ރިޔާސީ އަދި ބަރުލަމާނީ ނިޒާމްގެ ނަމުގައި ވޯޓެއް ނެގުމަށް ޕާޓީއަށް މަޖުބޫރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅު ބޭފުޅުން ޕާޓީގެ އުސޫލާ އެއްގޮތަށް ކުރިމަތިލައްވާ ކެމްޕޭން ކުރެއްވުމަށެވެ.
ރިޔާސީ ބަރުލަމާނީގެ ނަމުގާ ވޯޓެއްނަގަން ޕާޓީ އަށް މަޖްބޫރެއް ނުކުރެވޭނެ ރިޔާސީ ޕްރައިމަރީގާ ވާދަކުރައްވަން ބޭނުންފުޅު ބޭފުޅުން ޕާޓީ ގެއުސޫލާއެއްގޮތަށް ކުރިމަތިލައްވާ ކެމްޕޭންކުރައްވާ، pic.twitter.com/va2ocj5sox
— Moosa Maniku (Reeko) (@ReekoMoosa) December 2, 2022
ބެލެވޭ ގޮތުގައި މޫސަގެ ޓްވީޓް އަމާޒުކުރައްވާފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.
މޫސަ އަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ގޮވާލާ ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅެކެެވެ. މޫސަ އެމްޑީޕީ އާ ގުޅިފައިވަނީ ހުސްވި މަހުގެ ތެރޭގައެވެ. އެމްޑީޕީ އާ ގުޅުމުގެ ކުރިން ވެސް މޫސަ ގެންދަވަނީ ރައީސް ސާލިހް އާ އެކު ބައްދަލުވުންތައް ބާއްވަވައި އެމަނިކުފާނަށް ތާއީދުކުރައްވަމުން ކަން ފާހަގަކޮށްލެއެވެ.
މޫސަ އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ އަކީ އެންމެ ދެމީހެއްގެ އެކަނި ކަމެއް ނޫން ކަމަށާއި އެއީ ލައްކަބައެއްގެ މަސައްކަތް ކަމަށެވެ. އަދި އެމްޑީޕީ އަކީ ވަކިބަޔަކަށްޓަކައި ދޫކޮށްލެވެން ނެތް ޕާޓީއެއް ކަމަށާއި އެ ޕާޓީ އަކީ އެތައް ބައެއްގެ ހައްގެއް ކަމަށެވެ.
އެއްމެ މީހެއް ދެމީހެއްގެ އެކަނި ކަމެއްނޫން MDP އަކީ މީ ލައްކަ މަސައްކަތް ވަކި ބަޔަކަށްޓަކާ ދޫކޮށްލެވެން ނެތް އެތަށްބައެއްގެ ޙައްގެއް މިޕާޓީ އަކީ pic.twitter.com/F4ChT11mm3
— Moosa Maniku (Reeko) (@ReekoMoosa) December 2, 2022
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަކަށް ދިއުމުގެ ކުރިން ޕާޓީއިން ވީ ވައުދު ފުއްދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ވައުދަކީ ނިޒާމީ ވޯޓެއް ނެގުމުގެ ވައުދު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި އާއްމު ފަރާތަކުން ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ އިން އެއްބަސްވެފައިވަނީ ނިޒާމީ ވޯޓެއް ނެގުމަށް ކަމަށާއި އަދިވެސް އެކަން އޮތީ ނުކުރެވިކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީ ތަކާއެކު ވެވުނު އެއްބަސްވުމުގައި ވެސް ނިޒާމީ ވޯޓެއް ނެގުމާއި ބެހޭ ވާހަކަ ހިމެނިފައިވާ ކަމަށާއި އެކަމަށް ޕާޓީ ތަކުން ތާއީދު ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވަން ފައްޓަވާފައިވަނީ އެމްޑީޕީގެ ކޮންގްރެސްގައެވެ. އެގޮތުން ކޮންގްރެސް އަށް އެމަނިކުފާނު ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ ވޯޓް ނެގުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ފަހުން ވިސްނުމަށް ކަމަށް ވިދާޅުވެ ކޮންގްރެސް ނިމުނުއިރު އެއިސްލާހު ވަނީ އަނބުރާ ގެންދަވާފައެވެ.
ދާދި ފަހުން ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމަނިކުފާނު ވަނީ ގދ ތިނަދޫ އަށް ވަޑައިގެން ބަރުލަމާނީ ނިޒާމް ގެނައުމުގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

