ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު އެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ވަކި އުސޫލެއް ނެތްކަން މިފްކޯގެ ހާއްސަ އޮޑިޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ މިއަދު ނެރުނު މިފްކޯގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން މިފްކޯއަށް ފައިސާ ދޫކުރަމުން ގޮސްފައި ވަނީ އެއްވެސް ޝަރުތުތަކެއް ކުރުމެއް ނެތިއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މިފްކޯއަށް ފައިސާ ދޫކޮށްގެން ހާސިލު ކުރަން ބޭނުންވާ މަގުސަދާއި ވާސިލްވާން ބޭނުންވާ އަމާޒް ވެސް ސާފު ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ ބެޖެޓުން މިފްކޯއަށް ދޫކުރާ ފައިސާއާ ބެހޭގޮތުން އޮޑިޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ކުންފުންޏަށް ދޭ ފައިސާއަކީ ދުނިޔޭގެ ބާޒާރުގައި މަސް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި މަސްވެރިން އަތުން މިފްކޯއިން މަސް ގަތުމުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް ދެވޭ ފައިސާއެއް ނޫނެވެ.
އެގޮތުން ދައުލަތުގެ ބަޖެޓުން މިފްކޯއަށް ދޭ ފައިސާ ބޭނުން ކުރަނީ ކުންފުނީގެ ރިކަރެންޓް ހަރަދުތައް ހަމަޖެއްސުމަށްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ދައުލަތުގެ ބަޖެޓުން މިފްކޯއަސް ދޭ ފައިސާއަކީ ފަހުން އަނބުރާ ދައްކާ ގޮތަށް ދޭ ފައިސާ ނޫންކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް ފާހަގަ ކޮށްފައިވާ ގޮތުގައި ކުންފުނީގެ ކޭޝްފްލޯ ދަތިވުމުން މުވައްޒަފުންގެ މުސާރައާއި އެހެނިހެން ރިކަރެންޓް ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެމުން ގެންދިއުމަކީ ހަރުދަނާ ގޮތެއްގައި އަދި މާލީ ގޮތުން ވެސް ކުންފުނި ހިންގުމަށް އެންމެ ރަނގަޅު ގޮތެއްނޫނެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.
ކުންފުނީގެ ހަރަދުތައް ކުޑަކޮށް ކުންފުންޏަށް ފައިދާ ހޯދޭނެ ގޮތްތައް ބަލައި ކުންފުނީގެ ވިޔަފާރި ކުރިއަރުވާނެ ގޮތުގެ ދިރާސާއެއް ކުރުމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.
ދައުލަތުގެ ބަޖެޓުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް 701 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ އެވްރެޖްކޮށް އަހަރަކަށް 140 މިލިޔަން ރުފިޔާއެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަސް ލިބުނު ގެއްލުމުގެ 65 ޕަސެންޓުގެ މާލީ އެހީއެކެވެ.
މިކަންކަމުގެ މައްޗަށް ބަލާ ނެރެފައިވާ މިފްކޯގެ ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި 6،934 މިލިޔަން ރުފިޔާ ލިބި މި މުއްދަތުގެ ތެރޭގައި މަސްގަތުމަށާއި އެފެއްދުމަށް ސީދާ ހިނގި ހަރަދަށް 7،185 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

