2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ-19 ގެ މެނިފެސްޓޯގައި ވާ ގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރެވޭޖީ ފަނޑިޔާރުން ޖަވާބްދާރީ ކުރުވާ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރެވިގެންނެވެ. ނަމަވެސް ދައުރު ނިމެން އަހަރަކަށް ވެ، ވެރިކަމުގައި ތިބެ ”ކާމިޔާބީތައް“ ފާހަގަކުރާނެ އެންމެ ފަހު ”ނޮވެމްބަރު 17“ އާއި އެކު ސުވާލަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މަސައްކަތެއް ކުރިތޯ އެވެ. ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ގާއިމު ކުރެވުނު ތޯ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލު ކުރުން ހިމެނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގަ އެވެ. ސުލޫކީ މައްސަލަތަކާއި، އަދި އެ ނޫންވެސް ތުހުމަތުތަކެއް ކުރެވޭ ފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ވައުދުވި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު، އަލީ ވަހީދުގެ ޝަރީއަތް ކޯޓުގައި ފަށާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ އޭނާއަށް ދިން ގާޒީ ހަސަން ސައީދު މަތީން އެންމެން ވެސް ހަނދާން ހުންނާނެ އެވެ. މި ދެންނެވި ހަސަން ސައީދަކީ ދިވެހި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަށާއި އާއްމުންނަށް ހުޅުވާލައި ލައިވްކޮށް އޭނާގެ މައްސަލައެއް ޖޭއެސްސީން ކުރިޔަށް ގެންދިޔަ މަންޒަރު ގެނެސްދެވުނު ބޭފުޅެކެވެ.
މަގާމުން އެކި ގާޒީންނާއި، ފަނޑިޔާރުން ބާރު ސްޕީޑެއްގައި ވަކި ކުރަމުން ގޮސް ގާޒީ ހަސަން ސައީދާއި ހަމައިން ޖޭއެސްސީން އޭނާގެ ބުރަކަށީގައި ފިރުމާލުމަށް ފަހު ދިނީ ޕްރޮމޯޝަނެކެވެ. ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވަމުން، ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތު ފަނޑިޔާރު ހަސަން ސައީދަށް ކުރެވުނެވެ. މީޑިއާތަކާއި، އާއްމުންނަށް ހުޅުވާލައިގެން އެ ”ތަހުގީގު“ ކުރިޔަށް ގެންދިއުމަށް ފަހު ޖޭއެސްސީން ނިންމީ ހަސަން ސައީދު ފަނޑިޔާރުކަމުން ވަކި ކުރާށެވެ.
އޭގެ ފަހުން ކުއްލިއަކަށް އޭނާއަށް ދޭ އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރާކަމަށް މީޑިއާތަކަށް އެންގި އެވެ. އުފުލަންޖެހޭ ޒިންމާއާއި، ދަރަޖައަށް ބަލާނަމަ މިއީ ދިން ޕްރޮމޯޝަނެއްކަމަށް ބުނެ ނޫސްވެރިންނާއި ގާނޫނީ އެތައް ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.
ކްރިމިނަލް ކޯޓުގައި މުސާރަ އާއި އިނާޔަތްތައް ފެމިލީ ކޯޓަށް ވުރެ މަތިވާނެ އެވެ. އެ ނިންމުމާއި އެކު ޖޭއެސްސީގެ އެހެން ނިންމުމެއްގައި ވަނީ ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ބެލުމުގައި މެދުވެރިވި ހުރަސްތައް ނައްތާލެވިފައި ނުވަނީ ގާޒީ ހަސަން ސައީދު އަމަލުކުރެއްވި ގޮތުން ކަން ވެސް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.
މިއީ ދޭ އަދަބެއް، ނުވަތަ ޑީމޯޝަނެއްގެ ގޮތުގައި ޖޭއެސްސީން ކަނޑައެޅި ގޮތެއް ސާފެއް ނޫނެވެ. ހަސަން ސައީދުގެ އިތުރު މައްސަލައެއް އަނެއްކާ ވެސް އޮތީ ޖޭއެސްސީގަ އެވެ. އެއީ ސީލައިފް ގްލޯބަލްގެ އަހުމަދު މޫސާ (އައްމަޓީ) ގެ އާއިލާގެ ދެ މެމްބަރަކު ޖާމިނުކޮށް އޭނާ ދޫކޮށްލި މައްސަލައިގަ އެވެ.
ޖޭއެސްސީ ބަދަލު ކުރަންޖެހޭ ކަމާއި، ޖޭއެސްސީއަކީ ކޯޓުތަކަށް އަތް ބާނަން ގެންގުޅޭ ބައެއްގެ ގޮތުގައި ހަރު އޮޑުން ގޮވީ އެމްޑީޕީ އެވެ. އޭރު ބުނަމުން އެއީ އެ ޕާޓީގެ ވެރިކަމެއްގައި ޖޭއެސްސީއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެކަން ނުވެ މިއަދާއި ހަމައަށް ސަރުކާރު ފިނިހަކަ ސްޕީޑެއްގައި ކުރިޔަށްދާއިރު ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ ކޮމިޝަނަށް ގެންނަން ޖެހޭ އިސްލާހުތައް ތަންފީޒު ކުރެވޭނެ ކަމަށެވެ
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ގިނަ ނުފޫޒުތަކެއް ފޯރުވާފައި އެބަހުއްޓެވެ. ފާއިތުވެ ދިޔަ އެކި އަހަރުތަކުގައި ގިނަ މީހުންނަށް ކުރެވިފައިވާ ތުހުމަތުތަކެއް ވެސް އެބަހުއްޓެވެ. ވަކި މީހަކު ބޭނުންވާ ގޮތަކަށް ހުކުމްތައް ނެރުމާއި، ނަޒާހަތްތެރިކަމާއި މެދު އުފެދޭ ސުވާލުތަކާއި އެކު މަގާމުން ވަކި ކުރި ފަނޑިޔާރުންގެ އަދަދު މަދެއް ނޫނެވެ. މިއީ ނުހިނގާކަމެއްގެ ގޮތުގައި، ބަޔަކު ދައްކަން މަސައްކަތް ކުރި ނަމަވެސް މިއީ ޒަމާނުއްސުރެން ފެށިގެން ކަން ހިނގަމުން އައި ގޮތެވެ.
ގާނޫނުގައި ފަހަރެއްގައި ޝަރުއީ ދާއިރާ އެއީ މިނިވަންވާންޖެހޭ ދާއިރާއެއްގެ ގޮތުގައި ލިޔެފައި އޮވެދާނެ އެވެ. ނަމަވެސް އެއީ އިބާރާތް ރީތި، ދުލުން ބުނެލަން ފަސޭހަ ބަހެކެވެ. ޝަރުއީ ދާއިރާގެ ގިނަ ނިންމުންތަކާއި މެދު އުފެދޭ ސުވާލުތައް އެބަހުއްޓެވެ. ދޭތެރެއަކުން މި އަޑު ގަދަވެފައި، މަޑުވަނީ ކޮންމެވެސް އެހެން އާ ކަމަކާއި ދިމާވެގެންނެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މަސައްކަތް ކުރެވުނުކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. އެ ވިދާޅުވާ އުސޫލުން މަސައްކަތް ކުރެވުނު ނަމަ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވީހެވެ. ކޯޓުން އިއްވާ ހުކުމްތަކަށް ރައްޔިތުންގެ މަޖިލީހުން ބަސް ބުނެ، އެ ހުކުމްތައް ރިވިއު ކުރުމަށް ވެސް ވިދާޅުނުވީހެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމު އޮތްގޮތަކީ ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލް ވެސް މައްސަލައެއް ނާކާމިޔާބު ވާ ހިސާބުން ޓްވީޓުތަކެއް ކުރެއްވުމެވެ. ކޯޓުގެ ނިންމުމަށް ނުސީދާ ފާޑުކިއުންތަކެއް އަމިއްލަ ބްލޮގުގައި ލިޔުއްވުމެވެ. މިފަދަ އެތައް މަންޒަރެއް ދަންނަނީ ފެންނަމުންނެވެ.
ސަރުކާރަށް ހަތަރު އަހަރުވާން މަދު ދުވަސްތަކަށް ވުމުން، ބަޔާނެއް އާއްމު ކުރުމަށް ފަހު ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން ހާމަކުރި އެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު މިހާރު މަސައްކަތް ވީ ހިސާބެއް ނޭނގެ އެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މި މަހުގެ ފަހުކޮޅު ފާސް ކުރުމަށް ފަހު ދައުރު ނިންމާލައި މެމްބަރުން ޗުއްޓީއަށް ދާނެ އެވެ. މާނައަކީ، ދެން އިތުރު ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ވަގުތެއް ނެތްކަމެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމަކީ ގާނޫނަށް ގެންނަ އިސްލާހެއް ނޫނެވެ. މިއީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއްކަމަށްވުމާއި އެކު ބޮޑެތި ބަހުސްތަކެއް ހިނގައި ދިގުލައިގެން ގޮސް އެތައް މަޝްވަރާތަކެއް ކުރެވޭނެ އެވެ. އެހެންކަމުން އަންނަ އަހަރު ބިލު ހުށަހެޅިޔަސް، ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ނޫން ގޮތަކަށް ބިލު ފާސް ވުން ނާދިރެވެ.
މިވެރިކަމުގައި ޖުޑިޝަރީ ދާއިރާއަށް ގެނައި ހަމައެކަނި ބަދަލަކީ، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ބެންޗު 05 އިން 07 އަށް ބަދަލު ކުރުމެވެ. އެއަށް ފަހު ސުޕްރީމް ކޯޓުގެ ދަށުން ހިންގި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ދަށަށް ބަދަލު ކުރުމެވެ.

