ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ މައްސަލައިގައި ޑރ. މުނައްވަރުގެ ބޮޑެތި ފާޑުކިއުން: “ބޮޑަށް ބެލެވެނީ ސަރުކާރު ތަންދޮރު ނުފިލަނީ ކަމަށް”

ޑރ.މުހައްމަދު މުނައްވަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ޑރ. މުނައްވަރު ޗާގޯސްގެ މައްސަލައިގައި ވާހަކަ ދެއްކެވުމުން މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިގެން ދިޔަ އެވެ. ސަބަބަކީ ޑރ. މުނައްވަރަކީ ކަނޑުގެ ގާނޫނުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ބޭފުޅަކަށް ވެފައި، އޭނާ ފޮތްތައް ދުނިޔޭގެ އެކި ޔުނިވާސިޓީތަކުގައި ރެފަރެންސެއްގެ ގޮތުގައި ބޭނުން ކުރާތީ އެވެ.

މައްސަލައިގައި ރާއްޖެއިން އަމަލު ކުރީ ގޯސްކޮށްކަމަށް ތަކުރާރު ކުރައްވައި މުނައްވަރު ވިދާޅުވެފައި ވަނީ ޗާގޮސް އަކީ މޮރީޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކޮށް އެކަން އިއުލާނު ކުރުމުން އެނގިގެން ދަނީ ސަރުކާރު ތަންދޮރު ނުފިލައި އޮތް މިންވަރެވެ. އޭނާ ވިދާޅުވީ ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫންކަމަށް ރާއްޖެއިން ވަކާލާތު ކުރުމަށް ފަހު ޔޫޓާނެއް ނަގައި ބަސް ބަދަލު ކުރުމަކީ ހައިރާންވާވަރުގެ ނިންމުމެއް ކަމަށެވެ.

ހާއްސަކޮށް ޗާގޮސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމިކަން ހާމަކޮށް ރައީސުލް ޖުމްހޫރިއްޔާ އެގައުމުގެ ބޮޑުވަޒީރަށް ސިޓީ ފޮނުވާފައި ވަނީ ކޮން ގޮތަކުން ހެއްދެވި ދިރާސާތަކެއްގެ މައްޗަށް ތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. ހާއްސަކޮށް ޗާގޮސް އެއީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން ކަނޑަނާޅަނީސް އެފަދަ ނިންމުމެއް ރާއްޖެއިން ނިންމާފައި ވަނީ އެކަމުގެ ފަހަތުގައި އެހެން ބައެއް ކަންތަކެއް އެކުލެވޭތީކަމަށް މުނައްވަރު ތުހުމަތު ކުރެއްވި އެވެ.

ކަންކަން ހިނގާގޮތް ރައީސް ސޯލިހަށް އެގިވަޑައިނުގަންނަވާ

މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ލިބެންޖެހޭކަމަށް ނިންމައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވިކަމަށް ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވި ސިޓީއާއި ގުޅިގެން އެކަމަށް މުނައްވަރު ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗާގޮސްގެ ސިޔާދަތު މޮރިޝަސްއަށް ލިބެން ނުޖެހޭކަމަށް ރާއްޖެއިން ބުނަމުން ދިޔަ ބުނުން ދިފާއު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މައްސަލައިގައި މިހާތަނަށް އެއްވެސް ގޮތެއް ނުނިމި އޮއްވައި މޮރިޝަސްއަށް ތާއީދުކޮށް ސިޓީ ފޮނުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ އެފަދަ ނިންމުމަކާއި ހަމައަށް ދާން ޖެހޭ ވަގުތެއް ނޫންކަން ވެސް ފާހަގަ ކުރެއްވި އެވެ.

މުނައްވަރު ވިދާޅުވީ، މި އަމަލުގެ ސަބަބުން އެހެން ގައުމުތަކުން ރާއްޖެ ދެކޭނީ އެއްވެސް އަސާސެއް ނެތް ވިސްނުންތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ބަސް ސީރިއަސްކޮށް ނެގުން، ހުއްޓާލައި މަލާމާތުގެ ބަސްތައް ރައްދު ކުރާނެކަމަށް ވިދާޅުވި އެވެ.

“މޮރިޝަސްއަށް އެތާގެ މައްޗަށް ސިޔާދަތު ލިބިގެންވާކަން އެއީ ބަހުސެއް.. ހީއެއް، އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން މޮރިޝަސްގެ ބޮޑުވަޒީރަށް އެކަން ގަބޫލު ކުރާނެކަމަށް ސިޓީއެއް ފޮނުވުމަކީ އަޖައިބެއް… ދުނިޔެ ހިނގާގޮތް އެނގިވަޑައިނުގަންނަވަނީ، އެހެން ނޫނީ ހަމަ ތަންދޮރު ނުފިލަނީ…  ބޮޑަށް ބުރަވެވެނީ އެހެން ކަމަށް” މުނައްވަރު

ސަރުކާރުން މި މައްސަލައިގައި އަމަލު ކުރާނީ އެންމެ ރަނގަޅަށްކަމަށް ބުނި ނަމަވެސް، މަޝްވަރާކޮށް ލަފާ ހޯދަން ޖެހޭ އެއްވެސް ބަޔަކާއި ވާހަކަ ދެއްކިތަން ފެނިފައިނުވާކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އެނާ ވިދާޅުވީ ސަރުކާރުން މި މަސައްކަތް ކުރިޔަށް ގެންދިޔައީ މަޖިލީހަށް ވެސް ސިއްރުން ކަމަށެވެ. މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނާއިރު، އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގައި މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ދިވެހި ސަރުކާރުގެ ބަންޑާރަ ނައިބު އިއުލާނު ކުރައްވަން ޖެހުނު ސަބަބާއި މެދު މުނައްވަރު ސުވާލު އުފެއްދެވި އެވެ.

ގެއްލުން ނުވާނެކަމަށް ބުނި ނަމަވެސް، ރާއްޖެއަށް ގެއްލުން ވާނެ

ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރުމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކީ ކޮބައިތޯ އާއި، ދިވެހި ސަރުކާރުން އެއްވެސް ގެއްލުމެއް ނެތްކަމަށް ބުނަމުން ދާ ވާހަކައަށް އޮތް ރައްދަކީ ކޮބައިތޯ “ސަންގު” އިން ސުވާލު ކުރުމުން މުނައްވަރު ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮންނާނެކަމަށް ރާއްޖެއިން ނިންމުމުން، ނުވަަތަ އެގޮތަށް ސްޓޭންޑު ބަދަލު ކުރުމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދި ލޯ އޮފް ސީސްއަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުމާއި އެކު ރާއްޖެއިން ދެކުނީ މިއީ މޮރިޝަސްއަށް ހުށަހެޅިގެން ވާނެ މައްސަލައެއްގެ ގޮތުގައި ނޫންކަން ފާހަގަކޮށް މުނައްވަރު ވިދާޅުވީ، އެ މައްސަލަ މޮރިޝަސްއިން ހުށަހެޅި ހަގީގީ ސަބަބަކީ ޗާގޮސްގެ ޖަޒީރާތަކުގެ މައްޗަށް އެ ގައުމުގެ ސިޔާދަތު އޮތްކަން ކަށަވަރުކުރުން ކަމަށެވެ.

ރާއްޖޭގެ ވިސްނުން ހާމަކޮށް، އެކަން އާއްމުކޮށް އިއުލާނުކޮށް ވާކާލާތު ވެސް ކުރުމަށް ފަހު ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީ ފޮނުވައި ސްޓޭންޑު ބަދަލު ކުރުމަށް ނިންމިކަން ހާމަކުރީ ވަކި ބައެއްގެ ނުފޫޒުގެ ދަށުންކަމަށް ދޭހަވާ މޭރުމަކުން މުނައްވަރު ވާހަކަ ދެއްކެވި އެވެ.

ރާއްޖެއަށް މީގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް އަލިއަޅުއްވާލައްވައި މުނައްވަރު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގޭ އަސާސްތައް ބިނާ ކުރީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް ކަމަށެވެ. އެހެން ކަމުން ދެވަނަ ގޮތަކަށް ވިސްނުން ބަދަލުވެ، ދެން ދައްކާނެ ހުތްޖަތްތައް ބަލިކަށިވާނެކަމަށް އޭނާ ވިދާޅުވި އެވެ. މި ނިންމުން ނިންމާފައި ވަނީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އާއި އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެފައިވާތީ ރައްދުގައި މުނައްވަރު ވިދާޅުވީ ސަރުކާރުގެ އެ ދިފާއަކީ ކޮންމެހެން އަމަލުކުރުން ލާޒިމު ނިންމުމެއް ނޫންކަމަށެވެ. އަދި އެ ނިންމުމަކީ އދ. ގެ އާންމު މަޖިލީހުގެ އެދުމަކަށް އެ ކޯޓުން ނެރުނު އެޑްވައިޒަރީ ލަފައެއްކަން ފާހަގަކުރައްވައި ޑރ. މުނައްވަރު ވިދާޅުވީ، ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން މޮރިޝަސްއަށް ޗާގޮސް ދިނުމަށް ނިންމައި އެއަށް އަމަލުކުރުން ލާޒިމު ނިންމުމެއް ފާސްކޮށްފައި ނެތް ކަމަށެވެ.

މިއީ ހަމައެކަނި ގެއްލޭ ސަަރައްހައްދަކާއި ގުޅުން ހުރިކަމެއް ނޫންކަމަށް މުނައްވަރު ވިދާޅުވި އެވެ. އެގޮތުން މޮރިޝަސްއަކީ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަމުގެ ހުއްދަ ދޭގައުމަކަށް ވާއިރު ރާއްޖޭގައި މަސްވެރިކަން ކުރުމުގައި އަމަލު ކުރާ ގޮތް ތަފާތުކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ދެކުނުން ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ އެފަދައިން މަސްވެރިކަންކުރާ ގައުމުތަކަށް ދޫކުރާ ހާލަތެއް މެދުވެއްރިވެއްޖެ ނަމަ މިހާރު ދެކުނުގެ މަސްވެރިން މަސް ބާނަންދާ ބައެއް ތިލަތައް މަސްވެރިކަން ކުރުމަށް ދަތިތަކާއި ދިމާވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓޭންޑު ބަދަލު ކުރުމުގައި އިންޑިއާގެ ނުފޫޒު އޮތްކަމުގެ ތުހުމަތު

ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ މައިގަނޑު އެއް ސުވާލަކަށް ވީ، ވިސްނުން ބަދަލު ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރަން ޖެހުނު ސަބަބާއި މެދު އެވެ. އަދި ކުއްލި ގޮތަކަށް އެއްވެސް ހުށަހެޅުމެއް ނާންނަނީސް ރާއްޖޭގެ ބަސް ބަދަލު ނުކުރީސްކަން ފާހަގަ ކުރި އެވެ. ޖަވާބުގައި މުނައްވަރު ވިދާޅުވީ މި ނިންމުމާއި އެކު ފައިދާ ބޮޑީ ކޮން ބައެއްގެ މައްޗަށްކަން ވިސްނާލުމުން ޖަވާބު ލިބޭނެ ކަމަށެވެ. އެ ފައިދާ އޮތީ މޮރިޝަސް އާއި ގާތް ގުޅުމެއް އޮންނަ އިންޑިއާއަށްކަމަށް ވާއިރު އިންޑިއާ އެދޭނެ ގޮތަކީ އެއީކަމަށް މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ މޮރިޝަސްގައި އިންޑިއާ ނަސްލުގެ މީހުން ވެސް އުޅެމުން ދާ ކަމަށެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރަކީ ވެސް އެގައުމުގެ ނަސްލުގެ މީހެއްކަމަށް ވިދާޅުވި އެވެ. ގާތް ގުޅުން އެއީ ހަމައެކަނި އިންޑިއާއިން އެ ސަރަހައްދު މޮރިޝަސްއަށް ލިބެން ބޭނުންވާ ހަމައެކަނި ސަބަބު ނޫންކަން ފާހަގަކޮށް މުނައްވަރު ވިދާޅުވީ ޗާގޮސް މޮރިޝަސްއަށް ލިބުމުން މި ސަހަރައްދުގެ ބާރުވެރިކަން އިންޑިއާއަށް އޮތް މިންވަރު އިތުރުވާނެ ކަމަށެވެ. އަދި އެއީ އިންޑިއަން އޯޝަންގެ ބާރުވެރިކަން އެއްކޮށް ލިބުން ފަދަކަމެއްގެ ގޮތުގައި މުނައްވަރު ވިދާޅުވި އެވެ.

ނަތީޖާއެއްގެ ގޮތުގައި އިންޑިއާގެ ހުއްދަ ނެތި، އެ ސަރައްހަދު ހުރަސް ނުކުރެވުމާއި އެފަދަ ކޯޅުންތައް ފެންނާނެކަމަށް މުނައްވަރު ވިދާޅުވި އެވެ. އެހެންކަމުން އިންޑިއާއިން ރާއްޖޭގެ ވިސްނުން ބަދަލު ކުރުމަށް ބާރު އަޅައި ހުށަހެޅުންތަކެއް ހުށަހެޅީކަމަށް މުނައްވަރު ތުހުމަތު ކުރެއްވި އެވެ.

ސްޓޭންޑު ބަދަލު ކުރަން ޖެހުނު އަސްލު ހަގީގީ ސަބަބު އެންމެ ރަނގަޅަށް އެނިވަޑައިގަންނަވާނީ، ސަރުކާރަށް ނަމަވެސް މިވަގުތު ފެންނަ މަންޒަރަށް ބަލައި އެ ނޫން ހިޔާލެއް ނާންނަކަމަށް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ސަރުކާރުން އެއީ ކަން ހިނގި ގޮތް ނޫންކަން ސާބިތުނުކޮށް ދޭ ހާ ހިނދެއްގައި ބުރަވެވެނީ އިންޑިއާގެ ސަބަބުން ސިޔާސަތު ބަދަލު ކުރަން ޖެހުނީކަމަށް ވިދާޅުވި އެވެ.

ސަރުކާރު ބޭފުޅުން ގެއަށް ކަނޑާލާ، ނޫނީ ރައްޔިތުން ނިކުމެ ބާލާ

ސަރުކާރުގެ ސިޔާސަތުތައް އޮތީ ވަރަށް ގޯސް ފައްތަރެއްގައިކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އދ ގައި ވޯޓު ދޭ އުސޫލަށް ބަދަލު ގެނައީ ޑީކޮލޮނައިޒް ކުރުމާއި ދެކޮޅުހެދުމަށްކަމަށް ސަރުކާރުން ބުނާއިރު އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. މޮރިޝަސްއަށް އެތަނުގެ މައްޗަށް ސިޔާދަތު ލިބިގެންވާކަން އެއީ އަދިވެސް ކުރިޔަށް ދާ ބަހުސްއަކަށް ވާއިރު އެކަން ރަނގަޅަށް ވިސްނިވަޑައިނުގެން މޮރިޝަސްގެ ބޮޑުވަޒީރަށް  ސިޓީއެއް ފޮނުއްވުމަކީ ތަންދޮރުނުފިލުންކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި، މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަން ކުރިޔަށްދާއިރު ރައީސުލްޖުމްހޫރިއްޔާ ކޮބައިތޯ މުނައްވަރު ސުވާލު އުފެއްދެވި އެވެ. އެހެން ކަމުން ކަން ހިނގާ ގޮތް ނުވިސްނެނީ ނަމަ ނުވަތަ އިތުރަށް ދެން މަސައްކަތް ކުރެވެން ނެތްކަމަށް ގަބޫލު ކުރެވޭނަމަ އިސްތިއުފާ ދެއްވުމަށް މުނައްވަރު ގޮވާލި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ފާހަގަކޮށް، އެ އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ހަސަން ވިދާޅުވީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރަން ނިންމީ އެއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން ކަމަށް ވާތީ އެ ވިސްނުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.

ނޫސްވެރިންގެ ސުވާލުތައް ގިނަވެ، ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދައުވާކޮށްފައި ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުވެފައި ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދ ގެ ގިނަ ގައުމުތަކުން ވަނީ ތާއީދުކުރިކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: