މިހާރުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެކަންކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުންތަކެއް ލިބި ދިވެހިންނަށް އެކަމުގެ މަންފާ ލިބޭނެކަމަށް ވައުދުވެފައިވެއެވެ. އަދި އެ ނަމުގައި ފަށާފައިވާ ގިނަ މަސައްކަތްތައް ނިންމާފައިވާކަމަށްވެސް ބުނެއެވެ.
ކުރެވިގެންދާނެ އަދި ކޮށްފައިވާ ކަމަށް ބުނާ މަސައްކަތްތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ އަގުވަޒަންކުރުން، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުން، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އާރާސްތުކުރުން، ފަތުރުވެރިކަން ފުޅާ ކުރުން، އެކަމަށްޓަކައި ވައިގެ ބަނދަރުތައް ތަރައްގީ ކުރުން އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމައްޓަކައި އެސްއެމްއީ ލޯނު ތައާރަފްކޮށް، އެމްއެމްއީ ހަބު ގާއިމު ކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުންވެސް ހިމެނެއެވެ.
މަސައްކަތްތެރިކަމުގެ އަގު ވަޒަން ކުރުން:
މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމަކީ މި ސަރުކާރުން ކޮށްދޭނެކަމަށް ބުނި އެއް ކަމެވެ. މިއަދު ވެރިކަމަށް 4 އަހަރު ހޭދަވެގެންގޮސްފައިވާއިރު، އިގްތިސާދުގެ ތެރެއިންނާއި ގުޅިފައިވާ ކަންކަމުގެ ތެރެއިން ގިނަ އަދަދެއްގެ ކުރިއެރުންތައްވެސް ލިބިގޮސްފިއެވެ. އެހެން ނަމަވެސް ޖުމުލަގޮތެއްގައި އިގްތިސާދީ ހާލަތު އެކަށީގެންވާކަމަށް ބުނެވެންވެސް ނެތެވެ. ސަަބަބަކީ އިގްތިސާދީ ހާލަތާއި ގައުމެއްގެ މާލީ ހާލަތާއި ގުޅިލާމެހިފައިވުމެވެ.
އިގްތިސާދީ ހާލަތު ކުރިއަރައިދިއުމުން މާލީ ހާލަތަކީވެސް ރަނގަޅުވެގެންދާނެ ކަމެކެވެ. އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގެ ތެރެއިން ދާއިރާތައް ކުރިއެރުވުމަށް އާ އުސޫލުތައްވެސް ތައާރަފްކުރިއެވެ. އެހެން ނަމަވެސް އަދިވެސް ރާއްޖޭގައި މަސައްކަތްތެރިންގެ އަގު ވަޒަންކުރެވި، އެކަށީގެންވާ އުސޫލެއްގެ މަތިން ހައްގުތައް ކަށަވަރު ކުރެވިފައިނުވާކަން އިނގިގެންދަނީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓުވެސް މަޖިލީހަށް ފޮނުވުނީ އިހައް ދުވަހަކު ކަމަށްވުމުންނެވެ.
އެހެންކަމުން މި ސަރުކާރުގެ އިގްތިސާދީ ކަންކަން ހުރި ގޮތަށް ފާޑުކިޔާއިރު، ވަކި ވަކި ދާއިރާތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ.
މަސްވެރިކަން:
ތެދެކެވެ. އެމްއެމްއޭ އަދި ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުންނާއި، ސިނާއަތުގެ ތެރެއިން ހަދެމުންދާ ރިކޯޑު ތަކަށް ބެލުމުން، ދިވެހި ތާރީހުގައި އެންމެ ގިނައިން މަސްކިރުވިކަމުގެ ޝަރަފު ލިބިގެންދާނީ މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކަށެވެ.
ސިނާއަތުގެ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ހައްލުތަކެއް ގެނައުމުގެ މަގުސަދުގައި ސަރުކާރުގެ މަސް ކުންފުނިންވަނީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ވަކި މިންގަނޑެއްގައި ހިފަހައްޓާފައެވެ. މިހާރު 17 ރުފިޔާގައި ހިފެހެއްޓިފައިވާއިރު، މިކަން ވެގެންގޮސްފައިވަނީ އެތައް މުޒާހަރާއެއް އަދި ގިނަ ބައެއްގެ ހިތްހަމަނުޖެހުންތަކަށްފަހުއެވެ.
މަސްވެރިކަމުގެ ސިނާއަތު ކުރިއަރައިގޮސްފައިވާކަމުގެ ހެކިތައް ފެނެއެވެ. މިފްކޯއިންވަނީ އައްޑޫގައި ގާއިމު ކުރި ފިޝިންގް ކޮމްޕްލެކްސްވެސް މަސައްކަތްތައް ކުރެވޭ ހާލަތައް ގެނެސް ހިދުމަތްތައް ދޭން ފަށާފައެވެ. އެހެން ނަމަވެސް އެތަނުގައި އަދިވެސް މަސްކިރުމަށް ދަތިތަކެއް ހުރެއެވެ. އެގޮތުން ބޯޓު ފަހަރު ކައިރި ކުރުމަށް ހުރި ދަތިތައް ހައްލު ކުރުމަށް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އާއި އެކު މަސައްކަތްތަކެއް ކުރަމުންދާކަން މިފްކޯއިންވަނީ ހާމަކޮށްފައެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުނުކޮށްދިނުމަކީވެސް މިހާރުގެ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހުރި 14 އައިސްޕްލާންޓެއްވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.
މަސްވެރިންނަށް އެކަން ކުރުމުގައި އިތުރު ލުއިތަކެއް ހޯދައިދުނުމުގެ ގަސްތުތައް މި ސަރުކާރުގެ ހުރިކަމަށް ހާމަކޮށްފައިވެއެވެ. ސައުދީ ފަނޑުގެ ދަށުން 97 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އަދި އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުގެ 5.13 މިލިއަން ޑޮލަރު އެލޮކޭޓުކޮށްފައިވަނީ މަސް ދޯނި ފަހަރުގައި އާރްއެސްޑަބްލިއު ފިނި ކުރާ ނިޒާމު ގާއިމު ކުރުމަށެވެ. ސަރުކާރުގެ އަމާޒެއްކަމަށް ބުނަނީ 200 މަސް ދޯންޏެއްގައި ފިނި ކުރެވޭ ނިޒާމު ހަރުކުރުމެވެ.
މިފްކޯއިން މަސްކިރަމުންދާ ކެޕޭސިޓީ އިތުރު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ފެސިލިޓީތައް ތަރައްގީކޮށް، މަސް ކިރޭ އަދަދާއި ފިނި ކުރެވޭ އަދަދުގެ އިތުރުން ދަޅު މަސް އުފައްދާ މިންވަރުތައް އިތުރު ކުރުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ. މި މަސައްކަތްތައް ވަކި މިންގަނޑަކަށް ކުރިއަށް ގޮސްފައިވާއިރު، ދިވެހި މަސްވެރިން ބާނާ މަސް ނުކިރި ލަސްވުމުގެ ސަބަބުން ހަލާކުވެ ކަނޑަށް އަޅާލަން ޖެހުމުން މިއީ ފުއްދިފައިނުވާ ވައުދެއް ކަމަށް ބުނެވިދާނެއެވެ.
މި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައިވާ އެންމެ ރަނގަޅު އެއްކަމަކީ ދޮށީ މަސްވެރިންނަށް އުޅަނދުތަކަށް އަޅާ ދީސެލް އަށް ޑިއުޓީ ކަނޑާލުމެވެ. އެގޮތުން މިކަމުގެ މަންފާ ރެޖިސްޓާރ ކުރެވިފައިވާ 359 ދޯންޏަކަށް ލިބެއެވެ. ސިނާއަތު ފުޅާ ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން މެރިކަލްޗާގެ އުސޫލު ތައާރަފްކޮށް އެކަމުގެ ބައެއް މަސައްކަތްތައްވަނީ ކުރެވިފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާ ކުރުމަށާއި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ޖުމުލަ ގޮތެއްގައި ކުރެވިފައިވާ އިރު، އެންމެ ފާހަގަކުރެވިގެންދާ އެއްކަމަކީ މަސްވެރިންގެ ޝަކުވާތަކުގެ އަޑުތައް ކެނޑިގެން ނުދާކަމެވެ. ގިނަ އަދަދެއްގެ މަސްވެރިން މަސްކިރުމުގައި ދަތިތައް ދިމާވެ އެކަމާއި ނުރުހުން ފާޅު ކުރަމުންދާއިރު ގިނަ އަދަދެއްގެ މީހުން އައިސް ލިބުމުގައި ދަތިތައް ކުރިމަތިވާ ވާހަކަތައްވެސް ހިއްސާ ކުރެއެވެ. އަދި މިއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ މައި ލޭނާރު ކަމަށް ބުނާ ސިނާއަތު ކަމަށްވުމުން، މިއަދު ޖީޑީޕީގެ ނިސްބަތުިން ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދާ ދާއިރާގެ ގޮތުގައި ވެފައިވުމުން، ސިނާއަތު އެކަށީގެންވާ ވަރަށް ކުރިއަރައިގޮސްފައިވާކަމަށް ބުނުން ވެގެންދަނީ ދަތިކަމަކަށެވެ.

