ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހައްގޭ ކިޔަން ލަދެއް ވެސް ނުގަނޭތަ؟

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި، ނުވަތަ ކުށެއް ހިނގިކަމަށް ތުހުމަތު ކުރެވޭ ތަނަކުން ހައްޔަރު ކުރާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ މީހާއަށް އަނިޔާ ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަދި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތެރޭގައި، އެތަނެއްގެ ތެރެއަށް ވަދެ އެވަގުތު ތަނުގެ ތެރޭގައި ތިބި މީހުން ތަޅައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާއްމުވެފައި ހުރީ މަދެއްކޮށެއް ނޫނެވެ. މުޒާހަރާއަކުން، ހައްޔަރުކޮށްގެން ގެންދާ އާއްމު މީހާ، ކުޑަ ވަގުތުކޮޅަކަށް އަތޮޅުވެއްސަށް ގެންދިއުމަށް ފަހު ނެރޭއިރު އޭނާގެ އަތް ފައި ހުންނަނީ ނޫފައިގެންފަ އެވެ. މޫނު މަތީ، ޖަހައި އަނގަ މަތި ހުންނަނީ ފަޅާލާފަ އެވެ.

މި ވާހަކަތައް އެ ބައެއްގެ އާއިލާގެ ފަރާތުން، ސޯޝަލް މީޑިއާއަށް ދޫކޮށް ނޫސްވެރިންގެ ސަމާލުކަމަށް އައިސް އެ ރިޕޯޓު ކުރުމާއި އެކު ވަރަށް އަވަސް އަރުވާލައި އެންމެ ފުރަތަމަ ވެސް ފުލުހުންގެ މުވައްސަސާއިން ނުވަތަ ކޮމިޝަނަރު ކުރާނެ ޓުވީޓަކީ “ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަ ބަލާނެ” ކަމަށެވެ. ސުވާލަކީ އެ ބުނާ ސަމާލުކަން ދީގެން ތަހުގީގު ކުރީ ކިތައް މައްސަލަ ތޯ އެވެ. ފުލުހުންގެ އަނިޔާތަކުގެ ސަބަބުން މީހުންނަށް ލިބޭ، ޒަހަމްތައް ރަނގަޅު ނުވެ އެތައް ދުވަހެއް ވަންދެން ގަނެތެޅެން ޖެހޭ ހާލުގައި އުޅޭއިރު ކެނޑިނޭޅި މުވައްސަސާއިން ކުރާ މަސައްކަތަކީ އެ މީހަކީ ކުރިން ބުނިވަރަށް ވުރެ ވެސް ބޮޑު ކުށްވެރިއެއްގެ ގޮތުގައި ދެއްކޭތޯ އެވެ. އެވަގުތަކު ފެންމަތިވާ ހުރިހާ ކުށަކާއި އެ މީހަކާއި ގުޅުވުމާއި، އަތުލައިގަންނަ މަސްތުވާތަކެތީގައި އޭނާގެ އަތެއްވާކަމަށް ދެއްކުމަށް ވެސް ކިތަންމެ މަސައްކަތެއްކޮށްފައި އެބަހުއްޓެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދައިފައިވާ “ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު” ގެ 07 ވަނަ މާއްދާގެ ދަށުން ޑިސިޕްލިނަރީ އަދި އިދާރީކުށްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. އެ މައްދާގެ ދަށުން އަންނަ އަކުރުތަކުގައި ވަނީ ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް ކުރާ ކޮންމެ އަމަލެއް އެއީ ޑިސިޕްލިނަރީ އަދި އިދާރީކުށް ކަމަށެވެ.

ފުލުހުންގެ ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައި ހައްޔަރު ކުރި މީހެއް، ބަންދަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ މެޔަށް ތަދެއް އަރައި ނިޔާވި މައްސަލައިގައި މުޅި ގައުމަށް ލިބިފައި އޮތީ ސިހުމެކެވެ. ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ މަރުވީ، ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތު މެޔަށް ތަދުވާތީ ވާތީ އެހީއަށް އެދުމުން ވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެއީ ހުސް ފޭކުކަމަށް ނުވަތަ އެކްޓުގެ ގޮތުގައި ބުނެ ބުނެ ތިއްބަ އެވެ.

އެ ސަރަހައްދުގައި އެވަގުތު ތިބި އާއްމުންނާއި، ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ދިޔައީ އަބްދުﷲ ރަޝީދުގެ ސިއްހީ ހާލަތު ގޯސްވަމުންދާކަން ފާހަގަކޮށް ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށް އެދެމުންނެވެ. ނަމަވެސް ފުލުހުން ރައްދުގައި ބުނަމުން ދިޔައީ އަބްދުﷲ ގެ ހާލު ރަނގަޅުކަމަށާއި، އޭނާއަށް އެއްވެސް އެފަދަ މައްސަލައެއް ދިމާނުވާކަމަށެވެ. އެހެން އާއްމުންގެ މީހުން ވެސް ތިބި، ލޯންޗެއްގެ އެންމެ ކުރީކޮޅު އަބްދު ﷲ ބަހައްޓައި، އެތެރޭގައި ތިބި ބަޔަކަށް އޭނާ ނުފެންނާނެ ހެން ފުލުހުން ތިބީ ސަފުތައް ހަދާފައި ލޯންޗުގައި ތިބި އެހެން ބަޔަކަށް އެނާ ނުފެންނާނެ ހެން ކޮޅަށެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އޭރު ވެސް އަބްދުﷲ ދިޔައީ އެހީއަށް އެދި ރޮއެ އާދޭސް ކުރަމުންނެވެ. ބައެއް މީހުންނާއި ހަވާލާދީ އާއިލާއިން ބުނީ އަބްދުﷲ ގެ ހަރަކާތް ހުއްޓުނު ފަހުން އޭނާގެ އަނގައިން ފޮނުތަކެއް އެރިކަމަށެވެ.

މައްސަލަ ގޯސްވި ހިސާބަކީ، އަބްދުﷲ އަށް އެ ހާލަތު ދިމާވުމުން އާއިލާއަށް އެއްވެސް އެންގުމެއް ނެތި ފުލުހުން އޭނާ އެ ރަށާއި ޖެހިގެން އޮންނަ މަޑަވެލިއަށް ގެންދިއުމުންނެވެ. އަބްދުﷲ ގެ ފުރާނަ ނެތް މަސްގަނޑު، ފުލުހުންތަކެއް ހޮސްޕިޓަލަށް ގެނައިކަން އާއިލާއަށް ގުޅާފައި ބުނީ އެ ރަށުގެ އާއްމުންގެ ތެރެއިން ބައެކެވެ. ދުވަހަކީ ވިއްސާރަ ދުވަހެއް ނަމަވެސް، އެވަގުތަކު ދަބަހެއްގެ ތެރެއަށް ލެވުނު އަންނައުނުކޮޅެއް ލައި، ރަށުގައި ތިބި އާއިލާގެ މެމްބަރުން ދިޔައީ ހޯނޑެއްދޫން 05 ވަރަކަށް މިނެޓުގައި ލޯންޗަކުން ދެވޭހާ ކައިރީގައި އޮންނަ މަޑަވެއްޔަށެވެ.

އާއިލާގެ ފަރާތުން “ސަންގު” އާއި ހިއްސާ ކުރި އަބްދުﷲ ރަޝީދުގެ މަރުގެ ރިޕޯޓުގައި ވާގޮތުން އޭނާ ހޮސްޕިޓަލަށް ގެނައީ މަރުވިތާ 30 މިނެޓު ފަހުންނެވެ. ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ފެންނަން ނެތް، އަބްދުﷲ ނިޔާވީ ބެލެވޭ ގޮތުގައި ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުންގެ “އިހުމާލު” އޮތްތޯ ބެލުމަށް، ނުވަތަ “އިންސާފަށް” ވާސިލުވާންކަމަށް ބުނެ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމީ ޕޯސްޓުމޯޓަމް ހެދުމަށެވެ.

އަބްދުﷲ ގެ މަންމަ އާއި، އާއިލާ އެކަމަށް ދެކޮޅު ހަދައި ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދޭން އެދިފައި ވަނިކޮށް މާލެ ގެނައީ އެވެ. އާއިލާއިން ބުނީ، ހަށިގަނޑު މާލެ ގެނައި ސަބަބެއްކަމަށް ހީކުރީ އަބްދުﷲ ގެ އަނބިދަރީން މާލޭގައި ތިބުމެވެ. ނަމަވެސް އެއްވެސް މީހަކަށް މޫނު ނުދައްކައި ގެނެސް މޯޗަރީއަށް ލުމުން، ގަލޮޅު ސަހަރާއަށް ނުގެންދިޔައީ ކީއްވެތޯ ސުވާލު ކުރުމުން އަނެއްކާވެސް ބުނީ ޕޯސްޓުމޯޓަމް ހަދާ ވާހަކައެވެ. ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައި، އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުންނުވާކަމަށާއި އޮޓޮޕްސީން ފުލުހުން އަބްދުﷲ ނިޔާވަންދެން ބަލަހައްޓައިގެން ތިބީ ތޯ، ނުވަތަ ނޫންތޯ ސާބިތެއް ނުވާނެކަމަށް އާއިލާއިން ބުންޏެވެ.

އަބްދުﷲ ގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްދޭން އެދި، މޯޗަރީ ކުރިމަތީގައި/ ފޮޓޯ: ވަގުތު

މިވަގުތާއި ހަމައަށް ވެސް މޯޗަރީ ކުރިމަތީ މަޑުކޮށްލައިގެން ތިބި، އާއިލާގެ އެއްވެސް މެމްބަރަކަށް އަބްދުﷲ ގެ މޫނު ދައްކާފައި ނުވެ އެވެ. އެންމެ ކުޑަ މިންވަރަކަށް އަބްދުﷲ ގެ މަންމަ އާއި، އޭނާގެ އަނބިމީހާ އަދި ދަރީންނަށް މޫނު ނުދައްކަ އެވެ. އަބްދުﷲ ގެ 18 އަހަރު ފުރިފައިވާ އަންހެން ކުއްޖަކާއި، އިތުރު ދެ ކުދިން އެބަތިއްބެވެ.

އިއްޔެ މީޑިއަތަކާއި ވާހަކަ ދައްކަމުން، އަބްދުﷲ ގެ ދަރިފުޅުނު ބުނީ ބައްޕަގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމައި އެކަން އެންގުމުން އެކަމާއި ދެކޮޅު ހެދިކަމަށެވެ. ނަމަވެސް ފުލުހުން އެ ވާހަކަތަކަށް އެއްވެސް ސާމާލުކަމެއް ނުދިންކަމަށް ކުއްޖާ ބުންޏެވެ. އަދި ބުނީ، ޕޯސްޓުމޯޓަމް ހަަދަން ޖެހޭނީ ގޮތް ނޭނގޭ މަރެއް ނަމަ ކަމަށެވެ. ހާއްސަކޮށް ޕޯސްޓުމޯޓަމް ހަދައިގެން އެ ރިޕޯޓަކުން ބައްޕަ މަރުވަން ދެން ފުލުހުން ދޫކޮށްލައިގެން ތިބީކަން ނުފެންނާނެކަމަށް އެ ކުއްޖާ ބުންޏެވެ. މިއީ އަބްދުﷲ ގެ އާއިލާގެ ކޮންމެ މެމްބަރެއްގެ ވެސް ވާހަކަ އެވެ.

އާއިލާގެ އާދޭސްތަކާއި އެކު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެ މީހުންނާއި ބައްދަލުކޮށް ބުނީ ފުލުހުންގެ އިހުމާލު މައްސަލައިގައި އެބައޮތްކަމަށާއި، ނަމަވެސް އޮޓޮޕްްސީ ހެދުން މުހިންމުކަމަށެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން އާއިލާއަކާއި މާބޮޑު ވާހަކައެއް ނުދައްކަ އެވެ.

ދެން އޮތް ސުވާލަކީ މި މައްސަލައިގައި ފުލުހުން މިހާ ބޮޑަށް، އާއިލާއަށް އުނދަގޫ ވާގޮތަށް މަސައްކަތް ކުރާ ސަބަބަކީ ކޮބައިތޯ އެވެ. ކުރުކޮށް ދެވެން އޮތް ޖަވާބަކީ، މިއީ އަބަދުވެސް ކަން ހިނގާފައިވާ ގޮތް ކަމެވެ. ކުޑަކުދިން އެ ކުދީންނަށް ކުރެވޭ ކުށްތައް ގަބޫލު ނުކުރަން އުޅޭ ގޮތަަށް، ފުލުހުންގެ ވެސް ފެންނަނީ ގޮތްދޫ ނުކުރުމެވެ. ވަޒީރާއި، ކޮމިޝަނަރު ހިމެނޭހެން މުޅި މުވައްސަސާ ފޮޅައި ސާފު ކުރަން ޖެހިފައިވާކަން ގަބޫލު ނުކުރުމެވެ.

އޭގެ އެންމެ ކުރު މިސާލަކީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ބައިވެރިވި 13 ފުލުހަކަށް ދައުވާކުރަން ފޮނުވި މައްސަލައެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް، އެކުދިން ގޮވައިގެން އެ ރަށަށް ދަތުރު ކުރި ފެރީގަ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ތަހުގީގުކޮށް 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވުން ބަޔާނެއް އާއްމުކޮށް އަދި ޕްރެސް ކޮންފަރެންސެއް ބާއްވައި ދިފާއުވުމަށް ފުލުހުން މަސައްކަތް ކުރި އެވެ.

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދާއި އިމްރާން ވިދާޅުވީ އެ ފުލުހުންނަކީ ތަނަށް ވަރަށް މުހިންމު ބައެއްކަމަށާއި ދައުވާ ކުރަން ފޮނުވީތީ މަސައްކަތަށް ވަރަށް އުނދަގޫ ވާނެ ކަމަށެވެ. މިއީ ކުޑަކުދިންތަކަކާއި މެދު އަމަލު ކުރި ގޮތުގެ ސަބަބުން، ދައުވާ ކުރަން ފޮނުވި އޮފިސަރުންގެ ދިފާއުގައި ނިކުމެ ފުލުހުންގެ އިސްވެރިން ދެއްކެވި ވާހަކަ އެވެ.

އަދިވެސް އިތުރު މިސާލުތައް ދެއްކިދާނެ އެވެ. މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ގޯނާގެ ފުރައްސާރަތަކާއި ދެކޮޅަށް ޒުވާނުން ނިކުމެ އިހުތިޖާޖު ކުރުމުން އެތަނަށް އެއްވެ ތިބި ކުދިންނަށް ވުރެ ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ނިކުމެ ހަރަކާތައް ހުރަސް އެޅި އެވެ. ސިޔާސީ ބޮޑެތި މުޒާހަރާތައް ރޫޅާލާ އުސޫލުން ޒުވާނުންތަކަށް ހުރަސްއަޅައި އެއްވުން ރޫޅާލުމުގައި ފުލުހުން އަމަލު ކުރީ އިންތިހާއަށް އަނިޔާވެރި ގޮތަކަށެވެ. ބައިވެރިންނަށް އަމާޒުކޮށް ބައެއް ފުލުހުން އަވަގުރާނަ ގޮވި އަޑު އެތަނުގައި އެރޭ ތިބި ނޫސްވެރިންނަށް އިވުނެވެ. އަދި އެ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ވެސް އަނިޔާކޮށް، ބޭއަދަބީކޮށް އޮފިސަރުން ވާހަކަ ދެއްކި އެވެ.

އެއްވެސް ގާނޫނީ އިންޒާރު ދިނުމެއްނެތި ފިރިހެން ފުލުހުން އެތަނުގައި ތިބި އަންހެން ކުދިން އަތުގައި ހިފާ ފަހަތަށް ޖެއްސުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި އެތަނުގައި އެ ވަގުތުއިން އަންހެން ފުލުސް އޮފިސަރު، ޕެޕާ ސްޕްރޭ ފުޅި އަންހެން ކުއްޖާގެ މޫނަށް އަމާޒުކޮށް ޖެހިއެވެ. އަދި ބޮލުގައި ހިފާ ހިއްލާލުމަށްފަހު އަނެއްކާވެސް މޫނަށް އަމާޒުކޮށް ޖެހިއެވެ. އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި، އަނެއް ދެ އަންހެން ކުދިންނަށް ވެސް އަމާޒުކޮށް ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ފުލުހުން ޖެހި އެވެ.

ރައްޔިތުންގެ ނުރުހުމާއި، ކަންބޮޑުވުންތަކާއި ބަޔާންތައް އާއްމުކޮށް އެންމެ ފަސޭހައިން ބުނެލާ ޖުމްލައަކީ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު އެކަމުގައި ޝާމިލުވާ ބައެއްގެ މައްޗަށް ތަހުގީގެއް ހިންގައި ފިޔަވަޅު އަޅާނެކަމަަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ކަމުން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތެވެ. ލިބުނު އެއްވެސް އިންސާފެއް ނެތެވެ.

އެކި ނަންނަމުގައި މުވައްސަސާތައް އުފައްދައި، އެ މުވައްސަސާތަކުގެ ޒިންމާއަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުންކަމަށް ބުނެލުމަކުން އަދި ނުނިމެ އެވެ. މީގެ ކުރީގައި އިދިކޮޅުގައި އޮވެ، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ބުނީ ޖަލުގެ އަނިޔާތަކާއި ކުށެއްގެ ތުހުމަތަށް އަނިޔާ ކުރާ މީހާއަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން ދިޔައީ އެފަދަ މައްސަލައަކަށް މެމްބަރުން ވާހަކަ ދެއްކުމަށް ވެސް ބޭނުން ނުވާކަމެވެ.

އެންމެ ބޮޑު ހިތާމައަކީ އަބްދުﷲ ގެ މަރަށް އިންސާފު ހޯދައިދޭން އެދި ގޮވާލުމުން، އެ ޓުވީޓަށް ރައްދު ދޭ މީހާ ކުރީގެ ސަރުކާރުގައި ޖަލުގައި ކިތަށް މީހުން މަރުވިތޯ ސުވާލު ކުރާތީ އެވެ. މިއީ ކުޅޭ ކުޅިވަރެއް ނޫނެވެ. ނިކަމެތި ރައްޔިތު މީހާ އޭރު ވެސް، ގަނަތެޅެން ޖެހުނު ގޮތަށް މިއަދު ވެސް އާއިލާތައް ރޮއެ އާދޭސް ކުރާ މަންޒަަރު ފެނުމަކީ ޒިންމާދާރު ވާން ޖެހޭ އިދާރާތްތަކުގެ ލަދުގެ ކަންފުޅެއް ވެސް ނެތްކަމުގެ ހެއްކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: