ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމެނީ، އެމްއެމްޕީއާރުސީ އާއި ވެންޓިލޭޓަރު ހިޔާނާތް ސަރުކާރަށް ނުބެލުނު: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި. ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމިގެންދާއިރު ވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާއި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ފިޔަވަޅު އަޅައި ކުރި ދައުވާއެއް ފެންނަން ނެތްކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ފެށި މިހާރު އެންމެ ބޮޑަށް ކުރިޔަށް ދަނީ ދެ ލީޑަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރުމެވެ. މީގެ ކުރިން ވެސް ރައީސް ނަޝީދު އެކި ފަހަރު މަތީން، ރައީސް ސޯލިހަށް ފާޑުވިދާޅުވެ 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

ހިޔާނާތުގެ މައްސަލަތައް ނުބެލުމަކީ، ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން އެމްޑީޕީއަށް ވޯޓު ނުދޭނެ ސަބަބެކެވެ. އަދި ވެރިކަމަށް އައުމަށް ޕާޓީން ވީ ވައުދުތައް ނުފުއްދައި، ރައީސް ސޯލިހު ދެވަނަ ދައުރަކަށް ނިކުތުން ބުއްދިވެރިއެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމެރީއާއި އެކު، ކެމްޕެއިންތައް ފަށައި ކުރިޔަށް ދާއިރު ރައީސް ނަޝީދު މިއަދު ޓުވީޓެއް ކުރައްވައި ވިދާޅުވީ އެމްއެމްޕީއާރުސީ އާއި ވެންޓިލޭޓަރުގެ މައްސަލައިގައި ވީ ގޮތް ސާފުވާނީ އެކަން ހޯދައި ބެލުމުން ކަމަށެވެ. ފައިސާތަކަށް ވީނުވީއެއް އެނގޭނީ ޝަރީއަތް ހިންގައި ހުކުމް ކުރުމުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން މާގިނަ ދުވަހެއް ނެތްކަމަށާއި ނަމަވެސް އެއްވެސް ހިޔަނާތުގެ މައްސަލައަކަށް ކާމިޔާބީއެއް ލިބޭ މިންވަރަށް ތަހުގީގެއް ހިންގައި ދައުވާ އުފުލިފައި ނެތް ކަމަށެވެ.

ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި އެމްޑީޕީން އެންމެ ބޮޑަށް ފާހަގަ ކުރީ، އެ ޕާޓީ އުސޫލާއި ފިކުރަކީ ކޮރަޕްޝަނާއި ދެކޮޅުވުން ކަމަށެވެ. އަދި ހިޔަނާތުގެ ކިރިޔާ ވެސް ތުހުމަތެއް ކުރެވޭ މީހަކަށް، ސަރުކާރުގެ ތެރެއިން އެއްވެސް ޖާގައެއް ނުލިބޭނެކަމަށް ބުންޏެވެ.

ރިޔާސީ ވައުދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެމްއެމްޕީއާރުސީގެ ފައިސާއަށް ވީނުވީއެއް ހޯދައި ހިޔާނާތް ހިންގުމުގައި ބައިވެރިވީ މީހުންގެ މައްސަލަތައް ބަލާނެކަމަށް ބުނުން ހިމެނެ އެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު، 2020 ގައި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ ފައިސާ ވަނީ ގެއްލިފަ އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފު ގިނަ އަމަލުތަކެއް ފެންމަތިވި ވެންޓިލޭޓަރުގެ މައްސަލަ ބަލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިވީ ދެ އަހަރުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލޭވަރެއް ނުވެ އެވެ. އަދި އެންމެ ފަހުން އޭސީސީން ފަސް ވަނަ ފަހަރަށް، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވީ އެންމެ ތިން މީހުންގެ މައްޗަށެވެ. ނަމަވެސް އޮޑިޓު ރިޕޯޓުންނާއި، އޭސީސީން ހާމަކުރި މައުލޫމާތުތަކުން އެ ތުހުމަތުތައް ގާތްގަނޑަކަށް 15 މީހެއްގެ މައްޗަށް ކުރެވުނެވެ. އަދި އެ ނޫން ވެސް މީހުންގެ ބައިވެރިވުން އެކި ގޮތްގޮތުން އޮންނާކަމަށް ތުހުމަތު ކުރި އެވެ.

އެމްއެމްޕީއާރުސީ މައްސަލަތައް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލިއިރު، މިހާތަނަށް މެމްބަރުން ކުރި މަަސައްކަތެއްގެ ނަތީޖާ ފެންނަން ނެތެވެ. އަދި ގިނަ އަދަދެއްގެ ބައެއްގެ ނަން ހިމެނޭ ލިސްޓެއް އާއްމުވި އިރު އެ ލިސްޓުގައި ހިމެނޭ އެއްވެސް މީހަކާއި ތަހުގީގުގެ ބޭނުމަށް ސުވާލެއް ނުކުރެ އެވެ. ހިޔާނާތުގެ މައްސަލައިގައި ދައުވާތައް ކުރިޔަށް ދަނީ، ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކުރި ނަމަވެސް، މިހާތަނަށް ކޯޓުގައި އަޑުއެހުމެއް ކުރިޔަށް ގެންދެވިފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: