2023 ވަނަ އަހަރުގެ ޑެފިސިޓާއި ދަރަނި އަދާކުރުމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފަރ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބުނެފައިވާ ގޮތުގައި ބަޖެޓު ފައިނޭންސް ކުރުމަސް ހޯދަން ޖެހޭ ފައިސާގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.
މީގެ ތެރޭގައި މަޝްރޫޢުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.1 ބިލިއަން ރުފިޔާ ހިމެނޭއިރު ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރެވެ.
މީގެ އިތުރުން އެތެރޭގެ ފަރާތްތަކުން 5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވާއިރު މީގެ ތެރެއިން 7.4 ބިލިއަން ރުފިޔާއަކީ ޓްރެޜަރީ ބިލު އިތުރަށް ވިއްކުމަށް ރޭވިފައިވާ ފައިސާކަން ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ބަޖެޓުގެ ޕްލޭނަކީ މެދުރާސްތާގައި ދަރަނި މެނޭޖްކޮށް ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ދަށްކުރެވޭނެކަން ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމުގެ ސަބަބުންވެސް މެދުރާސްތާގައި ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުވާނެ ކަމަށް ބަޖެޓުގައި ފާހަގަ ކޮށްފައިވާއިރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް 2021 ވަނަ އަހަރު ގެނައި ބަދަލާއެކު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މުއްސަނދިވެ، ދަރަނި އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އުފެއްދޭނެކަން ވެސް ވަނީ ލަފާކޮށްފައެވެ.

