މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެކުލަވާލި 2000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫއުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަހައްދުގެ މަޝްރޫއުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކޮށްފިއެވެ.
މި މަޝްރޫއުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ކައުންސިލްގެ 80 ވަނަ އާއްމު ރަސްމީ ޖަލްސާގައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވީ ދޮޅު އަހަރުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ. އަދި މުއިއްޒު ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ދިގުލައިގެން ދާތީ އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ އަދި ފަންނަީ މަސައްކަތްތައް ކައުންސިލުން ފެށުމަށް ނިންމި ނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެންހުރި މަރުހާތަކަށް ފަސޭހަ ވެގެންދާނމީ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދިނުމުން ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
ވުމާއެކު ލޭންޑް ޔޫސް ޕްލޭން އަވަސް ކުރުމަށް ޕްލޭނިންގ މިސިްޓްރީ އަށް އަދިވެސް ދަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލެ ހިޔާ ސިނަމާލެ ފްލެޓް މަޝްރޫއަކީ މަލޭ ސިޓީ ކައުންސިލްގެ މި ދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ހައުސިންގ ޔުނިޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ. އެގޮތުން މާލެ ހިޔާ ސިނަމާލެ ސަރަހައްދު އެއްކޮށް ތަރައްގީ ކޮށް ނިމޭއިރު 1300 ހައުސިންގ ޔުނިޓް އަޅައި ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭ ފްލެޓްތަކުގެ ތެރެއިން 60 އިންސައްތަ އަކީ ސޯޝަލް ހައުސިންގ އެވެ. ބާކީ އޮތް 40 އިންސައްތަ އަކީ މެދު ފަންތީގެ ބޯހިޔާވަހިކަމެވެ.

