2023 ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން އޮންނާނެކަމަށާއި އެ ނޫން ހާލަތެއްގައި އެ އަރައިގަނެވެނީ ދިވެހި އެތައް ރައްޔިތުންގެ ހައްގަކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ވާދަކުރާނެކަމަށް އިއުލާނުކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ޕާޓީގެ ސެނެޓު މެމްބަރުންގެ އިއްތިފާގުން ނިންމިއިރު ވެސް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އޮތީ ދެ މައްސަލައެއްގެ ދައުވާތަކެއް އުފުލައި ޝަރީއަތް ފަށާފަ އެވެ. ގއ. ވޮޑަމުލާ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނެ އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާ ދަށު ކޯޓުގައި ސާބުތުވީ ނަމަވެސް ދެ އަހަރު ފަހުން ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރި އެވެ.
ރިޔާސީ އިންތިހާބާއި ދެމެދު ބާކީ އަހަރެއްހާ ދުވަސް އޮތް އިރު، އިދިކޮޅުން ބުނަމުން ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ނުހައްގު ދައުވާތަކެއްކަމަށާއި މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށެވެ. މިވަގުތު ވ. އާރަށުގެ މައްސަލައިގައި ކުރިޔަށް ދަނީ ހެއްކާއި ބެހޭ މަރުހަލާ ކަމުން އަހަރު ނިމުމުގެ ކުރިން މި މައްސަލައިގެ ހުކުމަކާއި ހަމައަށް ވާސިލުވެވޭނެކަމަށް ބެލެވެ އެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމެއް އައިސްދާނެކަމަށް ަބަލައި، އިތުރު ޕްލޭނަކަށް ދިއުމުގެ ވިސްނުމެއް ހުރިކަން ނުވަތަ ނޫންކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވެ އެވެ.
ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، އަތޮޅުތަކަށް ކުރައްވާ ދަތުރުތައް ފެއްޓެވި ރައީސް ޔާމީން ދ. ކުޑަހުވަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ދަތުރުތަކާއި ބެހޭ ތަފްސީލުތައް ދެއްވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މުންދު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބާއި ގުޅުން ހުރި މަސައްކަތްތަކެއް ކަމަށެވެ. ޕާޓީއަށް މެމްބަރުން އިތުރުކޮށް، ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަމަށް މުންދު ވިދާޅުވި އެވެ. އަދި މިވަގުތު އަތޮޅުތަކުގެ ދަތުރުތަކުގައި އާއްމުންގެ ފަރާތުން އާއްމުކޮށް އިވޭ ވާހަކައަކީ ސަރުކާރަށް އިތުރު ދައުރެއް ބޭނުން ނުވާކަމަށް ބުނުންކަމަށް މުންފު ވިދާޅުވި އެވެ.
ސަރުކާރު ވެރިކަމަށް އައީ، ގިނަ ބައެއްގެ އެހީއާއި އެކުކަމަށާއި އޭގެ ތެރޭގައި ހަމައެކަނި މަގާމުތަކުގެ ބޭނުމުގައި އުފައްދާފައިވާ ސިޔާސީ ޕާޓީތައް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ. މި ޕާޓީތަކަކީ އިންތިހާބެއްގައި ވާދަކޮށް، ގޮނޑިއެއް ކާމިޔާބު ކުރުން ނުވަތަ ހާއްސަކޮށް ރިޔާސީ ކެނޑިޑޭޓެއް ނެރެވޭނެ ފެންވަރެއް ހުރި ޕާޓީތަކެއް ނޫންކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ. ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ، އަދި އެމްއާރުއެމްއާއި އެ ނޫންވެސް ބައެއްގެ އެހީއާއި އެކު ވެސް އިންތިހާބު ކާމިޔާބު ކުރީ މާބޮޑު ތަފާތެއް ނެތިކަން ފާހަގަކޮށް މުންދު ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ސަރުކާރަށް ފައިނޭންސް ކުރަމުން ގެންދާ އަވައްޓެރި އިންޑިއާއިން ޖަހާ ހިސާބުތަކުން ވެސް ރައީސް ސޯލިހަށް ވެރިކަމުގެ އިތުރު ދައުރެއް ލިބޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށެވެ.
ވޯޓުތައް ބައިބައި ކުރުމަށް، ކޯލިޝަނުގެ ޕާޓީތަކުން ކެނޑިޑޭޓެއް ނެރެގެން ހީނުކުރާކަހަލަ ނަތީޖެއް ނިކުމެދާނެތީ އެގޮތަށް އަމަލު ކުރުމަށް ވެސް ފަސް ޖެހެމުންދާކަމަށް މުންދުގެ ވާހަކައިގައި ވިދާޅުވި އެވެ. ސަރުކާރަށް އިތުރު ދައުރަކަށް އާދެވެން ނެތީ، ރައްޔިތުންނަށް ވީ ވައުދު ފުއްދައި ނުދެވުމުންނާއި، ކެނޑިހާ ފޮންޏެއްގެ ސަބަބުންކަމަށް މުންދު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ރައްޔިތުން ކުރާ ތާއީދު އިތުރުވަމުން ދާކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އެމްޑީޕީއާއި، އެހެން ޕާޓީތަކުން އެގޮތަށް ވިޔަ ނުދޭން މަސައްކަތް ކުރި ނަމަވެސް ރައީސް ޔާމީންގެ ނަން ނެތި އިންތިހާބެއް ނުވެއް ބޭއްވޭނެކަމަށާއި، އެގޮތަށް އިންތިހާބެއް ނޯންނާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާ އުފުލާފައިވާއިރު އެ ދައުވާތައް ސާބިތުވުމުގެ ފުރުސަތު އެބައޮތް ނޫންތޯ، ޕްރެޒެންޓަރު ފާހަގަކުރުމުން މުންދު ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮތުމަށްކަމަށެވެ. އިތުރު އެހެން ގޮތަކަށް ކުރިޔަށް ދާނަމަ އެ އަރައިގަނެވެނީ އެތައް ބައެއްގެ ހައްގަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. މުންދު ވިދާޅުވީ ފަސް އަހަރު ވަންދެން ކުރިމަތިލާން ޖެހުނު ދަތި އުނދަގޫތަކާއި އިތުރު ދައުރެއްގައި ވެސް ކުރިމަތިލުމަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ ނަން ނެތި، އިންތިހާބެއް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

