ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހާޒްގެ ސުލޫކީ މައްސަލަ؛ ތުހުމަތު ކުރަނީ މިއީ އާރަށުގެ މައްސަލައަށް ވެސް ފޯރުވާ ނުފޫޒެއްކަމަށް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ނެރުނު ހުކުމަކާއި ގުޅިގެން، މައްސަލައިގެ ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ ފަނޑިޔާރު މަހާޒާއި ގުޅޭގޮތުން ތަހުގީގު ކުރަމުން ދާ މައްސަލައަކީ ހުކުމަކާއި ހަމައަށް އާދެވިފައި އޮތް ވ. އާރަށުގެ މައްސަލަށް ފޯރުވާ ނުފޫޒެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދޭން އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު ކެއުމެއް ގެނައި މައްސަލައިގައި މަހާޒްގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަން ކޮމިޝަނުން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ.

މަހާޒްގެ ސުލޫކީ މައްސަލައާއި ސުޕްރީމް ކޯޓުން ބާތިލު ކުރި ރައީސް ޔާމީންގެ ހުކުމާއި ގުޅުވައި ވާހަކަ ދެއްކި ނަމަވެސް އިދިކޮޅުން ރަސްމީ ސިފައެއްގައި މައްސަލައިގައި ވާހަކަ ނުދައްކަ އެވެ. ހުކުމް ބާތިލު ކުރިތާ އަހަރެއް ފުރުނު ދުވަހު، ޖުޑިޝަލް ސާވިސް ކޮމިޝަނުން މަހާޒުގެ ސުލޫކާއި ގުޅުން ހުރި ތަހުގީގުތަކެއް ކުރިޔަށް ގެންދާކަމަށް ހާމަކުރީ ކީއްވެގެން ތޯ އާއި އަދި ކޮމިޝަނުން މިހާ ލަހުން މައްސަލަ ބަލަން ފެށިކަން ހާމަކުރި ސަބަބާއި މެދު ދެކޭ ގޮތަކީ ކޮބައިތޯ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ އޭނާގެ ނަޒަރުގައި މިއީ މިހާރު ދަށު ކޯޓުގައި ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމަކާއި ހަމައަށް އާދެވިފައިވާތީ ފަނޑިޔާރުންނަށް ދައްކާ މަންޒަރެއް ކަމަށެވެ. މި މައްސަލައާއި ދަށު ކޯޓުގައި ކުރިޔަށް ދާ މައްސަލައާއި ގުޅޭ ހިސާބަކީ ޝިޔާމް ވިދާޅުވި ގޮތުގައި ހުކުމަކާއި ހަމައަށް އައިސްފައިވާ އާރަށުގެ މައްސަލައިގައި ވަކި ގޮތަކަށް ހުކުމެއް ނުނެރެފި ނަމަ އޭނާގެ މައްޗަށް ވެސް ކިތަންމެ އާދައިގެ ކަމަކާއި ގުޅުވައި ވެސް ތުހުމަތެއް ކުރެވިދާނެކަން ދެއްކުމެވެ.

“ހަގީގަތުގައި އަޅުގަނޑު ބުނާނީ ސަރުކާރު ހުރިހާ ގޮތަކުން ވެސް ގޮތް ހުސްވަމުން.. ގޮތް ހުސްވަމުން މިދަނީ… ސަރުކާރުން ކިތަންމެ ނުފޫޒެއް ފޯރުވިޔަސް މިއަދު ރައްޔިތުން އެބަ ގަބޫލު ކުރޭ މި ސަރުކާރު ނިމިއްޖެ ކަން..” ޝިޔާމް

ސަރުކާރުގެ ނުފޫޒު އެކި މުވައްސަސާތަކާއި އިދާރާތަކަށް ފޯރުވުމަށް މަސައްކަތް ކުރިނަމަވެސް ދައްކާ ބިރަކަށް ޖެހިލުންވާނެ ރައްޔިތެއް މިއަދު ނެތްކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ނަޒަރުގައި މި ސަރުކާރަކީ ފެއިލްވެ ނިމިފައިވާ ސަރުކާރެކެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން ބޭނުން ވެގެން އެކި މުވައްސަސާތަކާއި ފަނޑިޔާރު ގެތަކަށް އައްޔަނުކުރި ބޭފުޅުންނަށް ވެސް ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަމާއި ވެރިކަން އޮތީ ނިމިފައިކަން މިއަދު ގަބޫލު ކުރާކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް، ނުވަތަ އަންގާ ގޮތަކަށް ނާޖާއިޒް ފައިދާއެއް ނަގައިދެން އެ އިދާރާތުގެ ވެރިން އެއްބަސް ނުވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ، ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް، އެ ހުރިހާކަމަކަށް އެ މީހުން ނޫނެކޭ ބުނަމުން ދާކަމަށެވެ.

“އެއީ… އެކަކު ވެސް ބޭނުން ނުވާނެ ދެއްތޯ ނިމެމުން ދާ ސަރުކާރެއް.. ފެތެމުންދާ އޮޑިއެއް އަދި ދީއްލާލާ ހާ ދިމާލަކަށް ދާކަށް.. މި އޮޑީގައި ތިބި ބައެއްގެ ވާހަކަ ވެސް ގަބޫލު ކުރާނެކަމަށް އަޅުގަނޑެއް ނުދެކެން..” ޝިޔާމް

ރައީސް ޔާމީންގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރިތާ އަހަރެއްވީކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ޖޭއެސްސީގެ މެންޑޭޓަކީ ކޮބައިކަން އޮޅިފައިވާ ކަމަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނާއި ގުޅުވައި މިފަދަ ވާހަކަތަކެއް ދައްކަނީ، ކޮން އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްތޯ އޭނާ ސުވާލު އުފެއްދި އެވެ.

ޝިޔާމް ވިދާޅުވީ މަހާޒް މައްސަލައިގައި އާއްމު ކުރި ބަޔާނެއްގެ ހަބަރުތައް މީޑިއާތަކުން ފެނުނުކަމަށާއި، އެ ރިޕޯޓުތަކުގައިޝަރީއަތް ދިގުލައިގެން ދާނަމަ ކެއުންތައް އޯޑަރުކޮށްގެން ކޯޓަށް ގެންނަކަމަށް މަހާޒާއި ހަވާލާދީ ލިޔެފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެންމެން ވެސް ވަޒީފާތައް އަދާކުރާއިރު އެގޮތަށް އަމަލު ކުރާކަމަށެވެ. އެހެންކަމުން މައްސަލައެއް އުފެދޭނަމަ، ކޮމިޝަނުގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ފަނޑިޔާރުންނަށް ތަފާތު އެކި ތުހުމަތުތަކެއްކޮށް ވަކި ކަންކަމަށް މަނާ ކުރާތަން ވެސް ފެންނާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

“ތި ވިދާޅުވާހެން މީގެ އެއް އަހަރު ކުރިން… ބަތް ޕާރުސަލެއްގެ ވާހަކަ ޖޭއެސްސީން މި ދައްކަނީ.. ބަތް ޕާރުސަލަކަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު… އަޅުގަނޑު ހިތަށް އަރާ ޖޭއެސްސީ މިއީ ބަތް ޕާރުސަލުގެ މައްސަލަ ބެލުމަށް އޮތްތަނެއް ބާއޭ.. އަދި ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުގެ ވާހަކަ މިދައްކަނީ.. އަޅެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި އުޅެނީ ބަތް ޕާރުސަލެއް ނުލިބިގެން ތަ”

ޝިޔާމް ވިދާޅުވީ މި ލެވެލްގައި ކަންކަން ހިނގާނަމަ، އިދިކޮޅުން ވެރިކަމަށް އައިސް މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުގެއަށް އަތް ބޭނުމަށް ބޭނުން ކުރާތަނަކީ ޖޭއެސްސީ ކަމަށެވެ. އެހެންވެ، ޝިޔާމް ވަނީ ރައީސް މުހައްމަދު ނަޝީދު ވެސް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަނުގައި އިންނަވާއިރު އެކަމާއި ދެކޮޅަށް އަޑުއުފުލަށް ގޮވާލާފަ އެވެ.

“ފަނޑިޔާރުގެއަށް އަތް ބާނަނީ ހަމަ ޖޭއެސްސީ ބޭނުންކޮށްގެން..” ޝިޔާމް

ޖޭއެސްސީން ބުނާ ކެއުމަކީ ޝަރީއަތް ދިގުލައިގެން ދާތީ، ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުންނަށް އޯޑަރުކޮށްގެން ގެނައި ޕާރްސަލްތަކެއްކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އާއްމުކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދުވަހެއް ނަމަ އެއް ފަނޑިޔާރަކު ބިލު ދައްކާ ގޮތަށް ބެންޗުގެ އެހެން ބޭފުޅުންނަށް ކެއުން ގެންނަކަން މަހާޒް ފާހަގަކުރެއްވި އެވެ. މިއީ ހާއްސަ ކެއުމެއް ނޫންކަމަށާއި، ކެއުން ގެނައީ ކޮން ތަނަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް މަހާޒް ވިދާޅުވި އެވެ.

ސުލޫކީ މައްސަލައެއް އުފެދެން ޖެހޭ ޖާގައެއް ނެތްކަން ފާހަގަކޮށް، މި މައްސަލައިގައި މަހާޒް ނެރުނު ބަޔާނުގައި އެދިފައި ވަނީ ޖޭއެސްސީގެ ތަހުގީގު އާއްމުންނަށް ފެންނާނެހެން މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ. ނަމަވެސް މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދިއުމާއި މެދު ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މި މައްސަލައިގައި ޖޭއެސްސީން މަހާޒާއި ދެކޮޅަށް ބަޔާނެއް އާއްމުކޮށް ބުނީ، އެކި ފަހަރު މަތީން ދިން ފުރުސަތުގައި އެބާރުލުން ނުލިބުނީ އޭނާގެ ފަރާތުން ކަމަށެވެ. އަދި އެ ދުވަހު ކެއުމެއް ގެނައިކަން ޔަގީންކޮށް ދިނުން ފިޔަވައި އިތުރު ވާހަކައެއް ނުދައްކަވާކަމަށް ބަޔާނުގައި ވެއެވެ. ކޮމިޝަނުން ބުނެފައި ވަނީ މަހާޒްގެ ފަރާތުން މައްސަލައިގައި އެއްބާރުލުން ނުލިބުނަސް ވަކި މީހަކަށް ބެލުމެއް ނެތި ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: