ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލީގައި: ރައީސް

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް އިފުތިތާޙުކުރުމަށް ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ އަދި ހެލްތް މިނިސްޓަރު،
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޚާއްޞަ މަސައްކަތް އިފްތިތާޙް ކުރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020 އިން 2021 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ “ސްޓެޕްސް ސަރވޭ” ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިސަރުކާރުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު ހަރަކާތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެހަރަކާތުންވެސް ދޭން ބޭނުންވި މެސެޖަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ހެލިފެލިވެ ނުވަތަ ޙަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަންކަމަށެވެ. އަދި އެމަނިކުފާނު ވަނީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަށާއި، ފައިދާހުރިކާނާ ބޭނުން ކުރުމާއި، ހެލިފެލިވެ އުޅުން މުހިންމުކަމަށް ވިދާޅުވެފައެވެ.

ހުރިހާ ރަށެއްގައި އަދި ހުރިހާ އުމުރުފުރައެއްގައިވެސް އަޅުގަންޑުމެން ހާއްސަ ފިޔަވަޅުތަކެއް އަޅުންވަންޖެހޭ ވަރަށް ބޮޑު މައްސަލައެއް. މިރޭއިފްތިތާހުކުރި “ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން” ތަންފީޒްކުރަން ފެށުމުން މި މައްސަލަތަކަށް އެދެވޭ ހައްލެއް އަންނަން ފަށާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް

ދިވެހިރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުން ގިނަ މައްސައްކަތްތަކެއް ކުރައްވާކަމަށާއި، މިގޮތުން، ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ސަމާލުކަން ދިނުމަށް، ސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު އެއް ކަމަކީ، “ޕްރައިމަރީ ހެލްތް ކެއަރ” އަލުން އާލާ ކުރުން ކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ، ގައިންގަޔަށް ނާރާ ބަލިތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކަށް ދުރާލައި ޓެސްޓް ކުރުމާ، އެފަދަ ބަލިތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ބޭހާއި ފަރުވާ އަދި އަޅާލުން މިހާރަށް ވުރެ ފުރިހަމައަށް ލިބިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ “ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް” ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒަކުން މިހާރު އަންނަނީ އެޚިދުމަތް ދެވެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުޞަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގާއިރު އެމަޝްރޫޢުތަކުގެ ތެރެއިން، އައުޓްޑޯރ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރަށްރަށުގައި ޤާއިމް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިންވެސް، ނޭޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް، އެވެކްސިން މިހާރު މުޅި ރާއްޖޭގައި ދެވެމުން އަންނަކަމުގެ މައުލޫމާތުވެސް ރައީސް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ، ރޭ އިފްތިތާޙްކުރެވުނު “ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން” ތަންފީޒުކުރަން ފެށުމުން، މިހާރު ހުރި މައްސަލަތަކަށް އެދެވޭ ޙައްލެއް ލިބެން ފަށާނެކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަތީ މިއެކްޝަން ޕްލޭން ތަންފީޒްކުރުމުގައި ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: