ގައުމިއްޔަތުގެ ހަމަ ތައްގަނޑަށް އެ ރަށް ފެތޭ ކަމަށެވެ. ފިނޭއަކީ ބިންގަނޑު ރަނގަޅު، ފެހިކަން ގަދަ ކުނބުރެއްގެ މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިނިވަންކަމާއި ސިޔާދަތު އަދި އަމިއްލަވަންތަކަން ދެމެހެއްޓުމަށް އަމިއްލަ ތާރީހު އެނގުން މުހިންމު ކަމަށެވެ. ހާއްސަކޮށް އެބައެއްގެ ދިރިއުޅުމާއި، ތާރީހާއި ސަގާފަތާއި އާސާރުތައް ދެމެހެއްޓުމުގެ މުހިންމުކަމަށް ރައީސް އަލިއަޅުއްވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: