ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުތުފަރުގެ މަރުގެ މައްސަލައިގައި ހުލާސާ ބަޔާން އިއްވައި ހުކުމަކާއި ހަމައަށް!

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިން ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަން ފެށިތާ 15 ދުވަސް ފަހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާގެ ހުލާސާ ބަޔާން އިއްވައިފި އެވެ.

ލުތުފަރު ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ގަ އެވެ. އަދި ”ކުރިމަގު 1 ބޯޓު“ ގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ލުތުފަރާ ގުޅޭގޮތުން ފުރަތަމަ ހުށަހެޅީ ވީނުވީއެއް ގެއްލުނު މައްސަލައެކެވެ. ލުތުފަރު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް، އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ ކަނޑުގެ އަޑީންނެވެ. މިއީ 2019 ވަނަ އަހަރު، ރާއްޖޭގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް ގަތުލުއަށް ވެގެންދިޔައެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގަލަދޭޝްގެ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހުތަރު ހޮސައިންގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ކުށް ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައި ވެއެވެ.

ދައުލަތުން ބިދޭސީންނާއި ދެކޮޅަށް 14 ޝަފަވީ ހެއްކަކާއި، 07 ކިތާބީ ހެއްކެއް ހުށަހެޅާފައި ވެއެވެ. އޭގެ އިތުރުން ޅައިގަމުގައި އުޅޭ ބައެއް ބިދޭސީން އެ މީހުންނާއި ދެކޮޅަށް ދީފައިވާ ބަޔާންތައް ހުށަހެޅިއެވެ. އަދި މި މައްސަލައިގެ ކްރައިމް ސީން ތިން ބިދޭސީން ވެސް ކުޅެދީފައިވާތީ، އެކަމާއި ގުޅޭގޮތުން ފުލުހުން ދިން ބަޔާން ވެސް ހުށަހެޅިއެވެ. އެއާއި އެކު ދައުލަތުން ވަނީ ބިދޭސީން ލުތުފަރު މަރާލިގޮތް ކިޔާދީ، އެ މަންޒަރުތައް ކުޅެދީފައިވާ ވީޑިއޯ ވެސް ހުށަހަޅާފައެވެ. މީގެ ތެރޭގައި އެ ބިދޭސީން ފުލުހުންނަށް ދިން ބަޔާނާއި، އެ މީހުންގެ ޑީއެންއޭ ރިޕޯޓު ހިމެނެއެވެ.

ދައުވާތައް ސާބިތު ކުރުމަށް އެރޭ ބަނދު ސަރަހައްދުގައި ތިބި ބަޔަކަށް ބޯޓު ތެރެއިން ޒުވާބު ކުރުމުގެ އަޑުތަކެއް އިވިފައިވާތީ އެ މީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. އަދި ފަހުން ބޯޓު ތެރެއިން އާދަޔާ ހިލާފު އަޑެއް އިވުނުކަމަށާއި އޭގެ ފަހުން މޫދަށް އެއްޗެއް ވައްޓާލި އަޑެއް އިވުނުކަމަށް ސާބިތު ކުރުމަށް ވެސް ހެކި ހުށަހަޅާފައި ވެއެވެ.

އެ އަޑު އިވުމުން، ބަނދަރުގައި ހުރި މީހަކު ބޯޓަށް އަރައި ވެގެން އުޅޭގޮތަކާއި މެދު ސުވާލު ކުރިކަމަށް ވެއެވެ.

މައްސަލައިގައި ހެކި ބަސް ދިން ބިދޭސީއަކު ވަނީ، ހާދިސާ ހިނގިކަމަށް ބުނާ ރޭ އޭނާ މަސައްކަތް ކުރާ ލޯންޗުގައި އުޅެނިކޮށް ކުރިމަގު ބޯޓުން މީހެއްގެ ހަޅޭކުގެ އަޑު ތިން ފަހަރަށް އިވުނު ކަމަށެވެ. ކުރިމަގު ބޯޓު ކައިރިއަށް އެ ބިދޭސީ މީހާ އަދި ލޯންޗުގެ ވެރި މީހާގޮސް އެއީ ކޮން އަޑެއްތޯ ސުވާލު ކުރުމުން އެ މީހުން މަޖާކޮށް ސަކަރާތްޖަހަނީކަމަށް ބުނިކަމަށް އޭނާގެ ހެކިބަހުގައި ބުންޏެވެ.

އޭގެ ފަހުން އަނެއްކާވެސް ބޯޓު ކައިރިޔަށް ދިޔަ މީހާއަކީ ބަނދަރު ސަރަހައްދުގައި ހުރި މީހެކެވެ. އޭނާ ވެސް ގޮސް ސުވާލު ކުރުމުން، ބޯޓުގައި ތިބި ބިދޭސީން ބުނީ ބޯޓުގައި މަޖާ ކުރަނީ ކަމަށެވެ. ނަމަވެސް ހެކި ބަސް ދިން މީހާ ވަނީ އެ އަޑު ސަކަރާތް ޖެހުމުގެ އަޑާއި ވައްތަރު ނޫންކަން ފާހަގަކޮށްފަ އެވެ.

ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރި އޮފިސަރުގެ ހެކި ބަހުގައި ބުނީ، ފުލުހުންގެ ޑައިވަރުން ބިދޭސީން ބުނި ސަރަހައްދަށް ދެ ފަހަރެއްގެ މަތީން ފީނާފައިވާކަމަށާއި އެގޮތުގެ މަތީން އިންސާނެއްގެ ކަށިތަކެއްކަމަށް ބެލެވޭ ޒާތުގެ ކަށިތަކެއް ކަނޑުގެ އަޑީން ފެނުނު ކަމަަށެވެ. އެ ކަށިތައް ދިރާސާކޮށް، ޑީއެންއޭ ރިޕޯޓު ތައްޔާރު ކުރި އޮފިސަރުގެ ހެކިބަހުގައި ވިދާޅުވީ ލުތުފަރުގެ މަންމަ އާއި ބައްޕަގެ ޕްރޮފައިލާއި އަޅާ ކިއުމުން ޑީއެންއޭ ދިމާވާކަމަށާއި އެއީ އެ ދެމީހުންގެ ދަރިއެއްގެ ކަށިތަކެއްކަން ކަށަވަރު ކުރެވުނު ކަމަށެވެ. އަދި އެކަން އިތުރަށް ސާބިތުކޮށް ކަށަވަރު ކުރުމަށް، ލުތުފަރުގެ ދަރީންގެ ޕެޓާނިޓީ ތަހުލީލެއް ކުރިޔަށް ގެންދިޔަކަމަށާއި އެ ނަތީޖާތަކުން ވެސް ސާމްޕަލްތައް ދިމާވާކަމަށް އޭނާގެ ހެކިބަހުގައި ވިދާޅުވި އެވެ.

ލުތުފަރު މަރާލި ސަބަބެއްކަމަށް ބިދޭސިން ބުނެފައި ވަނީ، އެ މީހުންނާއި އެކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގަން އުޅުމެވެ. އަދި އެފަދަ ބައެއް ހާދިސާތައް ބިދޭސީން ފުލުހުންނަށް ކިޔާދިންކަމަށް ވެއެވެ. ޝަރީއަތް ދިގުލައިގެން ދިޔައީ ކުށަށް އިއުތިރާފުވުމަށް ފަހު، ފަހުން ބިދޭސީން އެކަމަށް އިންކާރު ކުރުމުން މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޯޓުން ބޭރުކޮށްލުމުންނެވެ. ބިދޭސީން ކުށަށް އިންކާރު ކުރީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށެވެ.

އެ މީހުން ކުށަށް އިންކާރު ކުރި ނަމަވެސް، ލުތުފަރު މަރާލުމަށް ފަހު އޭނާ ކަނޑުފެއްތިކަމަށް ބުނާ ސަރަހައްދު ބިދޭސީން ފުލުހުންނަށް ކިޔާދިނެވެ. ބިދޭސިން ލުފްތަރުގެ ނޭފާ ހާސްކޮށްގެން މަރާލުމަށްފަހު، ހަށިގަނޑުގައި ބަރެއް ޖެހުމަށްފަހު ކަނޑަށް ތިރިކުރީ އެވެ. އެހެންވެ އެ ސަރަހައްދު ބެލިއިރު 27 މީޓަރު އަޑީން ކަށިގަނޑަކާއި ވަކިން އޮތް ބޮލުގެ ނާށިގަނޑެއް ފެނުނެވެ. ބިދޭސީން ބުނީ ލުތުފަރު ކަނޑުފެއްތީ ގާއަޅައި ވާ އަސްސާފައިވާ ބަސްތާތަކާއި އެކު ބަނދަރާއި ދިމާލުން ކަނޑުގެ ބޭރު ސަރަހައްދަށް ކަމަށެވެ. ލުތުފަރުގެ ކަށިތައް ފެނިފައި ވަނީ އޭނާ ކަނޑުފެއްތިތާ 15 ދުވަސް ފަހުންނެވެ.

ލުތުފަރު މަރާލާފައި ވަނީ ބޯޓުގެ ވާތްފަރާތުން ދިރުނބާއާ ވީ ހިސާބުން ތައްޓު މަތީގައި ބޭއްވުމަށްފަހުއެވެ. އަދި ލުފްތަރު މަރާލުމުގައި ބައިވެރިވެފައި ވަނީ އަލަމިންނާއި ނޫރުލް އިސްލާމާއި އެމް.ޑީ އަހުތަރު ހުސެއިންކަމަށް ދައުވާގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: