ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމާޒަކީ ހަތަރު އަހަރު ތެރޭ ތިލަދުންމަތީގައި 8،000 ޓުއަރިސްޓު އެނދު ތަރައްގީ ކުރުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމަށް ދިމާވެފައިއޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ފެންވަރު ރަނގަޅު އެއާޕޯޓެއް ނެތުންކަމަށާއި ސަރުކާރުގެ އަމާޒަކީ ހަނިމާދޫ އެއާޕޯޓާއި އެކު ސަރަހައްދުގެ ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހއ. އުތީމުގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިޔަށް ހަތަރު އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމަތީގައި 8000 އެނދު ތަރައްގީ ކުރުން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތައް ހޯދުމަށް އަމިއްލައަށް ހަރަދުތަކެއް ކުރަން ޖެހުނުކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ފެހި ގާނޫނު އަސާސީގެ ދަށުން ބޯފެނާއި ނަރުދަމާއަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައި ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ހިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއްގެ މެދުގައި ތަފާތުކުރުންތައް ނުގެންގުޅުއްވާކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރަށް ސަރުކާރުން ވަރަށް ގިނަކަންކަން ރޭވިކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އައި ދަތިތަކާއި، މަޝްރޫއަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން އެތެރެ ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުއްޓުމެއް ނެތި ހުރިހާ ހިދުމަތެއް ވެސް ރައްޔިތުންނަށް ފޯރުކޮށް ދޭން ގިނަ މަސައްކަތްތަކެއް ކުރިކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ގެންނަން ނިންމާފައިވާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް ރަށްތަކަށް ފެރީގެ ހިދުމަތާއި ބޭސްފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުން ދާކަމަށެވެ.

މާލެއިން ބޭރުގައި ސަރުކާރުން މިހާރު ފެށުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ، ހދ. ހަނިމާދޫ އެއާޕޯޓު މަޝްރޫއުކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިއީ އުތުރުގެ ފަތުރުވެރިކަން ފުޅާވެގެން ދާނެ އެއް ސަބަބަށް ވާނެ ކަމަށެވެ. އަދި އެއާޕޯޓުގެ މަޝްރޫއާއި އެކު ދެން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެ ސަރަހައްދުގައި 8000 އެނދު ތަރައްގީ ކުރެވިގެން ދިއުންކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހިސާބުތަކަށް އިންވެސްޓު ކުރުމުގައި، ކުންފުނިތަކުން ފަހެއް ނުޖެހޭނެކަމަށާއި މިކަމަށް ޝައުގުވެރިވާނެ ބޭރުގެ އިންވެސްޓަރުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

“އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރު ތެރޭގައި 8000 އެނދު ޕްލޭންކޮށްގެން ކުރިއަށް ގެންދިއުން،.. މި ސަރަހައްދުގައި ޓޫރިޒަމް ޑިވޮލޮޕް ކުރާނެ އިންވެސްޓަރުން ދެން ފަހަތަށް ނުޖެހޭނެ،” 

އުތުރުގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު އެއާޕޯޓެއް ނެތުމެވެ.

ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައި ވެސް ފަތުރުވެރިކަމުގެ އާ ރިސޯޓުތައް ހުޅުވައި، އެނދުތައް ތަރައްގީ ކުރުން ހިމެނެ އެވެ. އަދި މެނިފެސްޓޯގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ކުރާނެ މަސައްކަތްތައް ހިމަނާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: