ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލުން، ޕީޖީން ބުނީ ފަހުން މައްސަލަ ހުށަހެޅޭނެކަމަށް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައި ވަނީ މައްސަލަ ފަހުން ކޯޓަށް ހުށަހެޅޭ ގޮތަށްކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. ބޭނުން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުން އަލީ ވަހީދު އެންމެ ފުރަތަމަ އެތެރެވީ ތުރުކީ އަށެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ބުނެ ހުށަހެޅުމުން ކޯޓުން އޭނާއަށް އެ މުއްދަތު ދިނެވެ. އޭގެ ފަހުން އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާއިރު މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރި މައްސަލަތަކަށް ފަހު އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގެ ހުކުމް ވެސް ވަނީ ތަންފީޒު ކުރެވޭ ގޮތް ނުވެފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް ޖާމިނުވި، އައްސަދު އަލީ އެ މައްސަލައިގައި ދައުލަތުން ކޯޓަށް ދިއުމުން އޭނާގެ މައްޗަށް އިއްވި ހުކުމަކާއި އެކު ޔޫތް މިނިސްޓްރީގެ ސްޓޭޓްކަމުން ވަނީ ވަކިކޮށްފަ އެވެ.

ދައުވާތައް ތާވަލު ކުރި ނަމަވެސް އަޑުއެހުންތައް ކުރިޔަށް ނުގެންދެވޭތީ، ކްރިމިނަލް ކޯޓުން ދައުވާތައް ވަނީ އަނބުރާ ފޮނުވާލާފަ އެވެ. ކޯޓުން އެގޮތަށް އަމަލުކޮށްފައި ވަނީ އަލީ ވަހީދު މިވަގުތު ރާއްޖޭގައި ނެތުމުންނާއި، ކޯޓަށް ހާޒިރުވުމަށް އެންގުމުން ވެސް އެ އެންގުމަށް އަމަލުކޮށްފައި ނުވާތީ އެވެ. ދައުވާ ލިބޭ މީހާ ފަހުން ކޯޓަށް ހާޒިރު ކުރެވޭ ގޮތް ވެއްޖެ ނަމަ އަލުން މައްސަލަ ހުށަހެޅޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 83 ވަނަ މާއްދާގެ ދަށުން މައްސަލަ ފޮނުވާލެވޭނެ އެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ، މައްސަލަ ކޯޓުން ފޮނުވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުކަމަށާއި އެއީ ކޯޓުގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި މައްސަލަ ފޮނުވާލާފައި ވަނީ އަލުން ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުން ނަމަ އެކަން ކުރެވޭ ގޮތަށްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކުރާ ދައުވާތަކެއްގެ ގޮތުގައި ބުނެ، އަލީ ވަހީދު ވިދާޅުވެފައި ވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ އޮގަސްޓު މަހު އަލީ ވަހީދުގެ ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ ފާއިތުވެދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއް ކުރި ކަމަށެވެ.

އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވާތީ އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ރެޑްނޯޓިސްއެއްގެ ވާހަކަ ފުލުހުން ހާމަކުރި އެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ރެޑް ނޯޓިސްއެއް ނެރެފައި ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: