ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ޒިޔާރަޔް ކުރި ފުރަތަމަ އެސްޓަރަނޯޓުގެ ތަފާތު ތަޖުރިބާ!

ހައިޑީ މަރީ ސްޓެފަނިޝިން ޕައިޕަރ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި ފަހުން ދިވެހިރާއްޖޭގައި ތާރީހީ ހަރަކާތެއް ކުރިއަށް ގޮސްފިއެވެ. ދުނިޔޭގެ ޖައްވީ މުއައްސަސާ، ނާސާގެ އެސްޓްރަނޯޓެއް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރިއެވެ. ޒިޔާރައް ކުރީ ކުރީގެ ނޭވީ ކެޕްޓަނެއް އަދި ނާސާގެ އެސްޓްރަނޯޓެއްކަމަށްވާ ހައިޑީ މަރީ ސްޓެފަނިޝީން ޕައިޕަރއެވެ.

އެނާ ދިވެހި ފަސްގަނޑަށް ވަޑައިގަތީ ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުގެ ފަރާތުން ދިވެހި ޒުވާން ޖީލުތައް ޖައްވީ ކަންކަމަށް ޝައުގުވެރިކުރުވައި އެ އުންމީދު އާލާ ކުރުމަށް ހިންގި ހަރަކާތެއް ޝަރަފުވެރި ކުރުމަށެވެ. އަދި ދިވެހި ދަރިންނަށް އެސްޓްރަނޯޓަކަށް ވުމާއި ގުޅޭ ގޮތުން މައުލޫމާތުތަކެއް ދިނުމަށެވެ.

ހައިޑީ ގެ ވާހަކަ ދައްކާ އިރު، އެނާގެ ހަޔާތަށް ބަލާލުން ވަރަށް މުހިންމެވެ. 1963 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު  އުފަންވި ހައިޑީ އަކީ 1985 ވަނަ އަހަރުގެ ތެރޭގައި އެމްއައިޓީގައި އިންޖިނީރިންގެ ދާއިރާއިން މާސްޓާޒް ހާސިލު ކުރައްވާފައިވާ ކަނބަލެކެވެ.

އެނާ ރަސްމީގޮތުން އެމެރިކާގެ ނޭވީގައި ހަރަކާތްތެރިވާން ފެށީ 1985 ވަނަ އަހަރު އެމްއައިޓީއިން ތައުލީމު ހާސިލުކޮށް ނިމުމަށް ފަހު ކަމަށް ވީ ނަމަވެސް “ސަންގު ޓީވީ” އާށް ދިން ހާއްސަ އިންޓަވިއުގައި ހައިޑީ ބުނި ގޮތުގައި އޭނާ އަށް އެމްއައިޓީގައި ތައުލީމު ހާސިލު ކުރުމަށް މަގު ފަހިވެގެންދިޔައީ އެމެރިކާގެ އަސްކަރީ ޕްރޮގްރާމެއް ކަމަށްވާ އާރްއޯޓީސީ އާއި ގުޅި، ކިޔެވުމަށް ފަހު އަސްކަރީގައި ހިދުމަތް ކުރުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ރަސްމީ ގޮތުން އަސްކަރީ ހިދުމަތުގައި ޝާމިލުވީ އިރު ހައިޑީގެ އުމުރަކީ 22 އަހަރެވެ. އެނާ އެންމެ ފުރަތަމަ އުންމީދު ކުރީ އަސްކަރީ ޕައިލެޓަކަށް ވުމަށް ކަމަށް ވީނަމަވެސް، ލޮލުގެ ޓެސްޓަކުން ފެއިލްވުމުން އެ ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ. އެހިސާބުންވެސް ހިތްވަރު ދޫ ނުކޮށް، އެނާ ދެން ކުރިމަތިލީ ނޭވީ ޑައިވަރަކަށް ވުމާއެވެ.

ޕެނަމާގެ ނޭވީ ޑައިވިންގް އެންޑް ސެލްވެޖު ޓްރެއިނިންގެ ސެންޓަރުން އެކަމަށް ބޭނުންވާ އުކުޅުތައް އުނގެނުމަށް ފަހު، އެނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ކަނޑު އުޅަނދުތައް މަރާމާތު ކުރުމަށް ޑިއުޓީ އިންޖިނިއަރެއްގެ މަގާމުގައެވެ. އެއަށް ފަހު “ޔޫއެސްއެސް ގްރެޕަލް” ކިޔާ އުޅަނދެއްގައި ސާފެސް ވޯފައަރ އޮފިސަރެއްގެ މަގާމު ކަށަވަރުކޮށް، އަދާ ކުރިއެވެ.

1994 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް ހައިޑީގެ މަގާމަށް ބަދަލުތަކެއް އައެވެ. އެނާ ދެން ހިދުމަތް ކުރަންފެށީ އެމެރިކާގެ ނޭވަލް ސީ ސިސްޓަމްސް ކޮމާންޑުގައި އަންޑަރ ވޯޓަރ ޝިޕް ހަސްބެންޑްރީ އޮފިސަރެއްގެ ގޮތުގައެވެ. އެނާ އެތަނުގައި ކުރި މައިގަނޑު މަސަައްކަތަކީ ޑައިވްކޮށްގެން ބޮޑެތި ކަނޑު އުޅަނދު ފަހަރުގެ މަރާމާތުކޮށް އެ މަސައްކަތްތައް ކުރާ ޓީމުތަކަށް އިރުޝާދު ދީ އެކަންކަން ރާވައި އިންތިޒާމު ކުރުމުގެ މަސައްކަތެވެ.

ތަފާތު އަދި އުނދަގޫ މަސައްކަތްތަކެއްގައި ޝާމިލުވެފައިވާ ހައިޑީ ސްޓެފަނިޝިން ޕައިޕަރއަށް ނާސާގެ އެސްޓްރަނޯޓެއްގެ މަގާމު ލިބުނީ ނޭވީގައި 11 އަހަރު ހިދުމަތް ކުރުމަށްފަހުއެވެ.

އެނާ ބުނާގޮތުން އެސްޓަރނޯޓު ސޫޓު ލައިގެން ތިބި މީހުން އެކި މަސައްކަތްތަކުގައި ޖައްވަށް ދާ މަންޒަރުތައް އެ ދުވަސްވަރު، ޓީވީތަކުން ދައްކައެވެ. އެ މަންޒަރު ފެނުމުން އެނާ އޭރު ޑީޕް ޑައިވް ކުރުމަށް ބޭނުން ކުރަމުން ދިޔަ ސޫޓުތަކާއި ވައްތަރުކަން އަދި ޑައިވް ކުރުމާއިި ޖައްވުގައި އުޅުމާއިވެސް ވައްތަރުކަމަށް އެނާ ހިތައް އެރިއެވެ.

އެހިސާބުން އެސްޓްރަނޯޓަކަށްވުމަށް ކުރިމަތިލީއެވެ. ހައިޑީ އެންމެ ފުރަތަމަ އެސްޓަރނޯޓެއްގެ މަގާމަށް ކުރިމަތިލުމުން އެނާއަށް ފުރުސަތު ނުލިބުނެވެ. އެހެންނަމަވެސް ހިތްވަރު އެލުވާ ނުލާ އަނެއްކާވެސް ކުރިމަތިލުމުން ނަސީބު ހުރިގޮތުންނާއި އެނާގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ފުރުސަތު ލިބޭ ގޮތް ވިއެވެ.

އެނާ ބުނާގޮތުން ނާސާއިން ފުރުސަތު ލިބުމަށް ދަތިވާ މައިގަނޑު އެއް ސަބަބަކީ ނާސާގެ އިއުލާނުތަކަށް ކުރިމަތިލާ މީހުންގެ އަދަދުތައް އިންތިހާއަށް މަތީގައި ހުރުމުންނެވެ. އަދި ކުރިމަތާ 10،000 މީހުންގެ ތެރެއިން ހޮވަނީ 10 ވަރަކަށް މީހުން ކަމަށްވުމުންނެވެ.

އެނާ އަށް ފުރުސަތު ފަހިވި މައިގަނޑު ސަބަބަކީ ނޭވީގައި ޑިއިވު ކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ލިބިފައިވާ ތަޖުރިބާކަމަށް ހައިޑީ ފާހަގަކުރެއެވެ.

ހައޑީ ސްޓެފަނިޝިން ޕައިޕަރ އެންމެ ފުރަތަމަ ނާސާގައި މަސައްކަތް ކުރަމުންދިޔައީ އެސްޓްރަނޯޓު ސަޕޯޓުގައެވެ. އެގޮތުން ޖައްވީ އުޅަނދު ނައްޓާލުމާއި އަނބުރާ ޖެއްސުމުގެ ތެރެއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެނާ ޝާމިލުވިއެވެ. ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު، އެނާ ހުރީ ޖައްވަށް ފޮނުވާ ތަކެތީގެ މަސައްކަތްތަކާއި އިސްކޮށް ހަވާލުވެއެވެ.

ނާސާގެ އެކި މަސައްކަތްތަކުގައި 10 އަހަރު ދުވަސް ވޭތު ކުރުމަށްފަހު ހައިޑީއަށް ޖައްވަށް ދިއުމުގެ ފުރުސަތު ލިބިގެންދިޔައީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ދެވަނަ ފަހަރަކަށް އެނާ ޖައްވަށް ގޮސްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެނާ ވަނީ މިހާތަނަށް ޖައްވުގައި 27 ދުވަސް ހޭދަކޮށްފައިކަމަށްވާއިރު، ޖުމުލަ 33 ގަޑިއިރާއި 42 މިނެޓު ޖައްވުގެ ތެރަށް ނުކުމެ މަސައްކަތްތައް ކޮށްފައިވެއެވެ.

2006 ވަނަ އަހަރު އެނާ ޖައްވަށް ދިޔައީ ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަންގައި ހަރުކުރުމަށް ސޯލާ ޕެނަލްތަކެއް ހިމެނޭ މޮޑިއުލްއެއް ހިފައިގެންނެވެ. އަދި ސްޓޭޝަނުގައި އެ ތަކެތި ހަރުކުމާއި މަރާމާތު ކުރުން ފަދަ މަސައްކަތްތައް ކޮށްފައިވާއިރު، އެ ދަތުރު ނިންމާލާފައިވަނީ ސައިންޓިފިކް ތަހުލީލުތަކަށް ބޭނުންވާ ބައެއް މައުލޫމާތާއި ތަކެތި ދުނިޔެއަށް ގެނައުމަށް ފަހުއެވެ.

2008 ވަނަ އަހަރުގެ ތެރޭގައި އެނާ ކޮށްފައިވާ ދެވަނަ ދަތުރަކީ ޖައްވީ ސްޓޭޝަންގައި އިންސާނުން ދިރިއުޅެމުންދާ ބައިތައް ބޮޑުކޮށް އެތަނުގައި އިތުރު ހަ މީހަކަށް ދިރުއުޅެވޭނެ ޖާގަ ބިނާކުރުމަށް ކޮށްފައިވާ ދަތުރެކެވެ.

ހައިޑީ ސްޓެފަނިޝިން ޕައިޕާރ ނާސާއިން ރިޓަޔާރ ކުރީ 2009 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެއަށްފަހު އެނާ ވަނީ ނޭވީ ސީ ސިސްޓަމްސް ކޮމާންޑަށް އެނބުރި ގޮސްފައެވެ.

ހައިޑީ ބުނެފައިވާގޮތުން އެނާ އެސްޓަރަނޯޓެއްގެ ގޮތުގައި އަދާކުރި ޒިންމާތަކުގެ ތެރެއިން ލިބިގެންދިޔަ އެންމެ ބޮޑު ވެއްޓުމަކީ، ޖައްވުގެ ތެރެއަށް ނުކުމެ މަސައްކަތް ކުރުމަށް ގެންގުޅުން ޓޫލް ބޭގުގެއްގެ ތެރެއަށް ގިރިސް ބަޑިއެއް ގޮވައި، އެކަން ހައްލު ކުރަން އުޅުމުގެ ތެރެއިން އެ ޓޫލް ބޭގް ޖައްވުގެ ތެރެއަށް ދޫވެ، ގެއްލުމެވެ.

ހައިޑީ ސްޓެފަނިޝިން ޕައިޕާރގެ ހަޔާތާއި ބެހޭގޮތުން އަޑު އެހުމަށް ފަހު، “ސަންގުޓީވީ” އިން ވަނީ އެސްޓަރނޯޓަކަށް ވުމަށް ބޭނުންވާ ޒުވާން ޖީލުތަކަށް ދޭނެ މެސެޖެއް އޮތްތޯ އެނާ އާއި ސުވާލުކޮށްފައެވެ.

ސުވާލަށް ޖަވާބު ދެމުން އެނާ ބުނެފައިވާގޮތުން އެސްޓްރަނޯޓަކަށް ވުމަށް ބޭނުންވާ ކޮންމެ މީހަކަށްވެސް ސައިންސްގެ މާއްދާތައް އަދި ހިސާބު ކިޔެވުމަކީ މުހިންމު ކަމެއް ކަމަކެވެ. އަދި ހާސިލު ކުރި ތައުލީމުގެ ތަޖުރިބާ ހުރިކަން މަސައްކަތުގެ ތެރެއިން ދައްކުވައިދެވެން ވާނެކަމަށާއި، އެ މީހަކީ ގާބިލު މީހެއްކަން ދެއްކުންވެސް މުހިންމުކަމަށްވެސް އެނާ ފާހަގަކުރިއެވެ.

މީގެ އިތުރުން ހައިޑީ ފާހަގަކޮށްފައިވާގޮތުން އެސްޓްރަނޯޓެއްގެ ވަޒީފާ ނޫނަސް އެތައް މުހިންމު މަސައްތަކެއް ހުރެއެވެ. އަދި އެންމެ މުހިންމު ކަމަކީ އެމީހަކަށް އެންމެ އެކަށީގެންވާ މަސައްކަތެއް ހޯދުންކަމަށް ދެކޭ ކަމަށް އެނާ އިޝާރާތްކުރިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: