ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވިދާޅުވަނީ މަސްވެރިންގެ ކަންބޮޑުވުން ހައްލުވާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައިކަމަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، ޝަކުވާތަކަށް އަންނަ އަހަރުގެ މެދަކަހާއި ހަމައަށް ހައްލު ކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގެންގުޅުނު، ބެޔަސް ނުބެޔަސް 10،000 ރުފިޔާގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިއައި އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނީ ގޭދޮށު މަސްފެކްޓްރީ ގާއިމު ކުރުމާއި މަހަށް ހަމަ އަގު ހޯދައި ދިނުމެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ ފިޝަރީޒް މިނިސްޓަރަކަށް ކޯލިޝަން ޕާޓީ، އެމްއާރުއެމްގެ ސްލޮޓުގައި ހުންނެވި ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލުކޮށް އެ މަގާމަށް އައްޔަނު ކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. ނަމަވެސް ހަތަރު އަހަރުގެ ތެރޭގައި ވެސް އޮތް އެންމެ ބޮޑު ޝަކުވާއަކީ އަދިވެސް މަސްވެރިންގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ގެނެވިފައި ނެތުމެވެ.

ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިން ޝަކުވާތަކާއި ކަންބޮޑުވުންތައް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. މި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައި ސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ. އެގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލު ވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމާއި، މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި، ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ މުހިއްމު ސަރަހައްދެއް ކަމަށާއި، އަދި ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއްކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ފިޝަރީޒް މިނިސްޓްރީއާ ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން، މަސްވެރިންގެ ފޯރަމަކާއި، ސްކޫލުކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ފިޝަރީޒް އެކްސްޕޯއެއް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: