އިންތިހާބަކީ ގައުމަކަށް ބޮން އަޅައަޅާ އޮންނައިރުވެސް ކޮންމެހެންވެސް ބޭނުންކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގދ ތިނަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ”ސަންގުން“ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބޮޑު ހަރަދެއް ކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ކޮންމެހެންވެސް މުހިންކަމެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި ގައުމަކަށް ”ބޮން އަޅައަޅާ“ އޮތް ނަމަވެސް އިންތިހާބު ބޭއްވުން މުހިންމުވާނެކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި އިންތިހާބަކީ ގައުމަކަށް ބޮން އަޅައަޅާ އޮންނައިރުވެސް ކޮންމެހެންވެސް ބޭނުންކަމެއް“
ރައީސް ނަޝީދު ވިދާޅުވީ ”ކިރިޔާވެސް ބަނޑަށް އެއްޗެއް ލެވޭނެ ހާލަތުގައި“ އޮތްނަމަ ބަލަން ޖެހޭނީ ”އަނެއް ބަތް ސުވާ ދޭނީ ކާކުތޯ“ ކަމަށެވެ. އަދި އިންތިހާބުން ނިކުންނަ ނަތީޖާއަކީ އެއީކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ނަތީޖާ ސާފުކޮށް ނުފެނި ގައުމުތަކުގެ ހާލަތު ގޯސްވެގެެން ގޮސް ދަރަނީގެ މައްސަލަތައް ފެންމަތިވުމުން ނިކުނާނީ ޕޮލިޓިކަލް ލެޖިޓިމިސްޓިކް މައްސަލަކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ހައްލަކީ އިންތިހާބު ބޭއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ލެޖިޓިމެސީގެ މައްސަލައެއް ދަރަނީގެ ތެރޭގައި އޮވެއްޖެއްޔާ ބަނގުރޫޓުވަމުންދާ ހާލުގައި ރައީސުލްޖުމްހުރިއްޔާގެ ލެޖިޓިމެސީ ގެއްލިއްޖެއްޔާ އެއީ އިންތިހާބީ ކަންކަމާއި ގުޅިގެން ގެއްލޭނީ“
ލެޖިޓިމެސީގެ މައްސަލައެއް ދަރަނީގެ ތެރޭގައި އޮތް ހާލަތެއްގައި ރައީސުލްޖުމްހުރިއްޔާގެ ލެޖިޓިމެސީ ގެއްލިއްޖެނަމަ އެއީވެސް އިންތިހާބީ މައްސަލައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނަށް ފެނިލައްވާ ގޮތުގައި މި މަގުން ކަންތައްތައް ހިނގައިފިނަމަ ކަންތައްތައް މާ ގޯސް ވާނެކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، މިފަދައިން ކަންތައް ހިނގައިދިޔަ ގައުމުތަކުގެ މަޝްރަހު މާ ބޮޑަށް ގޯސްވެގެން ގޮސްފައިވާކަމަށެވެ.

