ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހަށް ހޯދާ، އެ މައްސަލަ ބެލުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މަޖިލީހަށް ހުށައަޅުއްވައިފިއެވެ.
ތޯރިގުގެ ހުށައެޅުއްވުމުގައި ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ފުށުއެރުންކެއް ހުރިކަމަށްބުނެ ބައިނަލްއަގްވާމީ ޓްރިބިއުނަލްއަށް މޮރިޝަޗސްގެ ފަރާތުން ދިވެހިރާއްޖެއާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދިވެހިރާއްޖެއިން ގަބޫލުކޮށް، 22 އޮގަސްތް 2022 ވަނަ ދުވަހު، މޮރިޝަސްގެ ބޮޑު ވަޒީރަށް، ރައީސް ސާލިހު ސިޓީއެއް ފޮނުވާފައިވާކަމަށް، ބަންޑާރަ ނައިބު ވަނީ 20 އޮކްޓޯބަރު 2022 ވަނަ ދުވަހު ބައިނަލްއަގުވާމީ ޓްރިބިއުނަލްގައި ވިދާޅުވެފައިކަމަށެވެ.
މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދައުވާކުރާ މައްސަލައިގައި ޒަމާނުންސުރެ، ދިވެހިރާއްޖެއިން އަމަލުކުރަމުން އަދި ދަމަހައްޓަމުން އަންނަ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވާކަމަ ތޯރިގުގެ ހުށައެޅުއްވުމުގައިވެއެވެ. އަދި އޮގަސްޓް މަހުގެ 22 ވަނަ ދުވަހު، ރައީސް ސާލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވާފައިވާ ސިޓީއަކީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާކަމަކަމަށް ފާހަގަކޮށް، ތޯރިގްގެ ހުށައެޅުއްވުމުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީއަށް އެ ސިޓީ ގެންނަވައި، މައްސަލަ ބެއްލެވުމަށެވެ.
މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށައަޅުއްވާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން މާބޮޑެތި ވާހަކަތަކެއް ދެކެވިފައި ނުވަނީސް، ނުވަތަ ފެންމެތިވެ ބައިނަލްއަގްވާމީ ގައުމުތަކުގެ މެދުގައި ބަހުސްއެއް އަދި ނެތް ވަގުތެއްގައި ދިވެހި ސަރުކާރުން ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވަން ޖެހުނު ސަބަބާއި މެދު ސުވާލު އުފެދެ އެވެ.
ހާއްސަކޮށް ކުއްލި ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުވުމަށް ނިންމެވީ ކޮން ކަންތަކެއްގެ މައްޗަށް ބިނާކޮށް ދެކެވުނު ވާހަކައެއްގެ ތެރެއިންތޯ އާއި ސިޓީގައި ރާއްޖޭގެ ތައީދު ލިބޭނެކަމުގެ އިތުރަށް އެހެން މަޝްވަރާއަކަށް އެދިފައި ވޭތޯ ސުވާލު ކުރުމުން ރައީސް އޮފީޙުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ދެ ގައުމެއްގެ ސަރުކާރާއި ދެމެދު ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެކަމަށެވެ.
ދެ ގައުމުގެ ހެޑް އޮފް ސްޓޭޓް ބަދަލު ކުރާ ސިޓީތަކަކީ އާއްމު ގޮތެއްގައި އާއްމު ކުރާ އެއްޗެއް ނޫން.. އާއްމު ގޮތެއްގައި މިނިވަން ދުވަހުގެ ތަހުނިޔާ ކިޔަން މި ފޮނުވާ ސިޓީ ބައެއް ފަހަރު އެބަހުރޭ ބައެއް ގައުމުތަކުން އާއްމުކޮށްފައި
ސިޓީގެ ތަފްސީލުތައް ދެވެން ނެތް ނަމަވެސް، މައްސަލައިގައި ވަރަށް ގިނަ ދޮގު މައުލޫމާތާއި އޮޅުވާލުންތައް ފަތުރަމުންދާކަމަށް ވިދާޅުވެ، މިއުވާން ވަނީ އެ ލިޔެކިއުމުގައި ރާއްޖޭގެ ސްޓޭންޑު ބަދަލުވީ ނަމަވެސް އައިސީޖޭގެ ކަންތަކުގައި މޮރިޝަސްއަށް ތާއީދު ކުރިނަމަވެސް ކޮންޓިނެންޓަލް ޝެލްފް މައްސަލަ އަދި ޑީލިމިޓޭޝަން މައްސަލަ އެއްވެސް ގުޅުމެއް ނެތްކަމަށް ވަރަށް ސާފުކޮށް ލިޔެފައިވާނެކަމަށް ހާމަކުރައްވާފަ އެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ތުހުމަތުތަކަށް ރައްދު ދެއްވައި މިއަދުގެ ޕްރެސްކޮންފަރެންސްގައި މިއުވާން ވިދާޅުވީ އެބޭފުޅުންގެ މިހާ ކަންބޮޑުވުން މައްސަލައިގައި އޮތް ނަމަ 2017 ގައި ވޯޓު ދިނުމަށް ފަހު “ވޯޓް އޮފް އެކްސްޕްލެނޭޝަން” ދިނީސް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް 2019 ގައި ވޯޓު ދިނުމަށް ފަހު “ވޯޓް އޮފް އެކްސްޕްލެނޭޝަން” ދީފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ނަގާ ވޯޓެއްގައި ވެސް އެކަމުގެ ތަފްސީލު ރާއްޖެއިން ދޭނެކަމަށް މިއުވާން ވިދާޅުވި އެވެ.
ސިޓީއާއި ގުޅޭގޮތުން މިއުވާން ދެއްވި ޖަވާބު ފުރިހަމަ ނުވާތީ، އެހެން ނޫސްވެރިއަކު ވެސް ވަނީ އެ ސުވާލު ތަކުރާރުކޮށް ރައީސް ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީއެއް ފޮނުވުމަށް އިސް ނެންގެވީ ކޮން ކަމެއްގެ ސަބަބުން ތޯ ސާފުކޮށްދޭން އެދިފަ އެވެ.ޖަވާބުގައި މިއުވާން އަނެއްކާވެސް ވިދާޅުވީ، އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ވަރަށް ގޯސް ވާހަކަތަކެއް ދައްކަމުން ގެންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން “ވަރަށް ބޮޑުކަމެއް ވެގެން އުޅޭހެން” ރައްޔިތުންނަށް ހީކުރެވެނީ ކަމަށެވެ.

