ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު، ނަޝީދަށް: އުކުޅަސް ކޮންގްރެސްގައި ވެސް ބަރުލަމާނީ ނިޒާމަކަށް އެއްބަހެއް ނުވަން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީން 2018 ގައި އއ. އުކުޅަސްގައި ބޭއްވި ކޮންގްރެސް އާއި ޕާޓީގެ މެނިފެސްޓޯގައި ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެއްބަސްވެފައި ނުވާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ވެރިކަމަށް އައުމަށް މެނިފެސްޓޯ އެކުލަވާލައި ކުރިޔަށް ގެންދިޔަ ކެމްޕެއިންތަކުގައި އިންތިގާލީ ވެރިކަމެއް އެކުލަވާލާ ވާހަކަ ދެކެވުނެވެ. އެއީ ދޮޅު އަހަރު ދުވަހަށް ފަހު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ބެހޭ ވޯޓެއް ނަގައި ބަރުލަމާނީއަކަށް ބަދަލު ކުރުމުގެ މަސައްކަތްކަމަށް ޖަގަހަ ޖަލްސާތަކުގައި މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރު އުފެދި ދޮޅު އަހަރުވުމަށް ފަހު ވެސް ވާހަކަ ދެކެވުނު ގޮތަށް ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދާތީ ރައީސް ނަޝީދު އެ ވާހަކަ ދައްކަވަން ފެށި އެވެ. ރާއްޖޭގައި އެތައް އަހަރު ދުވަހެއް ވީ ގާނޫނު އަސާސީ ތަންފީޒު ނުކުރެވެނީ އެ ސަބަބާއި ހުރެކަން ފާހަގަކޮށް، ރައީސް ނަޝީދު ވިދާޅިވީ މައްސަލައަކީ މަސްހުނިވެފައިވާ މި ނިޒާމު ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި، މިހާރު މި އުފެދޭ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރުމާއި ޖިނާއީ ކުށްތަކަށް އަދަބު ދިނުން ލަސްވެގެން އުޅޭކަށް ނުޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ޖެހުނު ސިޔާސީ މައްސަލަތަކުގައި ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ. އަދި ސަރުކާރު ރަނގަޅަށް ނުހިންގޭކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ ހުރި ހިތްހަމަނުޖެހުންތަކަށް ހައްލު ގެނެވެން އޮތީ ބަރުލަމަނީ ނިޒާމަކުންކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ހުށަހެޅުއްވީ 2023 ގެ ރިޔާސީ އިންތިހާބުގެ ބަދަލުގައި ނިޒާމު ބަދަލު ކުރުމުވެ ވޯޓެއް ބާއްވާށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ މަސައްކަތްތައް ވެސް ފައްޓަވާފައިވާ ރައީސް ނަޝީދު، މަޖިލީހުގެ އާސްކް ސްޕީކާ ޕްރޮގްރާމުގައި އާއްމުންގެ ސުވާލަކަށް ވިދާޅުވީ 2018 ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީން ވީ އެންމެ ބޮޑު ވައުދަކީ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނެގުން ކަމަށެވެ. އަދި އެ ވައުދު ނުފުއްދައި، ނުވަތަ އެ މަގު ނުހޯދައި ރިޔާސީ ކެނޑިޑޭޓަކު ޕާޓީން ދެއްކުމަށް ޕްރައިމެރީ އެއް ބޭއްވުމުގެ ވާހަކަ އާއްމު މެމްބަރުން ކައިރީ ދެއްކުން ރަނގަޅު ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމާއި މެދު ސަރުކާރާއި ދެމެދު ހުރި ހިޔާލުތަފާތުވުންތަކައް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމުގެ ވާހަކަ އޮންނާނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް ޓިކެޓު ލިބިވަޑައިގަތީ އެ މެނިފެސްޓޯގެ ދަށުންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު އެ ވިދާޅުވާ ގޮތަށް މެނިފެސްޓޯ ތަންފީޒު ނުކުރަނީ ތޯ ސުވާލު ކުރުމުން، ސަރުކާރުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ އެމަނިކުފާނު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްކަމަށެވެ. އަދި ތަންފީޒު ކުރައްވަނީ 2018 ގެ އިންތިހާބުގައި އާއްމު ކުރެއްވި މެނިފެސްޓޯކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައްޔިތުންނަށް ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް ކަށަވަރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މެނިފެސްޓޯގައި ނިޒާމުގެ ވާހަކަތަކެއް ނެތްކަން ފާހަގަކޮށް މިއުވާން ވިދާޅުވީ. 2018 ގެ ކޮންގްރެސްގައި ވެސް އެފަދަ އެއްބަސްވުމެއް ވެސް ވެފައި ނުވާނެކަމަށެވެ.

މި އަހަރުގެ ކޮންގްރެސްގައި ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ބަރުލަމާނީ ގަރާރު އަނބުރާ ގެންދިޔައީ މަޝްވަރާތަކެއް ކުރުމަށްކަމަށް ވާތީ އެކަމަށް އެއްވެސް ވާހަކަތަކެއް ދެކެވުނު ތޯ ސުވާލު ކުރުމުން މިއުވާން ވިދާޅުވީ މި އަހަރުގެ ކޮންގްރެސްގައި ވެސް ނިޒާމު ބަދަލު ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ނިޒާމާއި މެދު އުފެދުނު ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށްލީ، އެކަމަށް ވާހަކަތައް ދެއްކުމަށް އެއްބަސްވެގެންކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުން ތަންފީޒުކުރަމުން މިއަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ. އެމެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން އަޅުގަނޑުމެން ވައުދުވި ކަންތައް މިދަނީ ކުރަމުން. ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް މިދަނީ ކަށަވަރުކޮށްދެމުން. އެމެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް. 2018ގެ ކޮންގްރެސްގައެއް ނިޒާމީ ވޯޓަކަށް ދާން އެއްބަސްވެފައެއް ނުވާނެ. އަދި މިއަހަރުގެ ކޮންގްރެސްގަވެސް ނިޒާމީ ވޯޓަކަށް ދާކަށް އެއްބަސްވެފައެއް ނެތް. ނިޒާމީ ވޯޓާމެދު އުފެދުނު ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށްލީ އެކަމާ މެދު ވާހަކަ ދައްކަން އެއްބަސްވެގެން. އެއް ގޮތަކަށްވެސް ވަކި ކަމަކަށް ނުވަތަ ވަކި ގޮތަކަށް ނިޒާމްގެ ވޯޓު ނަގަން އެއްބަސްވެގެންނެއް ނޫން.

ނިޒާމު ބަދަލު ކުރުމަށް މެނިފެސްޓޯގައި ހިމަނާފައި ނުވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، ކެނޑިޑޭޓެއް ދައްކައި ކެމްޕެއިންތައް ފެށުމުގެ ކުރިން އާއްމު ކުރި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ބޮޑުވަޒީރެއްގެ ގެނައުމުގެ ވާހަކަ އެބައޮތެވެ. އެއީ ގެންނަ ސަރުކާރެއްގައި ބޮޑުވަޒީރަކާއި، މަޖިލީހަށް ހޮވޭ މެމްބަރުންގެ ކެބިނެޓު ވަޒީރުން ތިބޭ ނިޒާމެއް ގާއުމު ކުރުމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ވައުދުތަކުގެ ތެރޭގައި، ނިޒާމު ބަދަލު ކުރުން ހިމަނާފައި ނެތެވެ.

މީގެއިތުރުން ކޯލިޝަން ޕާޓީތައް ހިމެނޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ސީދާ ބަރުލަމާނީ ނިޒާމުގެ ވާހަކަ ނެތް ނަމަވެސް އޮތީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯ އާއްމުކުރީ، އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގަ އެވެ. އަދި ބައްދަލުވުމުގައި، ކެމްޕެއިނަށް ހުށަހަޅާ މެނިފެސްޓޯ އާއްމު ކުރި އެވެ. ކޮންގްރެސްގައި ވާހަކަ ދެއްކެވި ބޭފުޅުން ވެސް ދޮޅު އަހަރުގެ އިންތިގާލީ ވެރިކަމެއް ގާއިމު ކުރާ ވާހަކަ ދެއްކެވި އެވެ.

ރައީސް ނަޝީދު ނިޒާމު ބަދަލު ކުރުމަށް ހުށަހެޅުއްވުމުން، އެކަމަށް ދެކޮޅު ހަދައި ރައީސް ސޯލިހު ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަންވީ ވަގުތު ނޫން ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށްވާއިރު، ރައްޔިތުން ބޭނުން ވަނީ ސަރުލާރުގެ ވައުދުތައް ފުއްދައި ދައުލަތް ރަނގަޅަށް ހިންގުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: