ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓު 2023: އަންނަ އަހަރަށް ލަފާކޮށް 42،6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް 42،6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ.

މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ 40.6 ބިލިއަން ރުފިޔާއެވެ އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއާއި އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދަޒާކޮށްފައެވެ. އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.4 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަުރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށެވެ. އެގޮތުން މިބަޖެޓާ ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުން އަދިވެސް ބޮޑެވެ. އެގޮތުން މުޅި ދުނިޔޭގެ އިޤްތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު ކުރިމަތިވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ރަޝިޔާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިފައިވާ ކަމަށާއި ޤައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށްކަން އަމީރު ފާހަގަ ކުރެއްވިއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފައިވާ ކަމަށާއި އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަން ސަރުކާރުން ގަބޫލުކުރާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެކެވެ. އެގޮތުން އެކަށީގެންވާ ޙައްލުހޯދޭނެ ދެލިކޮޕީއެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓު އަމީރު ފާހަގަ ކުރެއްވިއެވެ. އަމީރު ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަމާ، އިޖްތިމާޢީ ދުޅަހެޔޮކަމާ، ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެކަށް އަންނަ އަހަރުގެ ބަޖެޓު ވެގެންދާނެ ކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. އެއީ އިޤްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއްކަމަށާއި އަދި ދައުލަތުގެ ދަރަނި ބޮޑުވެ، އިޤްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ ކަމަށާއި އަދި އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ ކަމަށެވެ.

އެހެންކަމުން އިވޭ އަޑުތަކާ، އޮތް ޙާލަތާ، ކުރާންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފު ކަމަށާއި އެންމެ އިސްކަމެއް ދެނީ، މި ގޮންޖެހުންތައް ގިރާކޮށް، ރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި މަގުގައި ހިފެހެއްޓުމަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އިންގިލާބުކޮށް، ބަދަލުކުރާނެ ކަންކަން ކުރިއަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖޭގެ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: