އިދިކޮޅު ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ ކުރިޔަށް ގެންދިޔަ، އިންޑިއާ އައުޓްގެ ހަރަކާތަށް ހުއްޓުމެއް އައި ފަހުން ރައީސް ޔާމީންގެ ދަތުރުތަކަށް ވެސް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. އަދި ދަތުރުތައް ހުއްޓުނު ސަބަބުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ދައުވާތަކުގެ ޝަރީއަތްތައް ކައިރިކައިރީގައި ތާވަލު ކުރުން ވެސް ހިމެނެ އެވެ.
މި ހަފްތާގައި ރައީސް ޔާމީން، ކުޑަހުވަދޫއަށް ކުރައްވާ ދަތުރާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް އިދިކޮޅުން ބުނީ ބުރާސްފަތި ދުވަހު އެ ރަށުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުގައި، ޕާޓީއަށް ތާއީދު ކުރާ މެމްބަރުންނާއި ރައީސް ޔާމީން ބައްދަލު ކުރައްވާނެކަމަށް ވެސް ޕީޕީއެމްއިން ވަނީ މައުލޫމާތު ދީފަ އެވެ.
ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިގެން ދިޔައީ، އެމަނިކުފާނާއި ރިޔާސީ ޓިކެޓު ހަވާލުކޮށް ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ވަގުތެއްގަ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ގިނަ މެމްބަރުން މިވަގުތު ތިއްބެވީ ވެސް އަތޮޅުތެރޭގެ ރަށްތަކުގަ އެވެ.

