ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކ ކާށިދޫއަށް ވަޑައިގެންފިއެވެ.
އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަސް، ދަނޑުވެރިންގެ ދުވަސް ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް ސާލިހު ނިންމެވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ބައިނަލްއަގުވާމީ ކާބޯ ތަކެތީގެ ދުވަސްގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ރައީސް ސާލިހު ކާށިދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ބާއްވާ ހަފްލާއެއް ޝަރަފްވެރިކޮށްދެއްވާނެއެވެ. އަދި ހާއްސަ ކެއުމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަފްލާ ކުރިއަށްގެންދާނީ ކާށިދޫގެ އެޑިއުކޭޝަން ސެންޓަރުގައި ކަމަށްވާއިރު، ރައީސް ސާލިހު އެ ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.
އެ މަނިކުފާނު ކާށިދޫއަށް ކުރެއްވި ދަތުރުގައި ރަށު ކައުންސިލުގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާއިރު، ކާށިދޫގެ ޑަބްލިއުޑީސީ އާއިވެސް ބައްދަލުކުރައްވާ ސިއްހީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވާނެއެވެ. ރައީސް ސާލިހު ކާށިދޫއަށް ކުރެއްވި ދަތުރު ނިންމަވާލައްވާނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

