މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ބެލެވެނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވް ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި އިޤްތިސާދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓް އިތުރުވެއްޖެއެވެ. އަދި އިމްޕޯޓް މުދަލުގެ އަގުތައް، ވަކިން ޚާއްސަކޮށް ތެލުގެ އަގު، މަތިވެއްޖެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ކުރުމުއްދަތުގައި ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް ހުރިކަން އަމީރު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް، އަޅަމުންދާ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެ ކަމަށާއި 2022 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް އަމީރު ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ފާހަގަ ކުރެއްވި ގޮތުގައި މި މިންވަރުގައި ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓި، އިޤްތިސާދީ މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި ދަތިނުވާނެ މިންވަރަށް ހުންނާނެ އެވެ.
އިގްތިސާދީ ބަދަލުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، ރާއްޖޭގެ އިޤްތިސާދު ދަނީ ކުރިޔަށެވެ. އެކަން އެހެންވަނީ ފިސްކަލް ޕޮލިސީގެ ތެރެއިން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ފާހަގަ ކުރެއްވި ގޮތުގައި 2020 ވަނަ އަހަރު ކޮވިޑް-19އާ އެކު ރާއްޖޭގެ އިޤްތިސާދު ހުއްޓުނު ވަގުތު، އިޤްތިސާދަށް ސަޕޯޓް ދިނީ މައިގަނޑުގޮތެއްގައި ފިސްކަލް ޕޮލިސީ ނުވަތަ ބަޖެޓުގެ ތެރެއިންނެވެ. އެ އަހަރު ދައުލަތުގެ އާމްދަނީ 2019 އަށްވުރެ، 34.5 އިންސައްތަ ދަށަށް ދިޔައެވެ. އަދި އެ އަހަރުގެ ފާސްކުރި ބަޖެޓުން ޚަރަދު ކުޑަކުރި ނަމަވެސް، ކޮވިޑް-19 މެނޭޖްކުރުމަށާއި ވިޔަފާރިތަކާއި ގޭބިސީތަކަށް ސަޕޯޓްކުރުމަށް ބަޖެޓުން ޚަރަދުކުރިކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ ސަބަބުން، ބަލި ކޮންޓްރޯލްކުރެވި، މެނޭޖްކުރެވި، ބަލިމަޑުކަމުގެ ތެރޭގައި އިޤްތިސާދީ ހަރަކާތްތައް ހިންގުމުގެ އިތުބާރު ލިބި، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި، ވިޔަފާރިތަކަށާއި ގޭބިސީތަކަށް އާމްދަނީގެ ސަޕޯޓް ލިބިގެންދިޔަ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން 2021 ވަނަ އަހަރުވެސް ސަރުކާރުން ހިންގީ ކައުންޓަރ-ސިކްލިކަލް ފިސްކަލް ޕޮލިސީއެއް ކަމަށާއޮ އެއީ އިޤްތިސާދު ދަށްވި ވަގުތު، އިޤްތިސާދަށް ސަޕޯޓް ދީގެން، އަލުން ކުރީގެ މިންވަރަށް އަވަހަށް އިއާދަކުރުމަށް ގެންގުޅުނު ސިޔާސަތެއް ކަމަށް އަމީރު ވިދާޅުވިއެވެ.
2021 ވަނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 21.4 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ މިއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު .340 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. ނަމަވެސް މިއީ ކޮވިޑް-19ގެ ކުރިން ލިބުނު މިންވަރަށްވުރެ ދަށް އަދަދެކެވެ. 2021 ވަނަ އަހަރު ދައުލަތުން ޚަރަދު ކޮށްފައިވަނީ 32.9 ބިލިއަން ރުފިޔާއެވެ. އަދި ދަރަނި އަދާކުރުމާއެކު، ޖުމުލަ ބަޖެޓަކީ 37.1 ބިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ދަރަނީގެ ހިރާސް ކުޑަކުރުމަށް ލައިބިލިޓީ މެނޭޖްމަންޓް އެކްސަސައިޒެއް ހިންގުނު ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
2022 ވަނަ އަހަރު ދައްކަންޖެހޭ ސަނީސައިޑް ބޮންޑުގެ ބޮޑުބައެއް އޭރު އަދާކޮށްފައިވާނެ ކަމަށާއި އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބި، އެ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވެފައިވަނީ 11.5 ބިލިއަން ރުފިޔާއިނެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 13.8 އިންސައްތައެވެ. ސަރުކާރުން އަންނަނީ ކޮވިޑް-19ގެ ތަދުމަޑުކަމުން އަރައިގަންނަ މިންވަރަކުން ބަޖެޓުގެ ޑެފިސިޓްވެސް ކުޑަކުރަމުން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އަމީރު ފާހަގަ ކުރެއްވި ގޮތުގައި 2022 ވަނަ އަހަރުގެ ބަޖެޓާވެސް ކުރިމަތިލީ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް، މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ ރަޝިޔާ-ޔުކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، ބަޖެޓަށް ބާރުބޮޑުވުން ކަމަށް އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ. ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

