ތިނަދޫ ދަތުރާއި ޕްރައިމަރީ އާ ގުޅުން އޮތް ކަމަށާއި މީހުން މަދުވީ ސަރުކާރުގެ ފިއްތުންތަކާ ހުރެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިނަދޫ ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މައުލޫމާތު ލިބުނުގޮތުގައި ސަރުކާރުން ބުނެގެން ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް ބޭފުޅުންނަށް މާލެ އަންނަން އެންގެވި ކަމަށެވެ. ނަމަވެސް ތިނަދޫ އަކީ 12 ހާހެއްހާ މީހުން އުޅޭ ރަށެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ބައެއް ބޭފުޅުން ރަށުން ބޭރަށް ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދަށް އެނގުން ވާނެ ގޮތެއް އެމަނިކުފާނަށް ފާހަގަ ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ދަތުރުތަކާއި ޕްރައިމަރީ އާއި ގުޅުން ހުންނާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރާ މީހެއް ކަމަށާއި ވުމާއެކު ކުރިއަށް ހުރި އިންތިހާބުތަކާމެދު ވިސްނާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޕްރައިމަރީ އަކަށް ދިއުމުގެ ކުރިން އެމްޑީޕީ އިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންނަށް ވައުދު ވެފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ނުކުރެވި އަލުން އަނބުރާ ރައްޔިތުން ކައިރިއަށް ދިއުމަކީ ރަނގަޅު ގޮތެއް ނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ކުރަންވި ކަމަކީ ފެންނަ ނުފެންނަ ވޯޓް ނެގުން ކަމަށެވެ. ސަބަބަކީ ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ނިޒާމް ބަދަލުވެއްޖެ ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނުޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ދާދި ފަހުން ގދ ތިނަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެމްޑީޕީ އިން ގެންނަން ބޭނުންވާ ނިޒާމް ކަމަށެވެ. އަދި ނިޒާމީ ވޯޓަކީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.

