ގަސް ވިއްކައިގެން އިކޮނޮމިކް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލު ޖޫރިމަނާއި ކުރުމާއި ގުޅިގެން ކައުންސިލުގެ ލީގަލް ޓީމުން އެ މައްސަލައިގެ ކަންކަން ބަލަމުންދާކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލު ޖޫރިމަނާކުރި މައްސަލައިގައި ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މީޑިއާ އެކްޒެކެޓިވް މަރިޔަމް ޝިއުނާ ވިދާޅުވީ، ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ހިލާފުވާ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުގެންދާނެކަމަށެވެ. އަދި ކުރާ ހުރިހާ މަސައްކަތްތަކެއް ކުރާނީ ލާމަރުކަޒީ ގާނުނުގައި ވާގޮތުގެ މަތިންކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޝިއުނާ ވިދާޅުވީ، ކައުންސިލުން އާމްދަނީ ހޯދުމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކުންފުނި ރެޖިސްޓަރ ކޮށްދިނުމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީއިން ބަދަލުތަކެއް ގެނައުމަށް އެދުމުން އެކަން ކުރުމަށްފަހު، އަލުން ހުށައަޅާފައިވާކަމަށާއި އެހެން ނަމަވެސް އަދި ފާސްކޮށްދީފައިނުވާކަމަށް އިޝާރާތްކުރައްވާ އެނާ ވަނީ ލޭންޑް ޔުޒް ޕްލޭންގެ ކަންކަންވެސް އެފަދަ ގޮތަކަށް އޮތްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޝިއުނާ ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއިން ޖޫރިމަނާ ކުރި މައްސަލަ ބެލުމަށްފަހު، ކައުންސިލުގެ ލީގްލް ޓީމުން ވަކި ގޮތެއް ނީންމާނެކަމަށެވެ. އަދި އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މޭޔަ ޑރ މުހައްމަދު މުއިއްޒުވަނީ ކުންފުނި ރެޖިސްޓަރކޮށްދިނުމަށް އެދިފައިވާތާ 4 މަސް ވެފައިވާކަން ހާމަކުރައްވާފައެވެ.

