ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދަނީ ގާނޫން ލިބޭ ބާރުން، އާއިލާގެ ހުއްދަ ހޯދާކަށް ނުޖެހޭ: ފުލުހުން

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގަށް ޕޯސްޓުމޯޓަމް ހެދުމަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިގެންވާ ބާރުންކަމަށާއި އެކަމުގައި އާއިލާގެ އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ފުލުހުން ބުނެފި އެވެ.

ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު މަރުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތު މެޔަށް ތަދުވާތީ ވާތީ އެހީއަށް އެދުމުން ހާލު ގޯހެއް ނޫންކަމަށް ބުނެ އެކަމަށް ސަމާލުކަމެއް ނުދީ ލޯންޗުގައި ދޮޅު ގަޑިއެއްހާއިރު ގެންގުޅުނު ފަހުންނެވެ. އެވަގުތު ރަށުގެ ބަނދަރު ސަރަހައްދުގައި ތިބި މީހުން އަބްދުﷲ ގެ ހާލަތު ގޯސްވަމުންދާކަމަށް ބުނެ، ހެލްތް ސެންޓަރަށް ގެންދަން އެދުމުން ފުލުހުން ބުނެފައި ވަނީ އެއީ އެކްޓުކަމަށާއި ހައްޔަރަށް ގެނައުމުން ފޭކު ޖައްސަނީ ކަމަށެވެ.

ސިއްހީ ހާލަތު ގޯސްވެ، ފަރުވާ ނުދެވި ވަނިކޮށް އަބްދުﷲ ގެ ހަރަކާތް ހުއްޓުމުން ހޯނޑެއްދޫއާއި ޖެހިގެން އޮންނަ މަޑަވެލިއަށް އޭނާ ގެންދިއުމުން ޑޮކްޓަރުގެ ރިޕޯޓުގައި ވަނީ އެނާ ގެނެސްފައި ވަނީ މަރުވިތާ 30 މިނެޓުފަހުން ކަމަށާއި، މަރުވެފައި ވަނީ ކާޑިކް އެރެސްޓެއް ދިމާވެގެން ކަމަށެވެ. އާއިލާގެ ކަންބޮޑުވުންތަކާއި އެކު، މައްސަލަ މީޑިއާތަކުގައި ފެންމަަތިވެ އާއްމުންގެ ނުރުހުން އަމާޒުވުމުން ފުލުހުން ނިންމީ އޭނާގެ ޕޯސްޓުމޯޓަމެއް ހެދުމަށެވެ.

ހަށިގަނޑުގެ ބޭރުފުށުގައި އެއްވެސް ޒަހަމެއް ނެތީސް، އަދި މިއީ ގޮތް ނެނގޭ މަރެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތި ޕޯސްޓުމޯޓަމް ހެދުމަށް ބޭނުން ނުވާކަމަށް އާއިލާއިން ބުނުމުން ފުލުހުން ޖަވާބުގައި ބުނީ އެކަމުގެ އިތުރު ހުއްދައެއް ބޭނުން ނުވާނެ ކަމަށެވެ. އަބްދުﷲ މާލެ ގެނައި ދުވަހުން ފެށިގެން، އާއިލާގެ މެމްބަރުން ތިބީ މޯޗަރީ ކުރިމަތީ ނަމަވެސް މިހާތަނަށް އާއިލާގެ އެއްވެސް މެމްބަރަކަށް އަބްދުﷲ ގެ މޫނު ދައްކާފައި ނުވެއެވެ.

އާއިލާގެ ހުއްދައެއް ނެތި، ހަށިގަނޑުން ސާމްޕަލް ނަގައި، އޮޓޮޕްސީ ހެދުމަށް ކުރާ މަސައްކަތް ހުއްޓުވައި ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމުގެ އަމުރެއް ނެރެދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައި އާއިލާގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާއަކީ ވެސް އެއީ އެވެ. އަދި އަބްދުﷲ ގެ މަރާއި ބެހޭ އެއްވެސް މައުލޫމާތެއް، ނުވަތަ އެކަމުގައި ފުލުހުން ކުރާ އެއްވެސް މަސައްކަތެއްގެ މައުލޫމާތު އާއިލާއާއި ހިއްސާ ނުކުރާކަމަށް މައްސަލައިގައި ވެއެވެ.

ރައްދުގައި ފުލުހުން ބުނީ، އަބްދުﷲ ގެ މަރުގެ މައްސަލައިގައި ނެޝަނަލް އިންޓެގްރިޓީ އާއި ގުޅިގެން ކުރިޔަށް ގެންދަނީ، ޖޮއިންޓު ތަހުގީގެއް ކަމަށެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައި ވަނީ އެކަމުގެ އިޖުރާއަތުތައް ފުރިހަމަވުމާއި ފުލުހުންގެ މައްޗަށް މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީކަމަށް ބުންޏެވެ.

ފުލުހުން ބުނީ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދުނު ނަމަވެސް، އެކަމުގެ ގާނޫނީ އެއްވެސް ހުތްޖަތެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައި ނުވާކަމަށެވެ.

އާއިލާގެ އެއްވެސް ރުހުމަކާއި ނުލައި، ޕޯސްޓުމޯޓަމް ނުހެދޭނަކަމަށް ބުނި ނަމަވެސް ފުލުހުން އެކަމަށް ބޭނުން ވެއްޖެ ހާލަތެއްގައި އެއްވެސް ބައެއްގެ ހުއްދަ ހޯދަން ނުޖެހޭނެކަމަށް މައްސަލައިގެ ރައްދުގައި ފުލުހުން ބުންޏެވެ. އަދި މައްސަލައިގައި ތަދައްހުލުވި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވެސް ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޕޯސްޓުމޯޓަމް ހެދޭނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތަހުގީގަކީ ޖިނާއީ ތަހުގީގެއްކަމުން އެދެނީ ޕޯސްޓުމޯޓަމް ހެދުމާއިގެން ކުރިޔަށް ދިއުމަކަމަށް ވަކީލު ވިދާޅުވި އެވެ.

ތަކުރާރުކޮށް ފުލުހުން ބުނީ، ގާނޫނީ ގޮތުން އެބާރު އެ މުވައްސަސާއަށް ލިބިގެން ވާކަމަށާއި އާއިލާގެ އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-17 ވަނަ މާއްދާއާއި ހަވާލާދެއްވައި ފުލުހުން ބުނީ އިންސާފަށް ވާސިލުވުން މުހިންމު ކަމަށެވެ.

މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓް -މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދުގެ 04 ވަނަ މާއްދާގައި ޕޯސްޓްމޯޓަމް ހަދަން ޖެހޭ ބާވަތުގެ މަރު ގެ މައްސަލަތައް ބަޔާން ކުރެ އެވެ.

4 ވަނަ މާއްދާ – ޕޯސްޓް-މޯޓަމް  ހަދަންޖެހޭ ބާވަތުގެ މަރު ގެ މައްސަލަތައް

(ހ) އަންނަނިވި ބާވަތްތަކުގެ މަރުގެ މައްސަލަތަކުގައި، މަރުވެފައިވާ މީހާ، މަރުވި ސަބަބު ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމެއް ހެދުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

  1. އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ؛
  2. އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ؛
  3. ގަސްތުގައި މީހަކު މަރާލައިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ؛
  4. އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ؛
  5. ގޮތް ނޭނގޭ މަރުގެ މައްސަލަ؛
  6. ގުދުރަތީގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަ.

(ށ) މި މާއްދާ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދުމަށް ކޯޓު އަމުރެއް އޮންނަ ހާލަތުގައި، އެ އަމުރާ އެއްގޮތްވާ ގޮތުގެ މަތީން ޕޯސްޓްމޯޓަމް ހެދުމަށް މި މާއްދާ ހުރަހެއް ނާޅާއެވެ.

މީހަކު މަރުވި ސަބަބު ދެނެގަތުމަށާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގަވައިދެއް އެކުލަވާލައި އެއަށް އަމަލި ކުރަން ފެށީ މިދިޔަ މޭއި މަހު އެވެ.

މައްސަލައިގައި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކުރޫ ވެސް ޓުވީޓެއް ކުރައްވައި ވިދާޅުވީ އާއިލާގެ ނުރުހުމުގައި މައްޔިތާގެ ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ލިބިގެން ނުވާ ކަމަށެވެ. އާޒިމާ ވިދާޅުވީ އެއްވެސް މީހެއް ކުށެއްގެ ތުހުމަތަށް ހައްޔަރުކޮށް 24 ގަޑިއިރަށް ވުރެ ގިނައިރު ބެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރު ކުރުމަށް ފަހު އެކަމަށް ކޯޓުން އަމުރު ހޯދައިގެން ކަމަށާއި އެ މާއްދާއަކުން މަރުވެފައިވާ މީހެއް އިސްތިސްނާއެއް ނުކުރާ ކަމަށެވެ.

އާޒިމާ ވިދާޅުވީ މައްޔިތާގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބެލެނިވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނުމުން ކަމަށެވެ. އެ ނޫން ގޮތަކަށް ފުލުހުންގެ ތަހުގީގަކަށް ޕޯސްޓްމޯޓަމް ހަދަން ބޭނުން ނަމަ ކޯޓްގެ އަމުރެއް ހޯދަން ޖެހޭނެކަމަށް ފާހަގަކުރި އެވެ. އާޒިމާ ވިދާޅުވީ ހަށިގަނޑަކީ ވާސިރުންގެ ހައްގެއް ކަމަށާއި އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް އަދި ރާއްޖެއިން ފުރުވާލުމުގެ ބާރެއް އަދި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއްވެސް އެއްވެސް ގާނޫނަކުން ދައުލަތަކަށް ލިބިގެން ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: